Advertisement

ޒިދާން، ބަޔާންގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުގެއް ނެތް

6 މޭ 2024 - 11:01 0


ޒިދާން، ބަޔާންގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުގެއް ނެތް

6 މޭ 2024 - 11:01 0

މެޑްރިޑް (މެއި 6) - ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ފްރާންސްގެ ޒިނެދިން ޒިދާން، ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުގެއް ނެތް ކަމަށް ބުނެފި އެވެ.

ރެއާލާ އެކު, ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ޒިދާން, ކޯޗުކަމާ ދުރުގައި ހުންނަތާ އަހަރުތަކެއްވިއިރު, އޭނާ ޝައުގުވެރިކަން ހުރީ ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޒިދާން ހޯދުމުގެ ޝައުގުވެރިކަން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ވަނީ ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބަޔާން އާއި އިންގްލަންޑްގެ މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނަށް ފަހު، ބަޔާންގެ ކޯޗުކަމާ ހަވާލު ވާނީ ޒިދާން އެވެ. މިކަމާ ގުޅިގެން ޒިދާން ބުނީ, އޭނާގެ ޝައުގުވެރިކަން ބަޔާންގެ ކޯޗުކަމާ ހަވާލުވާން ނެތް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލުން ބަޔާންގެ މައްޗަށް ކުރިހޯދުމަށް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެކަމެއް. (ބަޔާންގެ ކޯޗުކަން) އަހަރެން ސެމީ މެޗު ބަލާނަން. އުންމީދަކީ ރެއާލުން ބަޔާން ބަލިކޮށް ފައިނަލަށް ދަތުރުކުރުން" ޒިދާން ބުންޏެވެ.

ރެއާލާ އެކު, ކާމިޔާބު ދުވަސްތަކެއް ޒިދާން ހޭދަކޮށްފައިވާއިރު, އޭނާ ވަނީ ރެއާލާ އެކު,ކުލަބް ވޯލްޑްކަޕް ތިން ފަހަރު އަދި ސްޕެނިޝް ލީގު އެއް ފަހަރު ހޯދާފަ އެވެ.

ބަޔާންގެ ކޯޗަކަށްވާން ލިބުނު ފުރުސަތު، ޒިދާން ދޫކޮށްލާފައިވާއިރު، އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ވެސް ވަނީ ބަޔާންގެ ހުށަހެޅުން އަނބުރާ ފޮނުވާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބަޔާންގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތްކުރާ ޝޯޓްލިސްޓުގައި، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ނަން ވަނީ ހިމަނައިފަ އެވެ.