Advertisement

ޕެލަަސް އަތުން ޔުނައިޓެޑަށް ލަދުވެތި ނަތީޖާއެއް

7 މޭ 2024 - 09:27 0


ޕެލަަސް އަތުން ޔުނައިޓެޑަށް ލަދުވެތި ނަތީޖާއެއް

7 މޭ 2024 - 09:27 0

ލަންޑަން (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް 4-0 އިން ބަލިވެއްޖެ އެވެ.

ޕެލަސް އިން މި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ސީޒަނެއްގައި ޔުނައިޓެޑް އަތުން ދެ ފަހަރަށް މޮޅުވެފަ އެވެ. ޔުނައިޓެޑް ދަނޑުގައި ސީޒަނުގެ ކުރީކޮޅުގައި ކުޅުނު މެޗުން ޕެލަސް މޮޅުވީ 1-0 އިންނެވެ. އަނެއްކޮޅުން، ރޭގެ މެޗަކީ، ލީގުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ޕެލަސް އިން ޔުނައިޓެޑް ބަލިކުރި ދެ ވަނަ ފަހަރު ވެސް މެ އެވެ.

ރޭގެ ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ޗެލްސީ އާއި އަށް ވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ، ޗެލްސީ އަށެވެ.

ޔުނައިޓެޑް ކޮޅަށް ސީޒަނުގައި މިހާތަނަށް 81 ގޯލު ވަދެފައިވާއިރު، މިއީ 1977 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ އެންމެ ދަށް ޑިފެންސިވް ރެކޯޑެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި 13 މެޗުން ބަލިވެފައިވާއިރު، މިއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ގިނަ މެޗުން ބަލިިވި ސީޒަނެވެ. މިދިޔަ، 10 އަހަރަށް ބަލާއިރު، ޔުނައިޓެޑުން އެންމެ ދަށްކޮށް ޕްރިމިއާ ލީގުގެ ސީޒަނެއް ނިންމީ 2014 ވަނަ އަހަރު، ލީގުގެ ހަތް ވަނައިގަ އެވެ. އެ ފަހަރު، 64 ޕޮއިންޓް ހޯދި ނަމަވެސް، މި ފަހަރު އެ އަދަދަށް ވެސް ޕޮއިންޓް ހަމަނުކުރެވޭނެ އެވެ.

ޕެލަސްގެ ސެލްހަސްޓް ޕާކުގައި ރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކުތީ އަނިޔާގެ ސަބަބުން ގިނަ ޑިފެންޑަރުން ނުލަ އެވެ. އެ ޓީމުގެ މިޑްފީލްޑަރު ކަސެމީރޯ، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޑިފެންސް އަށެވެ. ކަސެމީރޯ އަތުން ގިނަ ގޯސްތަކެއް މި މެޗުގައި ހެދުނެވެ.

ޕެލަސްގެ އޮލީސޭ، ޔުނައިޓެޑްގެ ގޯލަަށް ބޯޅަ ފޮނުވާލަނީ.---


މެޗުގައި ޕެލަސް އިން ލީޑުނެގީ، 12 ވަަނަ މިނިޓްގައި މައިކަލް އޮލީސޭ ޖެހި މޮޅު އިންޑިވިޖުއަލް ގޯލުންނެވެ. ބޯޅަ ހިފައިގެން ޔުނައިޓެޑް ހާފުގެ ތެރެއިން ކުރިއަށް ޖެހިލުމަށް ފަހު ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޕެލަސް އިން ލީޑުފުޅާކުރީ، މެޗުގެ 40 ވަަނަ މިނިޓްގަ އެވެ. ޕެލަސްގެ ފޯވާޑް، ޖިއާން ފިލީޕޭ މަޓޭޓާ، ލިބުނު ފުރުސަތެއްގައި، ޔުނައިޓެޑްގެ ޑިފެންޑަރު، ޖޯނީ އެވާންސް ކައިރިން ނައްޓާލުމަށް ފަހު، ގޯލުގެ މަތީ ދާގަނޑަށް ވަނީ ބޯޅަ ވައްދާލައިފަ އެވެ.

ޔުނައިޓެޑުގެ ކަސެމީރޯ ފުރަތަމަ ހާފުގައި ޖެހި ގޯލު ބަލައިނުގަތީ، އެ ޓީމުގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް، ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން އަށް ފައުލުކުރުމުންނެވެ.

ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޕެލަސް ޓީމުން، ތިން ވަނަ ލަނޑު ޖެހީ، 58 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ހުސްކޮށް ޓައިރިކް މިޓްޗެލް އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން، ކަސެމީރޯ އަތުން ބޯޅައެއް ހޯދުމަށް ފަހު، ޕެލަސްގެ މުނޯޒް އެ ޓީމުގެ އޮލީސޭ އަށް ދިނުމުން، އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕެލަސް އިން ފަސް ވަނަ ގޯލެއް ޖެހުމާ ވެސް ގާތަށް ޖެހިލި އެވެ. ބަދަލަކަށް ކުޅެން އެރި، އޮޑްސަން އެޑުއާޑް ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޮލިވާ ގްލާޒްނާގެ އިރުޝާދުގެ ދަށުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ޕެލަސް ޓީމުން ރޭގެ މޮޅާ އެކު، ލީގުގެ 14 ވަނައިގައި އޮތީ، 36 މެޗުން 43 ޕޮއިންޓާ އެކު އެވެ.