Advertisement

ތަރިތައް އަދި ގުރަހައިގެ ވާހަކަ ނާސާގެ ސައިންޓަސްޓަކާއެކު

9 މޭ 2024 - 10:10 2

ޑރ. ތްރޫޕް މި ނޫހަށް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ނާސާއިން ކުރިއަށްގެންދިޔަ މުހިންމު މިޝަންތަކެއްގައި ބައިވެރިވެފަ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ތަރިތައް އަދި ގުރަހައިގެ ވާހަކަ ނާސާގެ ސައިންޓަސްޓަކާއެކު

9 މޭ 2024 - 10:10 2

ޑރ. ހެންރީ ތްރޫޕްއަކީ ނާސާގެ ޕްލެނެޓަރީ ސައިންސް ޑިވިޝަންގެ ޕްރޮގްރާމް ސައިންޓިސްޓެކެވެ. ތްރޫޕްގެ ދިރާސާތައް ހާއްސަވަނީ ސޯލާ ސިސްޓަމްގެ އެންމެ ބޭރާ ގުޅޭ ކަންކަމަށެވެ. އެ މައުޝޫއުގެ އިތުރުން ޕްލެނެޓްތައް ވަށައިގެންވާ ވަށްބުރުތަކާއި ޕްލެނެޓާއި ތަރިތައް އުފެދޭ ގޮތާއި އެސްޓްރޯބަޔޮލޮޖީ އާއޮ ދިރުން އުފެދުނު ގޮތާއި ޕްލޫޓޯގެ އެންމެ ކުޑަ ހަނދު، ސްޓައިކްސް، 2012 ވަނަ އަހަރު ހޯދި ގޮތާ ގުޅޭ 40 އަށް ވުރެ ގިނަ ލިޔުން ތްރޫޕް ލިޔުއްވާފައިވެ އެވެ.

ޕްލެނެޓްތަކުގެ ވަށައިގެންވާ ބުރުތަކާއި ޖުޕިޓާ އާއި ސެޓާން ވަށައިގެންވާ ހިރަފުސް ވަށްބުރުތަކާ ގުޅޭ ކަންކަމުގައި ތްރޫޕްއަކީ އެންމެ ތަޖުރިބާކާރި އެއް ސައިންޓިސްޓެވެ. ނާސާއިން ހިންގި ނިއު ހޮރައިޒަންސް މިޝަންގައި ބައިވެރިވެ، 2015 ވަނަ އަހަރު ޕްލޫޓޯ އަދި 2019 ވަނަ އަހަރު އެރޮކޯތްއާ ގުޅޭ ހޯދުންތައް ހޯދުމުގައި އޭނާ ބައިވެރިވި އެވެ.

ތްރޫޕް ރާއްޖެ ވަޑައިގެންނެވީ އެމެރިކާގެ އެމްބަސީން ހިންގި އެސްޓްރޮނޮމީ ސިލްސިލާ ޕްރޮގްރާމެއްގައި މައުލޫމާތު ދިނުމަށެވެ. ހުޅުމާލެ އާއި މާލޭގެ ގިނަ ސްކޫލްތަކެއްގައި ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ފަހު، ކ. ހުރާގައި ވެސް އާއްމުންނަށް މައުލޫމާތު ދިނުމަށް ހިންގި ސެޝަނެއްގައި ތްރޫޕް ބައިވެރިވި އެވެ.

1. ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދެން ބާރުއެޅި އެއްވެސް ކަމެއް ކުޑައިރު ކުރިމަތިވިތޯ؟

އަޅުގަނޑު އަބަދުވެސް ސައިންސްގެ ކަންކަމަށް ލޯބިކުރިން. އެއްޗެހި ރޫޅާފަ އަކުން ރޭވުން ކަހަލަ ކަންކަމަށް ވެސް ޝައުގުވެރިވި. މަންމައާއެކު ބޭރަށް ނުކުމެ އޯރިއަން ތަރިރަކަށް ބަލާ ހަނދާން އަދިވެސް ހުރޭ. އެންމެ ފުރަތަމަ ތަރިތަކާއި ޖައްވީ ކަންކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް. އެކަމަކު އެ ޝައުގުވެރިކަން ފަހުން އުފެދުނީ. ޔުނިވާސިޓީ ދުވަސްވަރު އަދި ޕޯސްޓް ގްރެޖުއޭޓް ދުވަސްވަރު މި ކަމަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީ.

ތަރިތަކުގެ ގެލެކްސީއެއް.


