12 މޭ 2024 - 14:52 0
އަހުމަދު އާއިދު
މިއަދު އާންމު ކުރި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގެ ކުރެހުން: އިހަވަންދިއްޕޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
12 މޭ 2024 - 14:52 0
މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގެ ގޮތުގައި ތަރައްގީ ކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ހިމެނޭ ސަރަހައްދުގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައި ވާކަން ހާމަވެއްޖެ އެވެ.
އެ މަޝްރޫއު ކުރިއަށް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު ދިވެހި ސަރުކާރުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުރި ހަފުލާގައި އެ ސަރަހައްދުގެ ކުރެހުމެއް ދައްކާލި އެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ގާއިމުކުރާ އިހަވަންދިއްޕޮޅަކީ ގުދުރަތީ ގޮތުން ރާއްޖޭގެ އެންމެ އުތުރުގައި އޮތް އަތޮޅެވެ. ގުދުރަތީ އެ އަތޮޅުގައި ހިމެނެނީ ތުރާކުނު، އުލިގަމު، ހޯރަފުށި، އިހަވަންދޫ އަދި މޮޅަދޫ އެވެ. މީގެ ތެރެއިން ހޯރަފުށީގައި މިހާރު ޑޮމެސްޓިކް އެއާޕޯޓެއް އޮވެ އެވެ.
ކުރެހުން ދައްކާލި ތުރީޑީ (3D) އެނިމޭޝަން އިން ފެންނަ ގޮތުން އަލަށް ތަރައްގީކުރާ އެއާޕޯޓު އޮތީ ހޯރަފުއްޓަށް ވުރެ އުތުރުގަ އެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށި އޮންނަ ފަޅު އަދި އޭގެ ދެކުނުން ދިގުފަރުހުރާ އޮންނަ ފަރު ހިއްކާ އެ ދެ ރަށް ބުރިޖަކުން ގުޅާލާނެ އެވެ.
އެއާޕޯޓުގެ އިތުރުން މި ކުރެހުމުގައިވާ ގޮތުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މި ސަރަހައްދުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ އެވެ.
އެގޮތުން ތަރައްގީ ކުރެވޭ ތަންތަނުގެ ތެރޭގައި އިސްލާމިކް ފައިނޭންޝަލް ހަބެއް، ފިލްމް ސިޓީއެއް، ކުޅިވަރު ހަބެއް، ޔުނިވަސިޓީތަކާއި ދިރާސާތަކަށް ހާއްސަ ސަރަހައްދެއް، ކްރޫސް ޓާމިނަލަކާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ އިތުރުން ރެސިޑެންޝަލް އޭރިއާތަކެ ހިމެނެ އެވެ،،
މި ވިޔަފާރި ބަނދަރުގައި ބައިނަލްއަގްވާމީ ބަންކަރިން ހަބެއް ގާއިމުކުރުމަށް އެސްޓީއޯއިން ވަނީ މާޗު 13، ގައި ވިޓޯލް އާއެކު ޓާމް ޝީޓް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ.
Comment