16 މޭ 2024 - 11:13 0
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ޗެތުރީ.--- ފޮޓޯ: އަދަދު
16 މޭ 2024 - 11:13 0
ބެންގަލޫރު، އިންޑިއާ (މެއި 16) - އިންޑިއާގެ ލެޖެންޑަރީ ސްޓްރައިކަރު، ސުނިލް ޗެތުރީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
އުމުރުން 39 އަހަރުގެ ޗެތުރީ، އިންޑިއާ ގައުމީ ޓީމަށް ކުޅޭނެ އެންމެ ފަހު މެޗަކީ، އަންނަ މަހު ކުވެއިތާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެވެ.
ވިއްސަކަށް އަހަރުވީ ގައުމީ ޓީމުގެ ކެރިއަރު ނިމުމަކަށް ގެންނަން ނިންމާފައިވާކަން ޗެތުރީ، އިއުލާނުކުރީ، މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގަ އެވެ.
އިންޑިއާ ގައުމީ ޓީމަށް 2005 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޗެތުރީ، ވަނީ އެ ޓީމަށް 145 މެޗުން 94 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި، މި ވަގުތު ކުޅޭ ކުޅުންތެރިންގެ ލިސްޓުގެ ތެރެއިން، ޗެތުރީ އަށް ވުރެ ކުރީގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ.
ޗެތުރީ ބުނީ، ގައުމީ ޓީމަށް ކުޅުން އަބަދުވެސް ދެކުނީ ފަހުރެއްގެ ގޮތުގައި ކަމަށާއި އުފާވެރި އަދި ހިތާމަވެރި ތަޖުރިބާތަކެއް ގައުމީ ޓީމާ އެކު އެކި ފަހަރު މަތިން ކުރަން ޖެހުނަސް، އަަބަދުވެސް ގައުމު ތަމްސީލްކުރެވޭ އުފާކުރެވޭ ކަމަށެވެ.
"އެކަމަކު މިދިޔަ ދޮޅު މަހެއްހާ ދުވަހު އަހަންނަށް އަބަދުވެސް އިހުސާސްވީ، ދެން ކުޅެން ޖެހޭނީ އަހަރެންގެ ފަހު މެޗޭ. އެއީ ބުނަން ނޭނގޭ އުނދަގޫ އިހުސާސެއް،" ޗެތުރީ ބުންޏެވެ.
މިއީ ރިޓަޔާކުރަން ރަނގަޅު ވަގުތު ކަމަށާއި، ފަހު މެޗުގެ 15-20 ވަރަކަށް މެޗު ކުރިން، އެކަން އިއުލާނުކުރަން ނިންމީ އަމިއްލަ ސިކުނޑި ވެސް މި ކަމަށް ތައްޔާރުވާން އެދޭތީ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.
ރިޓަޔާކުރަން ނިންމި ނިންމުމާ ބެހޭގޮތުން، ޗެތުރީ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަަގަކުރީ، މިއީ އަންނަން އޮތް ޖީލުތަކުގެ ސްޓްރައިކަރުންނަށް ފުރުސަތު ދޭންވީ ވަގުތުކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން، ދެން އަންނަ ފޯވާޑުން ވެސް ގައުމީ ޒިންމާ އިސްކޮށް، އިންޑިއާ ފުޓްބޯޅަ ކުރިއަރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.
އިންޑިއާ ގައުމީ ޓީމާ އެކު ޗެތުރީ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމާއި 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރުމާއި ތިން ފަހަރު ނެހްރޫ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި ދެ ފަހަރު އިންޓަ ކޮންޓިނެންޓަލް ކަޕް ހޯދުމުގެ އިތުރުން އެއް ފަހަރު، އިންޑިއާ ޓްރައިނޭޝަންސް ސީރީސް ކާމިޔާބު ކުރުން ހިމެނެ އެވެ.
Comment