2. މި ދާއިރާ އިހްތިޔާރު ކުރަން ބާރުއެޅީ ކޮން ކަމެއްތޯ؟

ސެކަންޑަރީ ސްކޫލުގައި އުޅުނުއިރު، އަޅުގަނޑުގެ ފިޒިކްސް ޓީޗަރު، އެއީ ވަރަށް ބަރާބަރު ޓީޗަރެއް. އަޅުގަނޑުމެންގެ ވަށައިގެންވާ ހުރިހާ އެއްޗަކަށް ފިޒިކްސްގެ ނަޒަރަކުން ބަލައި، އަގުވަޒަން ކުރަން ދަސްކޮށްދިން. ދެން އަޅުގަނޑު ހިތަށް އެރީ، ވަށައިގެން މި އޮތީ ހުސް ފިޒިކްސްއޭ. އެކަމުގެ ތެރެއިން ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދި ފިޒިކްސްގެ ދާއިރާއިން ޑިގްރީ ފެށީ. ދެން އޭގެ ފަހުން ކުރިއަށް ދާނެ ގޮތަކާ މެދު ވިސްނާފައި އެސްޓްރޮނޮމީގެ ކޯސްތައް ފެނިފައި އަނެއްކާވެސް ޝައުގު އުފެދިއްޖެ. ދެން މާސްޓާޒް އާއި ޕީއެޗްޑީ ވެސް ނިންމީ. މި ދާއިރާއަށް ވަދެވުމުން ލިބުނީ ވަރަށް ބޮޑު އުފަލެއް.

3. މި މަސައްކަތުގައި އެންމެ ގަޔާވާ ކަމަކީ ކޮބާ؟

އެންމެ ގަޔާވާ ކަމަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަންކަން ހޯދައި ދެނެގަނެ، އިލްމު އިތުރު ކުރަން މަސައްކަތް ކުރެވޭތީ. މީގެ 400 އަހަރު ކުރިއަށް ބެލިޔަސް އަޅުގަނޑުމެންގެ ވަށައިގެންވާ ކައުނާ ބެހޭ ގޮތުން މާބޮޑު އެއްޗެއް ނޭނގޭ. ޕްލެނެޓްތަކަކީ ކޮބައިކަމެއް ނޭނގޭ. ތަރިތަކަކީ ކޮބައިކަމެއް ވެސް ނޭނގޭ. އިރާއި ހަނދާއި ބިމާއި، މި ހުރިހާ އެއްޗެއްގެ މެދުގައި އޮންނަ ގުޅުމެއް ނޭނގޭ. އެތައް ސަތޭކަ އަހަރެއްގެ މަތިން އެތައް ހާސް ބަޔަކު އެކުގައި ކުރި މަސައްކަތުން، މިހާރު މި ކައުނުގެ އޮނިގަނޑާއި ކައުނުގައި ކަންކަން ހިނގާ ގޮތުގެ ކޮންމެވެސް ވަރެއް އެބަ އެނގޭ.

4. ރާއްޖޭގައި މިހާތަނަށް ބޭއްވި ސެޝަންތަކުގައި ރަނގަޅު ތަރުހީބެއް ލިބުނުތޯ؟

ރާއްޖެ އާދެވުމަކީ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ގިނަ އަދަދެއްގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ބައެއް ކޮމިއުނިޓީ ޕްރޮގްރާމްތައް ހިންގައިފިން. ރަށެއްގައި ވެސް އެއް ދުވަސް ހޭދަކޮށްފިން. އަބަދުވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ނާސާގެ މަސައްކަތްތަކާ ގުޅޭ ގޮތުން. ނާސާގެ އެކިއެކި މަޝްރޫއުތަކުގެ ވާހަކަ ދައްކަން އަޅުގަނޑު ވެސް ޝައުގުވެރިވޭ. ދެން، އަޅުގަނޑުމެން ވާނީ ޓެލެސްކޯޕް ބޭނުންކޮށްގެން ވެސް ހަރަކާތްތައް ހިންގާފައި. އިރު ބެލުން ކުރިއަށް ދިޔަ އެއީ ދުވާލު މިކަން ބޭއްވީމަ. އިރަކީ އަޅުގަނޑުމެންނާ އެންމެ ގާތުގައިވާ ތަރި. ދުވާލު ވަގުތު ކަމުގައި ވިޔަސް ނުވަތަ ރޭގަނޑު ކަމުގައި ވިޔަސް، ޓެލެސްކޯޕު ބޭނުންކޮށްގެން ބަލައިލަން އެންމެ ރަނގަޅު އެއް ތަރި އިރަކީ. އުޑުން ފެންނަ ހުރިހާ އެއްޗެއްގެ ތެރެއިން ވެސް އިރަކީ އެންމެ ޝައުގުވެރި އަދި މެދުނުކެނޑި އަބަދުވެސް ބަދަލުވަމުންދާ އެއްޗެއް. އެހެންވީމާ ދަރިވަރުންނާއި އާއްމުންނާ އެކު ކުރަން އެއީ ވަރަށް މަޖާ ކަމެއް.

