Advertisement

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

12 އޮކްޓޯބަރު 2024 - 10:17 0

އޮލިމްޕަހުގައި ބޭއްވި ޝޯއެއް: މިއުޒިކް، ފިލްމު އުފެއްދުމަށް ވެސް ފަންޑުގެ ދަށުން ހުށަހެޅޭނެ -- ފޮޓޯ: ރައީސް އޮފީސް


ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

12 އޮކްޓޯބަރު 2024 - 10:17 0

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑުން ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.

ބީސީސީއިން ބުނީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ، އީޖާދީ އަދި ފަންނުވެރި މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ ބީސީސީގެ ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިން ސްކީމްގެ ދަށުންނެވެ.

އެ ސްކީމުގެ ދަށުން 50،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދުތަކުން ފައިސާ ދޫކުރާނެ އެވެ. ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތުގެ އުސޫލެއް ވެސް ބީސީސީއިން ވަނީ އާންމުކޮށްފަ އެވެ.

އެ ފަންޑުން ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ފިލްމު އުފެއްދުމުގެ ދާއިރާ އާއި މިއުޒިކް އުފެއްދުމުގެ ދާއިރާ އާއި އާޓް އެންޑް ކްރާފްޓް އަދި ކޮންޓެންޓް ކްރިއޭޝަނުގެ ދާއިރާއިންނެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑު ސަރުކާރުން އިފުތިތާހު ކުރީ ސެޕްޓެމްބަރު 18، ގަ އެވެ. ކްރިއޭޓިވް އިކޮނޮމީއެއް ބިނާ ކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.