Advertisement

އެމްއައިބީގެ ފަވަރައިން އޮންލައިން ބަލްކް ޓްރާންސްފާ ހެދޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް: ފަވަރައިން އޮންލައިން ބަލްކް ޓްރާންސްފާ މިހާރު ހެދޭނެ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްއައިބީގެ ފަވަރައިން އޮންލައިން ބަލްކް ޓްރާންސްފާ ހެދޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފޯރުކޮށްދޭ ބަލްކް ޓްރާންސްފާގެ ހިދުމަތަށް ފަވަރައާއެކު އިތުރު ފުރިހަމަ ކަމެއް ގެނެސް، ވަގުތުން ޓްރާންސްފާ ކުރެވާ ގޮތަށް ހަދައިފި އެވެ.

އެމްއައިބީއިން ބުނީ، އެ ބޭންކުގެ އިންޓަނެޓު ބޭންކިން ޕްލެޓްފޯމް ފައިސާނެޓުން ކޮންމެ ތާކު ހުރެ ވެސް މި ހިދުމަތް ހޯދޭއިރު، އެ ހިދުމަތަށް ފަވަރަ އިތުރުވެގެން ދިޔުމާއެކު މިހާރު އެހެން ބޭންކެއްގެ އެކައުންޓެއް ބަލްކް ޓްރާންސްފާގައި ހިމެނެނު ނަމަވެސް، ވަގުތުން ފައިސާ ޖަމާވާނެ ކަމަށެވެ.

ފަވަރައަކީ ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ހިދުމަތެކެވެ. އެ ހިދުމަތް ބަލްކް ޓްރާންސްފާގައި ހިމެނުމުން ގިނަ އަދަދެއްގެ އެކައުންޓުތަކަށް އެއްފަހަރާ ފައިސާ ފޮނުވާއިރު، އެހެން ބޭންކެއްގެ އެކައުންޓު ހިމެނުނު ނަމަވެސް، ވަގުތުން ފައިސާ ޖަމާވާނެ އެވެ.

"އެމްއައިބީގެ ބަލްކް ޓްރާންސްފާ ހިދުމަތަކީ ގިނަ ކުންފުނިތަކަކުން މުސާރަ ޖަމާކުރުމަށް ބޭނުންކުރާ ހިދުމަތެއްކަން ފާހަގަކޮށްލެވޭ. ފަވަރައާއެކު މިހާރު ކޮންމެ ބޭންކެއްގައި މުވައްޒަފުންގެ އެކައުންޓް އޮތް ނަމަވެސް ބޭންކުން ފޯމެޓަކަށް މުސާރަ ޝީޓް އަޕްލޯޑް ކޮށްލުމުން މުސާރަ ޖަމާވާނެ،" އެމްއައިބީއިން ބުންޏެވެ.

މި ބަދަލާ އެކީ އެމްއައިބީ މެދުވެރިކޮށް މުސާރަ ޖަމާކުރާ ފަރާތްތަކަށް ވެސް މިހާރު އެންމެ މުސާރަ ޝީޓަކުން ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްލެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި އެހެނިހެން ބޯނަސްތަކާއި އިންސެންޓިވްސްތައް ވެސް ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

އެމްއައިބީގެ ފައިސާ ނެޓަކީ ކަސްޓަމަރުންނަށް ބޭނުންކޮށްލަން ފަސޭހަ އަދި ރައްކާތެރި ހިދުމަތަކަށްވާއިރު، ޓޫފެކްޓާ އޮތެންޓިކޭޝަން ފަދަ ޒަމާނީ ސަލާމަތީ ސިފަތަކެއް ހިދުމަތުގައި ވަނީ ގާއިމު ކޮށްފަ އެވެ.

އެމްއައިބީ ފައިސާ ނެޓުގައި ކުންފުނިތަކުގެ އެކައުންޓުން ފަދަ މުވައްޒަފުންނަށް ބޭނުން ލެވެލްއެއްގައި އެކްސެސް ދެވެ އެވެ. އެގޮތުން ޓްރާންސްފާކުރެވޭ ލިމިޓް ސެޓްކޮށް، ބޭނުންނަމަ ވަކި އެކައުންޓަކަށް އެކަނިވެސް އެކްސެސް ދެވެ އެވެ.