ޓެލެސްކޯޕުން އިރު ބަލަނީ.


5. މި ދާއިރާއަށް ޝައުގުވެރިވާ މީހުންގެ ފަރާތުން އެންމެ ގިނައިން ކުރިމަތިވާ ސުވާލުތަކަކީ ކޮބައިތޯއެވެ؟

ފަލަކީ އިލްމުވެރިއެއްގެ ގޮތުގައި އަޅުގަނޑަށް އެންމެ އާންމުކޮށް ކުރިމަތިވާ އެއް ސުވާލަކީ، އަޅުގަނޑު އޭލިއަނުންނާ މެދު ދެކޭ ގޮތާއި، ކައުނުގައި އެހެން އެއްވެސް ދިރުމެއްވެދާނެ ކަމާ މެދު އަޅުގަނޑު ދެކޭ ގޮތް. އެއީ ހަގީގަތުގައި ނާސާއިން ކުރަމުންދާ ވަރަށް ގިނަ ދިރާސާތަކުގެ މައިގަނޑު. މި ކައުނުގައި އުޅެނީ އަޅުގަނޑުމެން އެކަނިތޯ؟ އެހެން ތަނެއްގައި ދިރުމެއް ވޭތޯ؟ އަޅުގަނޑުމެންގެ ސޯލާ ސިސްޓަމް އަދި އެ ސޯލާ ސިސްޓަމްގެ ބޭރުން ވެސް ދިރުމެއް ފެނިދާނެތޯ؟ އެއީ މި ނިމުނު ހަފްތާގައި ވެސް އަޅުގަނޑަށް އެންމެ ގިނައިން ކުރިމަތިވި ސުވާލު. ސެޝަންތަކުގައި އަޅުގަނޑު މައުޟޫއެއަށް ވާހަކަ ވެސް ދެއްކިން. އޭގެ އިތުރުން، ނާސާ އާއި ބައިނަލްއަގްވާމީ އެހެން ޖައްވީ އިދާރާތަކުން ދިރުމުގެ އަސްލު ހޯދައި، ދުނިޔެ ނޫން ތަނަކުން، ސޯލާ ސިސްޓަމްގެ ވެސް ބޭރުން މި ކައުނުގެ ކޮންމެވެސް އެހެން ހިސާބެއްގައި ދިރުން ހުރިތޯ ބެލުމަށް ކުރަމުންދާ އެކި މަޝްރޫއުތަކުގެ ވާހަކަ އަޅުގަނޑު ހިއްސާކުރިން.

6. އެސްޓްރޯފިޒިސިސްޓުން ހައްލުކުރަން މަސައްކަތްކުރާ ބޮޑެތި ނޭނގޭ ކަންކަމަކީ ކޮބައިތޯ؟

އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ބޮޑު ސުވާލަކީ، މި ކައުނުގައި އެހެން ދިރުމެއްވޭތޯ އުފެދޭ ސުވާލު. މިތަނުގައި ތިބީ ހަމައެކަނި އަޅުގަނޑުމެންތޯ؟ ނުވަތަ ކައުނުގެ އެހެން ތަނެއްގައި ދިރުން އެބައޮތްތޯ؟ ކައުނުގެ އަސްލާ ގުޅޭ ވަރަށް ބޮޑެތި ސުވާލުތަކެއް އެބަހުރި، އެކަމަކު މި ހުރިހާ ކަމެއް މަޑުމަޑުން ސާފުވަމުންދޭ. އަޅުގަނޑުމެންނަށް އާ ކަންކަން ފެންނަ ވަރަކަށް އުފެދޭ ސުވާލުތައް ގިނަވާނެ. އަޅުގަނޑަށް އެންމެ ބޮޑު ސުވާލަކީ، މި ކައުނުގައި އުޅެނީ އަޅުގަނޑުމެން އެކަނިތޯ؟ ނުވަތަ އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގެ ތެރޭގައި ނުވަތަ އޭގެން ބޭރުގައި ދިރުމެއްވޭތޯ؟ ނާސާއިން ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި މަސައްކަތް ކުރަމުންދާ ވަރަށް ގިނަ މަޝްރޫއުތަކުން އެ ބޮޑު ސުވާލަށް ޖަވާބު ހޯދަން މަސައްކަތް ކުރޭ.

