Advertisement

ޖުހާގެ ބައްޕަ ހެދި ގޮތަށް ހެދުމާއި، ދައުލަތުގެ އިދާރާތަކުން 'ފިޔަވަޅު އެޅުން'

17 މޭ 2024 - 08:19 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޖުހާގެ ބައްޕަ ހެދި ގޮތަށް ހެދުމާއި، ދައުލަތުގެ އިދާރާތަކުން 'ފިޔަވަޅު އެޅުން'

17 މޭ 2024 - 08:19 1

އަޅުގަނޑުމެން އެންމެން ދަންނަ ޖުހާ ގެންގުޅުނު ބައިސްކަލު ގެއްލިއްޖެ އެވެ. މިއީ ޖުހާ ނިކަން ލޯބިން ގެންގުޅުނު ބައިސްކަލެކެވެ. ބާޒާރުމަތީ ފިހާރައަކަށް ވަދެފައި ނުކުމެ ބެލިއިރު ބައިސްކަލެއް ނެތެވެ. އެ ބައިސްކަލު އަމިއްލަ އަށް ދުއްވާފައި ޖުހާއަށް ފިލާންވެގެން ނުދާނޭކަން ގައިމެވެ. އެހެންވީމާ ކޮންމެވެސް މީހަކު ޖުހާގެ ބައިސްކަލު ވަގަށް ނެގީކަން އެނގުނެވެ.

ޖުހާ ގާތަށް އައި ގަދަ ރުޅިން، މުޅި ރަށުގައި އިއުލާނެއް ކުރި އެވެ. ލިޔުމުންނާއި، ބާޒާރުމަތީ ގޮވައި އާންމުކުރި އިންޒާރުގެ އިއުލާނުގައި ބުނަނީ، 'މަގޭ ބައިސްކަލު ވަގަށް ނެގި މީހަކު ހަމަ މިހާރު ބައިސްކަލު ގެނެސް ހަވާލުކުރާށެވެ. އެހެން ނޫނީ ބައްޕަ ހެދި ގޮތަށް ހަދާނަމެވެ.'

ބައިސްކަލު ވަގަށް ނެގި ވަގު ކަލޭގެއަށް މި އިންޒާރު އަޑުއިވުނީ ސީދާ ޖުހާގެ ދުލުންނެވެ. އެ ބަސް އިއްވިއިރު އަޑުގައި ހުރި ސާބިތުކަމާއި، މޫނުމަތީގައި ހުރި ސީރިއަސްކަން ވީ ވަގު ކަލޭގެ ރޭނިދި ގެއްލުވައިލި ކަމަކަށެވެ. ޖުހާގެ ބައްޕަ އަމަލުކުރި ގޮތަށް އަމަލުކުރީމާ ނުކުމެދާނޭ ނަތީޖާއަކާމެދު ވިސްނައި މި ވަގު ކަލޭގެއަށް ލޮލު ފިޔައެއް ޖެހޭ ވަރެއް ނޫނެވެ. ލައްކަ ފިކުރެއް ކުރުމަށްފަހު މީނާ އެއްރޭ ދަންވަރު ވަރަށް ސިއްރުން ބައިސްކަލު ހިފައިގެން ޖުހާގެ ގޭދޮށަށް ގޮސް ޖުހާއާ ބައްދަލުކުރި އެވެ. އަދި ބިރުން ތުރުތުރު އަޅާ ހާލު އޭނާގެ ކުށަށް އިއުތިރާފުވެ ބައިސްކަލު ޖުހާއާ ހަވާލުކުރި އެވެ. ޖުހާގެ ދެފައިބުނޑަށް ވެއްޓި ރޮއިފައި މައާފަށް އެދުނެވެ.

ޖުހާ މީނާއަށް މައާފުކޮށްފިކަމަށް ބުނެ ބައިސްކަލާ ހަވާލުވެ ހިނގައިގަތުމުން މީނާ ބުނެ އެވެ. އެންމެ ކަމެއް ސާފުކޮށްދީބަލާށެވެ. ޖުހާގެ ބައްޕަ އަމަލުކުރީ ކިހިނެއް ހެއްޔެވެ؟ ޖުހާ ހެވިފައި ބުންޏެވެ. ބައްޕަ ހަމަ އަޅާވެސް ނުލާ އައު ބައިސްކަލެއް ގަތީ އެވެ.

އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ދައުލަތުގެ ބާރުގަދަ މުއައްސަސާތަކުން ދޭ ހަރުކަށި އިންޒާރުތަކެވެ. ބުނާނެ އެވެ. އެވެނި މިވެނި ކަމެއް މާބޮޑަށް އާންމު ވެއްޖެ އެވެ. މިކަމެއް ކުރާ ބަޔަކާމެދު މި އިދާރާއިން ހަރުކަށި ފިޔަވަޅު އަޅާނަމެވެ.

