Advertisement

ކުންފުނީގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ދެ ގަވާއިދެއް ގެޒެޓުކޮށްފި

12 އޮކްޓޯބަރު 2024 - 10:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން ގަވާއިދު އެކުލަވާލައި ވަނީ ގެޒެޓް ކޮށްފައި -- ފޮޓޯ: ރައީސް އޮފީސް


ކުންފުނީގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ދެ ގަވާއިދެއް ގެޒެޓުކޮށްފި

12 އޮކްޓޯބަރު 2024 - 10:30 0

ޖެނުއަރީ 1، 2024، ގައި އަމަލު ކުރަން ފެށި ކުންފުނީގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ދެ ގަވާއިދެއް ހަދައި ނިންމައި ބުރާސްފަތި ދުވަހު ގެޒެޓުކޮށްފި އެވެ.

ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލީ ޕްރައިވެޓް ކުންފުނީގެ ގަވާއިދުގެ އަދި ބޭރުގެ ކުންފުނި ރަޖިސްޓްރީ ކުރުމާ ގުޅޭ ގަވާއިދެވެ.

ޕްރައިވެޓް ކުންފުނީގެ ގަވާއިދަކީ ޕްރައިވެޓް ކުންފުނި އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި އުވައިލުމުގެ ހަމަތަކާއި ޕްރައިވެޓް ކުންފުނިތަކާ ބެހޭ ގޮތުން ރާއްޖޭގައި އަމަލު ކުރެވޭނެ އެ ނޫން ވެސް އުސޫލުތަކާއި އިޖުރާއަތްތައް ބަޔާން ކުރުމަށް އެކުލަވާލި ގަވާއިދެކެވެ.

އެ ގަވާއިދުގައި ޕްރައިވެޓް ކުންފުނި ރަޖިސްޓްރީ ކުރުމާއި ކުންފުނީގެ ބާވަތް ބަދަލު ކުރުން، ކުންފުނީގެ ދުސްތޫރު، ކުންފުނީގެ ސިއްކަ، ކުންފުނީގެ ނަން، ކުންފުނީގެ އެޑްރެސް، މެންބަރުންގެ އާންމު ޖަލްސާ، އާންމު ޖަލްސާގެ ޔައުމިއްޔާ އާއި ރެކޯޑުތައް، ކުންފުނީގެ ޑިރެކްޓަރުންނާ ބެހޭ ގޮތުން އުސޫލުތަކާއި ހަމަތައް ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން ހިއްސާ، ހިއްސާ ރައުސްމާލު ބަދަލު ކުރުން، ހިއްސާ އެކަށައެޅުމާއި ހިއްސާ ބަދަލުކުރުން، ހިއްސާ ރަހުނު ކުރުން، މާލީ ހިސާބުތަކާއި ރިޕޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ކުންފުނި އުވައިލުން،، ލިކުއިޑޭޓާ، އެޑްރިމިނިސްޓްރޭޓިވް ރެސްޓޮރޭޝަން، ކުންފުނިތަކުގެ ދަފްތަރު، ރަޖިސްޓްރާގެ ގެޒެޓު، ކުށާއި އަދަބު ވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.

ބޭރު ކުންފުނި ރަޖިސްޓްރީ ކުރުމާއި ބެހޭ ގަވާއިދަކީ، ބޭރު ކުންފުނި ރަޖިސްޓްރީ ކުރުމާއި އެ ކުންފުނިތައް ރާއްޖޭގައި ހަރަކާތްތެރިވުމާއި އެ ކުންފުނިތަކުގެ ރީ-ރަޖިސްޓްރީ ބާތިލުކުރުމާއި ރީ-ރަޖިސްޓްރީ ކުރެވޭ ބޭރު ކުންފުންޏާ ބެހޭ ގޮތުން ރާއްޖޭގައި އަމަލު ކުރެވޭ އެ ނޫން ވެސް އުސޫލުތަކާއި އިޖުރާއަތްތައް ބަޔާން ކުރުމެވެ.

އެ ގަވާއިދުގައި ކުންފުނީގެ ރެކޯޑުތައް ބަލަހައްޓާ ގޮތާއި އަހަރީ މާލީ ހިސާބުތައް ރަޖިސްޓާއަށް ހުށަހަޅައި، އިލެކްޓްރޯނިކް ޒަރީއާއިން ލިޔެކިޔުން ހުށަހެޅުމާއި ފައިލް ކުރުމުގެ އިތުރުން ރީ-ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތް ބަޔާން ކޮށްފައިވެ އެވެ.

މިހާރު އަމަލު ކުރަމުންދާ ކުންފުނިތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް އެކުލަވައިލައި ހިންގަން ޖެހޭނީ ރަޖިސްޓްރާ އެވެ. އެ ގަވާއިދުތައް، ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކުލަވައިލައި އާންމު ކުރަންޖެހޭނެ ކަމަށް ކުންފުނިތަކާ ބެހޭ ގާނޫނުގެ 247 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.

ނަމަވެސް އެ މުއްދަތު މިދިޔަ މާޗު 31، އަށް ހަމަވެފައިވާއިރު ގަވާއިދުތައް އެކުލަވާލާފައި ވަނީ އޮކްޓޯބަރު 10، ގައެވެ. ގަވާއިދުތައް އެކުލަވާލުން ދިގު ލައިގެން ދިޔުމާ ގުޅިގެން ބައެއް ގާނޫނީ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.