7. އެހެން ޕްލެނެޓަކުން ދިރުމެއް ފެނުމުގެ ފުރުސަތަކީ ކޮބައިތޯއެވެ؟

މި ކައުނުގެ ސައިޒަށް ބަލާއިރު، އަޅުގަނޑުމެންގެ ގެލެކްސީގައި، މިލްކީވޭ ގެލެކްސީގައި، ގާތްގަނޑަކަށް ސަތޭކަ ބިލިއަން ތަރި އެބަވޭ. އެއީ އެކަކަށް ފަހު އެގާރަ ސުމެއް އަންނަ އަދަދެއް. ދެން ކައުނުގެ ބާކީ އޮތް ބައިގައި، އެބަވޭ ސަތޭކަ ބިލިއަން ގެލެކްސީ. ​​އެ ގެލެކްސީތަކަކީ ސްޕައިރަލް ބައްޓަމަށް ހުންނަ ތަރިތަކުގެ ގުރޫޕްތަކެއް. އޭގެން ކޮންމެ ތަރިއެއް ވަށައިގެން ދިހަ ޕްލެނެޓް ހުރުން އެކަށީގެންވޭ. އެހެންވީމާ މި ހުރިހާ އެއްޗެއް އެއްކޮށް ގުނަކޮށްލީމަ މި ލިބެނީ ވަރަށް ވެސް ބޮޑު ނަންބަރެއް. އެއީ އެކަކަށް ފަހު ތޭވީސް ސުމެއް އަންނަ އަދަދެއް. މި ކައުނުގައި އެހާވެސް ގިނަ ޕްލެނެޓް އެބަވޭ. އަޅުގަނޑަށް ހީވަނީ، ހަމަ ތަފާސްހިސާބުތަކުން ބަލާއިރު، ކައުނުގެ އެ ހުރިހާ ތަރިތަކެއްގެ ތެރޭގައި ކޮންމެވެސް ތަނެއްގައި ދިރުމެއް ވެދާނެ ކަމަށް.

8. މިހާތަނަށް ފެނުނު ދުނިޔެއާ އެންމެ އެއް ގޮތް ޕްލެނެޓަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގައި ވެސް އަދި އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގެ ބޭރުން ވެސް އެކަމަށް ޖަވާބު ދެވިދާނެ. މި ދުނިޔެއަކީ ވަރަށް ހާއްސަ ތަފާތު ދުނިޔެއެއް. ދުނިޔެ މި އޮންނަނީ ބެލެންސް ޕޮއިންޓެއްގައި. ދުނިޔެއަށް މާ ބޮޑަށް ހޫނު ނުވަނީ އިރާ މާ ގާތް ނުވީމަ. މާ ބޮޑަށް ފިނި ނުވަނީ އިރާ މާ ދުރު ނުވީމަ. އަޅުގަނޑުމެން މި ތިބީ އެންމެ ފުރިހަމަ ބެލެންސް ޕޮއިންޓުގައި، އެހެންވެ މި ދުނިޔޭގައި ދިޔާ ފެން އެކުލެވެނީ. އެ ދިޔާ ފެނަކީ ދިރުމެއް ދެމިއޮތުމަށް އެންމެ މުހިއްމު އެއް އަސާސް. ސޯލާ ސިސްޓަމްގެ އިތުރަށް ބޭރަށް ދާވަރަކަށް ތަންކޮޅެއް ފިނިވެގެންދޭ. ޖުޕިޓާ އާއި ސެޓާންގެ ބައެއް ހަނދުތަކުގައި ދިރުންތައް ހުރެދާނެ ފަދަ މާހައުލުތައް އެބަ ހުރި. އެކަން އަޅުގަނޑުމެން އިތުރަށް މި ބަލަނީ. ސޯލާ ސިސްޓަމުން ބޭރުގައި، އެހެން ޕްލެނެޓަރީ ނިޒާމުތަކުގައި، އެހެން އެތައް ޕްލެނެޓްތަކެއް އެބަހުރި. މި ސޯލާ ސިސްޓަމްގައިވާ ޕްލެނެޓްތައް ހާ ސާފުކޮށް އެ ޕްލެނެޓްތަކެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވެ، މި މަސައްކަތުގައި ބޭނުންކުރަން ޖެހެނީ ޓެލެސްކޯޕް. ޖައްވީ އުޅަނދުތަކުގައި އެ ހިސާބަށް ދެވޭނެ ގޮތެއް ވެސް އަދި ނެތް. އެކަމަކު ކައުނުގައި އެތައް ހާސް ޕްލެނެޓްވާ އިރު، އޭގެ ތެރޭގައި އެބަ ހިމެނޭ ދުނިޔޭގެ ބައެއް ހިސާބުތަކުން ފެންނަ ފިނިހޫނުމިނާއި އެއްގޮތް އަދި އެހެން ސިފަތައް ވެސް އެއް ގޮތް ޕްލެނެޓްތައް.