އިހަށް ދުވަހާ ޖެހެންދެން ދިވެހިންނަކީ ކިޔަމަންތެރި ބައެކެވެ. ނައިބު ބޭކަލުންނާއި ސަރުދާރުންނާއި ޚަތީބުންނާއި މުދިމުންނަށްވެސް ކުރީ މާބޮޑު އިހުތިރާމެކެވެ. ބަނޑޭރިގެއާ ގާތްނުވުމަށް ގާތުން ބޮލިކޮއްޓޭއެއް ދޭންޖެހުނަސް ވަރިހަމަކޮށްލަ އެވެ. ވެރިންގެ އަމުރަކީ ގާނޫނެވެ. މުޖުތަމައު ގަބޫލުކުރާ އުސޫލަކީ އުޅޭންޖެހޭ ގޮތެވެ. އެއިން ކަމަކާ ހިލާފުވެއްޖެ މީހަކަށް ދެވޭ އަދަބުތައް ފެނި، އެފަދަ ކަމަށް ހޮށަހޮޅިގަތުމަށް އޭރުގެ ދިވެހިން ދެކޮޅުހަދަ އެވެ. އެހައި ކިޔަމަންތެރި ބަޔަކު ސިއްރިއްޔާތުގައި ކުރާ ނޭއްގާނީ ކަމަކާ ގުޅިގެންވެސް ވެރިޔަކު ދޭ 'ފިޔަވަޅު އަޅާނަން' ކަމުގެ އިންޒާރަކީ މުޖުތަމައު އިސްލާހުކޮށްލުމަށް ފުދޭ ހަތިޔާރަކަށް ވެ އެވެ.

މިހާރު އެހެންތޯ އެވެ. ދިވެހިން ހޭނިއްޖެ އެވެ. ދައުލަތުގެ އިދާރާތަކުން 'ފިޔަވަޅު އަޅާނަން' ކަމަށް ބުނެ ދެނީ ހޮޅި އިންޒާރުކަން ދިވެހިންނަށް ދަސްވެއްޖެ އެވެ. މި އިންޒާރު ދޭ މީހާގެ މޫނުމަތިންވެސް އިހަށް ފެންނަ ސީރިއަސް ކަމެއް މިހާރަކު ނުފެނެ އެވެ. ހަރުކަށި ފިޔަވަޅު އަޅާނަން ކަމަށް އޭނާ ބުނާއިރު 'މިއީ އެހެން ބުނި އެއްޗެއް ނޫން' ކަމަށް މޫނުމަތީގައި ލިޔެފައި އޮވެ އެވެ.

މަގުމައްޗަށް ކުނިއަޅާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެތައް ފަހަރަކު އިންޒާރު ކުރެވުނެވެ. މަގު މައްޗަކުން ކުނި މަދެއް ނުވެ އެވެ. ބިދޭސީން ވިޔަފާރި ކުރުމުގެ ފޯރިއަކަށް ވެސް ބަދަލެއް ނާދެ އެވެ. ސޯޝަލް ހައުސިން އިން ލިބިފައިހުރި ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިންޒާރުކުރި އެވެ. އެކަން އޮތީ އަދިވެސް އެހެނެވެ. އެންމެ ފަހުން އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބުނީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާން މަސައްކަތް ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން ކަމަށެވެ. ބަލަންތިބޭނީ އެވެ.

މިކަހަލަ ކިތަންމެ އިންޒާރެކެވެ. އެހެން ނަމަވެސް އެ އިންޒާރުތަކާ ގުޅިގެން ކުރެވޭ ކަމެއް ނޯންނައިރު ބިރުގަންނަ މީހަކުވެސް މިހާރަކު ނެތެވެ. އެ ބުނީ ޖުހާގެ ބައްޕަ އަމަލުކުރި ގޮތަށް އަމަލުކުރާނޭ ވާހަކަކަން އެންމެންނަށް އެނގެ އެވެ.

މިއީ ދޮގެއްތޯ ބަލަން އިންޓަނެޓްގެ އެކި މަންސަތައް ބަލައި ހާވާށެވެ. ގޫގްލްގައި 'ފިޔަވަޅު އަޅާނަން' މިހެން ލިޔެ ހޯއްދަވާށެވެ. ފާއިތުވެދިޔަ ދަހަރެއްހައި ދުވަހު ދައުލަތުގެ އިދާރާތަކުން ދީފައިހުރި މިކަހަލަ އިންޒާރުތަކާއި އެ އިންޒާރުތަކަށްފަހު ކަންކަން ވެގެންދިޔަގޮތް ސާފުވާނެ އެވެ.

އަޅުގަނޑުމެންގެ ދައުލަތުގެ ހައިބަތު އަނބުރާ ގެންނާންޖެހެ އެވެ. ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާއަކުން ދައްކާ ވާހަކައަކީ ތޯތޯ ވާހަކައެއް ނޫންކަން ސާބިތުވާންޖެހެ އެވެ. ގާނޫނާއި ވެރިންނާއި ސަރުކާރު ދެކެ ރައްޔިތުންގެ މެދުގައި ޖެހިލުންވުމެއް އުފެދޭން ޖެހެ އެވެ. އެފަދަ ކަމެއް ނެތްނަމަ އެ މުޖުތަމައުގައި ރަނގަޅަށް ހިނގާނޭ ހަމަ އެއްކަމެއްވެސް ނޯންނާނެ އެވެ.