Advertisement

ހޯމް ބިލްޑް ލޯނުން ރަށްރަށުގައި ގެދޮރު ހެދުމަށް ފަސޭހަވެގެން ދާނެ: ބީއެމްއެލް

8 މޭ 2024 - 11:55 1

އަހުމަދު ސައީދު

އަހުމަދު ސައީދު

ހދ. ކުޅުދުއްފުށީގައި ގެއެއް އިމާރާތް ކުރުމުގެ މަސައްކްތަ ކުރަނީ: ހޯމް ބިލްޑް ލޯނުގައި ރަހުނު ކުރަން ޖެހޭނީ އިމާރާތް ކުރާތަން -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ހޯމް ބިލްޑް ލޯނުން ރަށްރަށުގައި ގެދޮރު ހެދުމަށް ފަސޭހަވެގެން ދާނެ: ބީއެމްއެލް

8 މޭ 2024 - 11:55 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ހަފުތާގައި ތައާރަފު ކުރި ހޯމް ބިލްޑު ލޯނުގެ ސަބަބުން ރަށްރަށުގައި ގެދޮރު ނުހެދިފަ ތިބި ފަރާތްތަކަށް ރަހުނު ކުރުމުގައި ދިމާވާ ދަތި ހައްލުވެގެންދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ އިން އަލަށް ތައާރަފު ކުރި ހޯމް ބިލްޑު ލޯނުން 15 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނުވަ ޕަސެންޓް އިންޓަރެސްޓުގަ، އެއް މިލިއަން ރުދިޔާ އާ ހަމަށް ފައިސާ ދޫކުރެ އެވެ. އަމިއްލަ އަތުން 25 ޕަސެންޓަށް ވާވަރު ހަރަދުރަން ޖެހޭއިރު، އެއް އަހަރު ދުވަހުގެ މުއްދަތު ގްރޭސް ޕީރިއަޑްގެ ގޮތުގައި ލިބެ އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އާ ލޯނުގެ ސަބަބުން ރަށްރަށުގަ ގެދޮރު ހަދަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކަށް ވާނީ ހަދާ ތަން ނޫން އިތުރު ތަނެއް ރަހުނު ކުރަން ނުޖެހުމެވެ.

"މީގެ ކުރިން ރަށްރަށުގަ ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އެބަ ޖެހޭ އިމާރާތްކުރާ ތަން ފިޔަވާ އިތުރު ރަހުނު ބަހައްޓަން، ހޯމް ބިލްޑް ފްރޮޑަކްޓް ތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ، މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގަ ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ހޯމް ބިލްޑު ލޯނަށް އެދި ހުށަހަޅާއިރު ގެރެންޓާ އެއް ބޭނުމެއް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު މީހަކާ ގުޅިގެން ލޯނު ހޯދުމަށް ހުށަހެޅިދާނެ ކަމަށް ބޭންކުން ބުންޏެވެ.

ލޯނު ދިނުމަށްޓަކާ ބަލާ މައިގަނޑު ކަންތައްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ.

"މީގެ އިތުރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރަށް ވެސް ބޭންކުން ބަލާނެ، އަދި ހަމައެހެންމެ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައި ވާން ވާނެ،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަންޖެހޭ އަދަދު ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފަ ނުވަތަ އިމާރާތަށް ހަރަދު ކޮށްފަ ހުންނަން ވާނެ ކަމަށެވެ. އަމިއްލައަށް ކުރަންޖެހޭ ހަރަދު ކޮށްފަ ނުވާނަމަ އެ ހަރަދު ކުރާނެ ގޮތް ބޭންކަށް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގަ އެއްހާސް ރުފިޔާގެ ފީއެއް ނަގާ ހޯމް ބިލްޑް ލޯނަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަވުމަށްފަހު ލޯނު ހަމަޖެހުނު ކަމުގެ ލިޔުމުގަ ސޮއި ކުރުމަށް ނަގާނީ ތިން ހަފުތާ އެވެ. ބީއެމްއެލްގެ ވެބްސައިޓުގަ މި ލޯނާ ބެހޭ ތަފްސީލު މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

މިއީ އަތޮޅުތެރޭގައި ހުރި ގެދޮރު އިމާރާތްކުރުމުގެ އިތުރުން މާލޭގަ ގެދޮރު ހަދަން ބޭނުންވާ ފާރާތްތަކަށް ވެސް ދޫކުރާ ލޯނެކެވެ.