9. ފަލަކީ ޢިލްމުގެ އެހީގައި ދުނިޔޭގެ ހާލަތު ރަނގަޅު ކުރެވޭނީ ކިހިނެއްތޯ؟

ތިއީ ވަރަށް ރަނގަޅު ސުވާލެއް. ނާސާއިން ބޮޑަށް ދިރާސާކުރަނީ ކައުނުގައިވާ ހުރިހާ އެއްޗެއް. އަޅުގަނޑުމެން ދިރާސާކުރަނީ ކައުނުގެ ބޮޑު ސްޓްރަކްޗާ. އަޅުގަނޑުމެން ދިރާސާކުރަނީ ތަރިތަކާއި މިލްކީވޭ ގެލެކްސީ އާއި ސޯލާ ސިސްޓަމާއި އިރާއި ހަނދާއި ދުނިޔެ ވެސް ހިމެނޭ ގޮތަށް. ނާސާއިން ދުނިޔޭގެ ބިމުގެ ފަށަލައިގެ އަޑި ނުވަތަ އެތެރެ އެހާ ބޮޑަށް ދިރާސާ ނުކުރޭ. އެކަމަކު ދުނިޔޭގެ ޖައްވާއި ކަނޑުތައް ދިރާސާކުރުމަށް ގިނަ އަދަދެއްގެ ސެޓެލައިޓްތައް ނާސާއިން ބޭނުންކުރޭ. ނާސާގެ ދައުރަކީ ދިރާސާތަކުން އެއްކުރާ ޑޭޓާތައް އާއްމުންނަށް ބެލޭނެ ގޮތް ހެދުމާއި މި ޑޭޓާ ޑައުންލޯޑްކޮށް ދިރާސާ ކުރަން ބޭނުންވާ ކޮންމެ މީހަކަށް ހިލޭ އެ ފުރުސަތު ފަހިކޮށްދިނުން. ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ކަންކަމުގައި ނާސާގެ ސެޓެލައިޓް ޑޭޓާއަށް ބިނާކޮށް އާންމު ސިޔާސަތު ކަނޑައެޅޭނެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅުގަނޑުމެން އިންސާނުންގެ ހައިސިއްޔަތުން އަޅަންވީ ފިޔަވަޅުތަކާއި ގެންނަން ޖެހޭ ބަދަލުތައް ވެސް ދެނެގަނެވޭނެ.

10. ނާސާގެ ނިއު ހޮރައިޒަންސް މިޝަންގައި ޑރ. ތްރޫޕްގެ ދައުރު ސިފަކުރާނީ ކިހިނެއްތޯ؟

އަޅުގަނޑަކީ މި މިޝަންގައި ސައިންސް ޓީމްގެ އެއް މެމްބަރެއްގެ ގޮތުގައި އުޅުނު މީހެއް އަދި އަޅުގަނޑުމެން އެންމެން ތަފާތު އެތައް އެތައް ދައުރެއް އަދާކުރިން. ނިއު ހޮރައިޒަންސް މިޝަނަކީ 2006 ވަނަ އަހަރު ފެށުނު ނާސާގެ މިޝަނެއް. އެ ޖައްވީ އުޅަނދު ދުނިޔެއިން ފެށިގެން ޕްލޫޓޯއާ ހަމައަށް ފޯރަން ނުވަ އަހަރު ހޭދަވި. ޕްލޫޓޯ އަކީ މި ސޯލާ ސިސްޓަމްގައި އެންމެ މަދު ދިރާސާތައް ކުރެވިފައިވާ ތަން. 2015 ވަނަ އަހަރު ޕްލޫޓޯއާ ހަމައަށް ގޮސް، އެ ޖައްވީ އުޅަނދު އަދިވެސް ސޯލާ ސިސްޓަމްގެ އެންމެ ބޭރު ހިސާބަށް ދަތުރު ކުރުން ހުއްޓާ ނުލައި. މި މިޝަންގެ ގިނަ ތަހުލީލުތަކުގައި އަޅުގަނޑު ބައިވެރިވިން. ޕްލޫޓޯ ވަށައިގެންވާ ވަށްބުރުތަކާއި ދުމުގެ ވަށްބުރުތަކާ ގުޅޭ ދިރާސާތައް ކުރިން. ޕްލޫޓޯއަށް ވުރެ ދުރުން ފެނުނު އެރޮކޯތު ނަމަކަށް ކިޔާ ތުއްތު ޕްލެނެޓެއްގެ ދިރާސާތަކުގައި ވެސް ބައިވެރިވިން.

