Advertisement

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ނުފެށި ލަސްވަނީ ބަޖެޓު ހަމަނުޖެހިގެން: އާޒިމް

9 މޭ 2024 - 13:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޭޔަރު އާދަމް އާޒިމް : މޭޔަރު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ނުފެށި ލަސްވަނީ ބަޖެޓު ހަމަނުޖެހިގެން ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ނުފެށި ލަސްވަނީ ބަޖެޓު ހަމަނުޖެހިގެން: އާޒިމް

9 މޭ 2024 - 13:23 0

އެޗްޑީސީގެ ދަށުން ހިންގަމުން އަންނަ ހުޅުމާލެ ބެލެހެއްޓުމާއި އެ ރަށުގެ މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރަން ފެށުން ލަސްވަނީ ބަޖެޓު ހަމަނުޖެހިގެން ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމީ، ޑިސެމްބަރު 31، 2023 ގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭގެ މުނިސިޕަލްޓީގެ އެންމެހާ މަސައްކަތެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށެވެ. އެގޮތަށް ނިންމީ އެ ދުވަހު ބޭއްވި ވަޒީރުންގެ ކެބިނެޓުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ނިންމެވުމަށް މިހާރު ހަތަރުމަސް ވެފައިވާއިރު އަދިވެސް ހުޅުމާލެ މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި ނުވެ އެވެ.

އެކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެ މަސައްކަތް ނުފެށި ލަސްވަނީ ބަޖެޓު ހަމަނުޖެހިގެން ކަމަށާއި ފައިސާ ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި، ބަޖެޓު ގްރާންޓް ފޯމިއުލާގައި ހުރި ގޮތަށް ބަޖެޓު އެލޮކޭޓު ކުރެވުމުން، މާދަމާވެސް ހުޅުމާލެ މުނިސިޕަލް މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައިވެސް އާޒިމް ވަނީ، ހުޅުމާލޭގެ ކަންކަން ކައުންސިލުން ނުބަލާތީ ގިނަ ރައްޔިތުންގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް [ހުޅުމާލޭގެ ކަންކަން] ބެލޭނީ ބަޖެޓުން އެލޮކޭޓު ކޮށްދިނީމަތާ، ބަޖެޓު އެލޮކޭޓު ކުރާކަށް އެއްވެސް ދަތިކަމެއް ނެތް މިއަދަކުއެއް، މިހާ އެކުވެރިކަމާއެކު ކައުންސިލަކާ ސަރުކާރަކާ މަސައްކަތް ކުރަމުންދިޔަ އިރެއް ހިއެއް ނުވެ އައިހެނެއް."

އާޒިމް ވިދާޅުވީ ސަރުކާރުން ސިޓީ ކައުންސިލާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒުވެސް ވިދާޅުވަމުން ގެންދަވާއިރު މިކަން އަވަސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ނަމަވެސް މިހާތަނަށް އެ ރަށް ބަލަހައްޓަމުންދިޔައީ އެޗްޑީސީއިންނެވެ. އެޗްޑީސީއަކީ ސަރުކާރުގެ ކުންފުންޏެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބެލެހެއްޓުން ބަދަލު ކުރުމަށް މީގެ ކުރިން ވެސް އެ ކައުންސިލް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމީ، އަބަދުވެސް ހުޅުމާލެ ހިންގަމުން އައި ގޮތަށް އެޗްޑީސީގެ ދަށުން ހިންގުމަށެވެ.

އެ މައްސަލަގަނޑުގެ ތެރޭގައި ޑިސެމްބަރު، 2021، ގައި އެޗްޑީސީގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބިމެއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން އެންގީ ރަޖިސްޓްރީތައް ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އެޗްޑީސީއިން އަތުލުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ ސަރުކާރާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ފުއްދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.