Advertisement

އެމެރިކާގެ ކޮންގްރެސްމަނަކާއި އޭނާގެ އަނބިކަނބަލުންނަށް ރިޝްވަތު ހިފިކަމުގެ ދައުވާ

އެމެރިކާގެ ކޮންގްރެސްމަން ހެންރީ ކުއެލާ -- ފޮޓޯ؛ އޭޕީ


އެމެރިކާގެ ކޮންގްރެސްމަނަކާއި އޭނާގެ އަނބިކަނބަލުންނަށް ރިޝްވަތު ހިފިކަމުގެ ދައުވާ

އެމެރިކާގެ ކޮންގްރެސްމަން ހެންރީ ކުއެލާ އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އުފުލައިފި އެވެ.

ކުއެލާ އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ އުފުލީ ރިޝްވަތުގެ ގޮތުގައި ހަ ލައްކަ ޑޮލަރު ނެގިކަމުގެ ތުހުމަތުގަ އެވެ. އެ ފައިސާ ޖަމާވީ އަޒަރްބައިޖާން ސަރުކާރުން ހިންގާ ތެޔޮ ކުންފުންޏަކާއި މެކްސިކޯގެ ބޭންކަކުން ކަމަށްވެ އެވެ.

މަނީލޯންޑަރިން އާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފިކަމުގެ ތުހުމަތު ވެސް ދެމެފިރިންގެ މައްޗަށް ކުރެ އެވެ. އެކަމާ ގުޅިގެން ކުއެލާ ނިސްބަތްވާ ޓެކްސަސް ޑިމޮކްރެޓްއިން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

"އަހަރެންނާއި އަހަރެންގެ އަނބިކަނބަލުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް. މައްސަލައިން ސަލާމަތްވާނެކަމުގެ ޔަގީންކަން އެބައޮތް،" ކުއެލާ، 68، ބުންޏެވެ.

ނަމަވެސް ކުއެލާގެ މައްޗަށް ތުހުމަތުކުރަނީ އަޒަރްބައިޖާއިން ރިޝްވަތު ނަގައިގެން، އެ ގައުމަށް ފައިދާވާ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މައްސަލައިގައި ދެމެފިރިން ހިއުސްޓަން ކޯޓަށް ގެންގޮސްފައިވާއިރު، ބެއިލްގެ ދަށުން ދެމީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް މައްސަލަ ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެމެރިކާގައި ކޮރަޕްޝަން އަދި ރިޝްވަތު ހިފިކަމުގެ ތުހުމަތުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލައި، ހަރުކަށި ފިޔަވަޅުތައް އަޅަ އެވެ.