ޓެލެސްކޯޕުން އިރު ފެންނަ ގޮތް.


11. މި މިޝަންގެ އެންމެ ފަހުގެ ހޯދުންތަކަކީ ކޮބައިތޯ؟

ނިއު ހޮރައިޒަންސް މިޝަން އާއެކު 2015 ވަނަ އަހަރު ޕްލޫޓޯ ފަހަނަ އަޅައި ޖައްވީ އުޅަނދު ދިޔައީ. ދެން މިހާރު އެ ދަތުރު ކުރަމުން ދަނީ ސޯލާ ސިސްޓަމްގެ އެންމެ ބޭރުން. ނާސާގެ ކޮންމެ މިޝަނަކާއެކު، އެއީ ރަނގަޅު ސައިންސް ނުވަތަ ދިރާސާ ހޯދެމުންދާ ނަމަ، އަޅުގަނޑުމެން ބޭނުންވަނީ އެ ސައިންސް މެދުކެނޑުމެއް ނެތި ދުނިޔެއަށް އަންނަމުން ދިޔުމަށް. މިވަގުތު ސޯލާ ސިސްޓަމްގެ އެންމެ ބޭރުން އިތުރު ޕްލެނެޓްތަކެއް ނުފެނޭ. އެކަމަކު އަޅުގަނޑުމެން ދިރާސާ ކުރަމުންދާ ކުދިކުދި ކައިޕާ ބެލްޓްގެ (ސޯލާ ސިސްޓަމްގެ އެންމެ ބޭރު) ބައެއް ތަކެތި އެބަ ހުރި. އެންމެ މުހިންމު ކަމަކީ ހަގީގަތުގައި އިރު ދިރާސާ ކުރުން. އަޅުގަނޑުމެންނަށް އިރުގެ ވައި ދިރާސާކޮށް، އިރުގައި ހުންނަ މެގްނެޓިކް ފީލްޑްތައް ދިރާސާކޮށް، އިރުން ނުކުންނަ ޕާޓިކަލްތައް ދިރާސާކޮށް، އެ ހުރިހާ ކަމެއް ޖައްވުގެ މާހައުލާ މުއާމަލާތްކުރާ ގޮތް ފެނި، ނިއު ހޮރައިޒަންސް މިޝަނުން މިހާރު ކުރަމުންދާ އެންމެ ޝައުގުވެރިކަމަކީ އެއީ.

12. ޑރ. ތްރޫޕްގެ ފެވަރިޓް ޕްލެނަޓީ ޕްލޫޓޯތޯ؟

މީގެ 20 އަހަރު ކުރިން ޕްލޫޓޯގެ އެންމެ ސާފު ފޮޓޯއަކީ ހަބަލް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ ފޮޓޯއެއް އެކަމަކު އެއީ އެންމެ ޕިކްސެލްއެއް. މިހާރު ނިއު ހޮރައިޒަންސް މިޝަނާއެކު އަޅުގަނޑުމެންނަށް ހަމަ ޕްލޫޓޯއާ ބެހޭ އިންގިލާބީ އާ މައުލޫމާތުތަކެއް ލިބިއްޖެ. އަޅުގަނޑުމެންނަށް މި އާ ފޮޓޯތައް ލިބިފައިވަނީ އެތައް ހާސް ޕިކްސެލްތަކެއްގައި. އަޅުގަނޑުމެންނަށް މިހާރު ސާފުވޭ ޕްލޫޓޯއަކީ މަރުވެފައިވާ އައިސް ގަނޑު ދުނިޔެއެއް ނޫންކަން. އެކަމަކު، އެއީ ޖިއޮލޮޖިކަލީ އެކްޓިވް ތަނެއް. އަޅުގަނޑުމެންނަށް އެބަ ފެނޭ އައިސް "އަލިފާން ފަރުބަދަ" ޕްލޫޓޯގައި ގޮވާ މަންޒަރު. އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގައި ހުރި އެހެން ގިނަ ޕްލެނެޓްތަކުގައިވާ ފަރުބަދަތަކަށްވުރެ އުސް، ހަތަރު ކިލޯމީޓަރުގެ ދިގު އައިސްގަނޑުތައް ޕްލޫޓޯގައި އެބަހުރި. ޕްލޫޓޯގެ ބައެއް ސަރަޙައްދުތަކުގައި މޮލެކިއުލްތަކެއްވާކަން އެބަ އެނގޭ. މާނައަކީ ދިރުމެއް ނެތް ނަމަވެސް ދިރުމަކަށް މުހިއްމު ހައިޑްރޯޖަން އާއި ކާބަން ފަދަ ބައެއް ކެމިކަލްތައް އެބަ ހުއްޓޭ. އެހެންވީމާ، އެއް ސަރަހައްދުގައި އޯގެނިކް މޮލެކިއުލްތައް، ގަނޑުވެފައިވާ ނައިޓްރޮޖަންގެ ބޮޑެތި ކަނޑުތަކާއި، އަބަދު ބަދަލުވަމުން ޖައްވެއް ޕްލޫޓޯގައި އެބަވޭ. އެހެންވެ، އެއީ ވަރަށް ޝައުގުވެރި ޕްލެނެޓެއް. އެންމެ ޝައުގުވެރި ޕްލެނެޓް.

