Advertisement

ދެ ޓީވީ ސްޓޭޝަނަކަށް ދިން އިންޒާރުތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން އައިއެފްޖޭއިން ގޮވާލައިފި

6 މޭ 2024 - 15:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކާކުކަން ނޭނގޭ ގޮތަށް އިންޒާރު ދިނީ ޗެނަލް 13 އަދި ރާއްޖެ ޓީވީއަށް. މިއީ ރާއްޖޭގައި ސިޔާސީ ހަބަރު ގެނެސްދޭ ޕްރައިވެޓް ދެ ސްޓޭޝަން


ދެ ޓީވީ ސްޓޭޝަނަކަށް ދިން އިންޒާރުތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން އައިއެފްޖޭއިން ގޮވާލައިފި

6 މޭ 2024 - 15:11 0

ރާއްޖޭގެ ޕްރައިވެޓް ދެ ޓީވީ ސްޓޭޝަނަކަށް ދިން އިންޒާރުތައް ތަހުގީގުކޮށް އަވަހަށް އެ މައްސަލައިގައި ފިޔަވަޅު އަޅަން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި ހުޅު ޖަހާނެ ކަމަށް ބުނެ އެ ސްޓޭޝަންގެ ނޫސްވެރިޔަކަށް ސޯޝަލް މީޑިއާގައި ވަނީ މިފަހުން އިންޒާރު ދީފަ އެވެ. އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ފަހުން, ޗެނަލް 13 ވެސް އަންދާލާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފަ އެވެ.

ދެ ޓީވީ ސްޓޭޝަނަށް ވެސް އިންޒާރު ދިން އިންޒާރުތައް ކުށްވެރިކޮށް އައިއެފްޖޭއިން ވަނީ މިއަދު އަވަސް ތަހުގީގަކަށް ގޮވާލާފަ އެވެ. އެގޮތުން, ކޮންމެ އިންޒާރެއް ވެސް ސީރިއަސްކޮށް ބަލައި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދޭނެ ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

"[އެ އިންޒާރުތަކާ ގުޅިގެން] ކަމާ ބެހޭ ފަރާތްތަކުން އިސްނަގައިގެން ފުރިހަމަ އަދި އަވަސް ތަހުގީގެއް ހިންގައި، ޒިންމާވާ ފަރާތްތައް ކުށެއް ނެތި ފިލައިގެން ނުދެވޭނެ ގޮތް ހަދަން ޖެހޭ," އައިއެފްޖޭއިން ބުނެފައިވެ އެވެ.

ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ މި ގޮވާލުންތައް ތަކުރާރުކޮށްފަ އެވެ. އަދި, މިއީ ނޫސްވެރިކަން ކުރުމަށް ބިރުވެރި މާހައުލެއް އުފެދުމަށް މެދުވެރިވާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ހުޅުޖަހާނެ ކަމަށް ބުނެ ރާއްޖެ ޓީވީ އާއި ޗެނަލް 13 އަށް ބަޔަކު އިންޒާރު ދިންއިރު، މީގެ ކުރިން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފަހުކޮޅު ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހައި އަންދާލައިފަ އެވެ.

މީގެ 10 އަހަރު ކުރިން، އޮކްޓޯބަރު، 2013، ގައި ރާއްޖެ ޓީވީގައި ހުޅުޖެހުމުން އެ ސްޓޭޝަން އޭރު ހިންގި ބީކޭޓީ ބިލްޑިންއަށާއި ރާއްޖެ ޓީވީގެ ގިނަ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖެ ޓީވީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.

އެ ސްޓޭޝަނުގައި އެފަހަރު ރޯކޮށްލީ ވެސް އެތައްފަހަރަކު އިންޒާރު ދިނުމަށްފަހު ކަމަށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި މުވައްޒަފުން އޭރު ބުނެފައިވެ އެވެ.