Advertisement

އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން އައިސީޖޭއިން މަސައްކަތް ކުރަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުގެ ޝުކުރު

14 މޭ 2024 - 08:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަލަސްތީނަށް ކުރާ ތާއީދު ދެއްކުމަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން : ހަމަލާތައް ހުއްޓާލަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުން ވަނީ ރާއްޖެއަށް ޝުކުރުއަދާކޮށްފަ - ފޮޓޯ: އަދަދު


އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން އައިސީޖޭއިން މަސައްކަތް ކުރަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުގެ ޝުކުރު

14 މޭ 2024 - 08:43 0

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ގާޒާގެ ރަފާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވުމުން ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ޝުކުރުއަދާކޮށްފި އެވެ.

ރަފާއިން މިވަގުތު ފެންނަނީ މަރާއި ހިތާމައިގެ މަންޒަރުތަކެއް ކަމަށާއި އެ މަންޒަރުތައް ބަލަން، ބައިނަލްއަގުވާމީ ދުނިޔެ ހިމޭނުން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިއްޔެ ޕޯސްޓު ކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުންނެވެ.

އެގޮތުން ރައީސް ވަނީ ވަގުތުން ވަގުތަށް އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެކަން ކުރުމަށް އައިސީޖޭއިން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަފާއަށް ހަމަލާ ދޭން ފެށުމާއެކު އައިސީޖޭއިން އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލާ ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ރައީސް ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން ދެކުނު އެފްރިކާއިން ވަނީ އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ އައިސީޖޭއަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެފަހަރު އެ ކޯޓުން ހުކުމް ކުރީ ނަސްލު ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓާލުމަށެވެ. ނަމަވެސް އިޒްރޭލުން އެ ހުކުމް ބޮލާލައި ޖެހި އެވެ.

ރައީސްގެ ޕޯސްޓުގައި އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނެ ކަމަށާއި އެ ގައުމުގެ މިނިވަންކަމަށް ކުރާ ދަތުރުގައި ދިވެހިން އަބަދުވެސް ފަލަސްތީނާ އެކުގައި ވާނެ ކަމަށެވެ.

މި ޕޯސްޓު ހިއްސާކޮށް ފަލަސްތީނުގެ ދައުލަތުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ރާއްޖެއަށް ލިބިފައިވާ ޕްލެޓްފޯމުގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކޮށްފަ އެވެ.

ފަަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.