13. ސްޓައިކްސް ހޯދުމުގައި ކުރި ތަޖުރިބާ ކިޔައިދެވިދާނެތޯ؟

އަޅުގަނޑު ވެސް ހުރީ ސްޓައިކްސް ހޯދި ޓީމުގެ މެންބަރެއްގެ ގޮތުގައި. ޓީމުގައި ދިހަވަރަކަށް މީހުން ތިބި. އަޅުގަނޑުމެން ހަބްލް ސްޕޭސް ޓެލެސްކޯޕް ބޭނުންކޮށްގެން އޭރު ހޯދަމުން ދިޔައީ އެހެން އެއްޗެއް. އެއީ ޕްލޫޓޯގެ ވަށައިގެންވާ ވަށް ބުރުތައް. އެއީ، ނިއު ހޮރައިޒަންސްގެ ޖައްވީ އުޅަނދު ޕްލޫޓޯ ކައިރިން ދަތުރުކުރަން ޖެހޭ މަގަކީ ރައްކާތެރި މަގެއްކަން ޔަގީން ކުރަން ހިންގި ދިރާސާއެއް. އެ އުޅަނދުގެ ބާރުމިނުގެ ސަބަބުން، ހިރަފުސް ގަނޑެއްގެ ތެރެއިން ދިޔުމަކީ ވެސް އުޅަނދަށް ނުރައްކާ އޮތް ކަމެއް. ޓެލެސްކޯޕުން ނެގޮ ފޮޓޯ ލިބުނު އިރު، ދެން ޓީމުން ދިރާސާކުރަން ފެށިއިރު، ޓީމުގެ އެއް މެމްބަރަކަށް ފެނުނީ އޭގައި ހުރި އާ ސެޓެލައިޓްގެ މަންޒަރު. އެއީ ޕްލޫޓޯ ވަށައިގެން ދަތުރުކުރާ ފަސްވަނަ ހަނދު ކަމަށްވާ ސްޓައިކްސް ހޯދުނު ގޮތް.

14. އެސްޓްރޯފިޒިކްސް އަދި ކޮސްމޮލޮޖީއަށް ޝައުގުވެރިވާ ދަރިވަރަކަށް ދޭނީ ކޮން ނަސޭހަތެއް ހެއްޔެވެ؟

އަޅުގަނޑު ދަރިވަރުންނަށް ދޭނެ ނަސޭހަތަކީ، ކުރިއަށް ދާނެ ޝައުގު ހުރި ނަމަ، ހުއްޓާ ނުލާށޭ. ސްކޫލުގައި ކިޔެވެން އޮތް މިންވަރަކަށް ކިޔަވައިގެން ޔުނިވާސިޓީއަށް ގޮސް، ފިޒިކްސް ކިޔަވަމުން ދިޔަޔަސް، ކެމިސްޓްރީ ކިޔަވަމުން ދިޔަޔަސް، އެސްޓްރޮނޮމީ ކިޔަވަމުން ދިޔަޔަސް ނުވަތަ ބަޔޮލޮޖީ ކިޔަވަމުން ދިޔަޔަސް، ކޮންމެ ގޮތެއް ވިޔަސް، ޝައުގު ހުރި ނަމަ، ހުއްޓާ ނުލާށޭ. ދެން ޔުނިވާސިޓީއަށް އާދެވުމުން ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކަށް ބަލާއިރު އަދިވެސް އެކަމަށް ޝައުގުވެރިކަން ހުރި ނަމަ، އަދި މިހާރު ދުނިޔޭގައި ހިނގަމުންދާ ދިރާސާތަކަށް ކޮންޓްރިބިއުޓް ކުރަން ބޭނުންނަމަ، ކުރިއަށް ދާށޭ. މާސްޓާޒް ނުވަތަ ޕީއެޗްޑީ ހާސިލް ކުރުމަށްޓަކައި އެމެރިކާގައި މި ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދޭ. ވަރަށް ގިނަ ފަހަރު، އެސްޓްރޮނޮމީ އާއި ފިޒިކްސްގެ ދާއިރާތަކުން ކިޔަވާ ނަމަ، އެމެރިކާ ސަރުކާރުން ކޯހުގެ ހަރަދުތައް ހަމަޖައްސައިދޭނެ. އެއީ މި ދާއިރާގެ ތަޢުލީމަކީ އެމެރިކާ އާއި ނާސާއަށް ވަރަށް މުހިއްމު އެއްޗަކަށް ވާތީ. ދަރިވަރުންނަށް ތަޢުލީމު ދިނުމުން އެކަޑަމިކް ގޮތުން ތަމްރީނު ލިބިފައިވާ ފަލަކީ އިލްމުވެރިންނާއި، އެސްޓްރޮފިޒިސިސްޓުންނާއި ސައިންސްވެރިންގެ އަދަދު އިތުރުވުމަކީ ދުނިޔެއަށް ލިބޭ ކުރިއެރުމެއް.

