Advertisement

ވިޔަފާރީގެ މަޝްވަރާތަކަކަށް އިކޮނޮމިކް މިނިސްޓަރު ސައީދު ޔޫކޭއަށް ވަޑައިގަންނަވަނީ

12 މޭ 2024 - 17:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިކޮނޮމިކް މިނިސްޓަރު ސައީދު : ވިޔަފާރީގެ މަޝްވަރާތަކަކަށް މި މަހު 15 ގައި އިކޮނޮމިކް މިނިސްޓަރު ސައީދު ޔޫކޭއަށް ވަޑައިގަންނަވާނެ - ފޮޓޯ: ރައީސް އޮފީސް


ވިޔަފާރީގެ މަޝްވަރާތަކަކަށް އިކޮނޮމިކް މިނިސްޓަރު ސައީދު ޔޫކޭއަށް ވަޑައިގަންނަވަނީ

12 މޭ 2024 - 17:59 0

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބާއްވާ ރަސްމީ ވިޔަފާރީގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި މަހު 15 ގައި އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ވިޔަފާރީގެ މަޝްވަރާތަކެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް ސައީދު ވިދާޅުވީ، މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުންނެވެ.

"މި މަހުގެ 15 ވަނަ ދުވަހު އަޅުގަނޑުމެން ޔޫކޭއަށް އެބަދަން، ޔޫކޭއަށް އަޅުގަނދުމެން މި ދާ ދިއުމުގަ އަޅުގަނޑުމެން ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓު އެސޯސިއޭޝަންތަކާއި ފައިނޭންޝަލް ސެކްޓާގަ ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ރައުންޑް ޓޭބަލް ޑިސްކަޝަންތަކެއް ދާނެ،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ގައުމުގެ ބައެއް ވަޒީރުންނާއި ހައުސް އޮފް ލޯޑްސްގެ އިކޮނޮމިކް ކޮމިޓީގެ ބޭފުޅުންނާއެކު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ ފައިނޭންޝަލް ދާއިރާގެ ތަޖުރިބާ އާއި އިލްމު ހުރި ގައުމަކަށް ވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ރާއްޖެއިން އެ ގައުމާއެކު މަސައްކަތް ކުރަން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޖުލައި މަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަނަށް ސަރުކާރުގެ ޓްރޭޑް ވަފުދާއެކު ކުރައްވާ ދަތުރުގެ ވާހަކަ ވެސް ސައީދު ވަނީ މިއަދު ތަކުރާރުކުރައްވާފަ އެވެ. މި ދަތުރު ރޭވިފައިވަނީ ޖުލައި 10، އަކަށެވެ.

އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ މާލީ މުޅި ދާއިރާ ވަރުގަދަ ކުރުމަށްޓަކާ އެމެރިކާގެ އެހީތެރިކަން ހޯދުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.