Advertisement

އަތޮޅު ތެރެއިން މާލެ ސްކޫލްތަކަށް ބަދަލުވުމަށް 790 ފޯމު

ހުޅުދުއްފާރު ސްކޫލް ދަރިވަރުން -- ފޮޓޯ: އަދަދު


އަތޮޅު ތެރެއިން މާލެ ސްކޫލްތަކަށް ބަދަލުވުމަށް 790 ފޯމު

މޭ 26، ގައި ފަށާ ދިރާސީ އާ އަހަރަށް އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް ބަދަލުވާން އެދި 790 ދަރިވަރުންގެ ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް 2،290 ފޯމު ވަނީ ހުށަހަޅާފަ އެވެ. އަދި އެހެން ގްރޭޑުތަކަށް ދަރިވަރުން ވެއްދުމަށް 1،450 ފޯމު ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމެވެ އެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް އެދި 660 ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ދިރާސީ އާ އަހަރަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރު ފަހު 2:00 އެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމުތަކަށް މޭ 13، ކުރިން ޖަވާބު އަރުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަންނަ ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އާ އަހަރުގެ ކިޔެވުން ފަށާނީ މެއި 26، ގަ އެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ސެޕްޓެމްބަރު 26، ގައި ނިމޭނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރު 6، އިން ފެށިގެން މާޗު 6، 2025 ގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ލިބޭނީ މާޗު 9، 2025 އިން ފެށިގެން އޭޕްރީލް 3، 2025 ވަނަ ދުވަހާއި ހަމައަށެވެ.