15. މި ދާއިރާއިން ރާއްޖެއަށް އޮތް ކުރިމަގު ފެންނަނީ ކިހިނެއްތޯ؟

އަޅުގަނޑާ ދިމާވި ވަރަށް ގިނަ ކުދިން ބުނި ވާން ބޭނުންވަނީ އެއިރޮސްޕޭސް އިންޖިނިއަރަކަށް ނުވަތަ އެސްޓްރޯފިޒިސިސްޓަކަށް ނުވަތަ އެސްޓްރޮނޯޓަކަށް ވާން ބޭނުންވާ ކަމަށް. އެ ވިސްނުމުގައި އެބަ ތިބި ރާއްޖޭގެ ވަރަށް ގިނަ ކުދިން. އަޅުގަނޑު މި ސެޝަންތައް ނަގައިދިން އެހެން ހުރިހާ ގައުމުތަކަށް ވުރެ ވެސް ބޮޑަށް ރާއްޖޭގެ ކުދިން މިކަމަށް ޝައުގުވެރިވި. އަޅުގަނޑަށް އެނގޭ އެއީ ހަގީގަތުގައި ވެސް އެ ކުދިން ކުރާ އުއްމީދުކަން. އޭގެ ތެރެއިން ވަރަށް ގިނަ ކުދިން އެ އުއްމީދު ހާސިލް ވެސް ކުރާނެ. އެ ކުދިންގެ ޝައުގާއި އުއްމީދުތައް ފެނިފައި ހަގީގަތުގައި ވެސް ވަރަށް އުފާވޭ.

ޑރ. ތްރޫޕް ދަރިވަރުންނާ އެކު.


15. ޑރ. ތްރޫޕްގެ އިންސްޕިރޭޝަނަކީ ކޮބައިތޯ؟

އަޅުގަނޑު އިންސްޕަޔާވަނީ ޝައުގުވެރިކަން ހުންނަ މީހުންގެ ފަރާތުން. ޝައުގުވެރިކަން ހުރެގެން ސުވާލުކޮށް ނިކުމެ އެ ސުވާލުތަކަށް ޖަވާބު ހޯދާ މީހުންގެ ފަރާތުން. އެއީ ދުނިޔޭގައި ޢިލްމުގެ ޙާލަތު އިތުރުވުމަށް އަޅުގަނޑުމެން ކޮންޓްރިބިއުޓް ކުރާ ގޮތް. އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ހިތްގައިމު ކަމެއް ހެން. އަޅުގަނޑުމެން މީގެ ހަތަރު ސަތޭކަ އަހަރު ކުރިން ނުވަތަ މީގެ އެއް ހާސް އަހަރު ކުރިން އޮތް ހާލަތު. އޭރު ކަންކަން ހިނގާ ގޮތާ މެދު އަޅުގަނޑުމެންގެ ގެންގުޅުނު ވިސްނުންތަކާ މިހާރާ ވަރަށް ތަފާތު. އެއީ އަޅުގަނޑުމެންގެ ވަައިގެންވާ ކަންކަމާ މެދު ޝައުގުވެރިވެ، ސުވާލުކޮށް، ޖަވާބު ހޯދަން މަސައްކަތް ކުރާ މީހުންގެ ބުރަ މަސައްކަތުން ލިބިފައިވާ ކުރިއެރުމެއް.