Advertisement

މަސައްކަތްތެރިންނަށް ހަޅުތާލުކުރެވޭނެ، ގާނޫނަކުން އެ ކަމަށް ހުރަސްއެޅޭނެ ގޮތެއް ނޯންނާނެ: މައުރޫފު

19 ނޮވެންބަރު 2025 - 10:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި އަހަރުގެ މޭޑޭ މުޒާހަރާގެ ތެރެއިން މައުރޫފު ވާހަކަދައްކަވަނީ: މައުރޫފު ވިދާޅުވީ މަސައްކަތްތެރިންނަށް ހަޅުތާލުތަކަށް ގާނޫނުން ހުރަސް ނޭޅޭނެ ކަމަށް ---- ފޮޓޯ: އަދަދު


މަސައްކަތްތެރިންނަށް ހަޅުތާލުކުރެވޭނެ، ގާނޫނަކުން އެ ކަމަށް ހުރަސްއެޅޭނެ ގޮތެއް ނޯންނާނެ: މައުރޫފު

19 ނޮވެންބަރު 2025 - 10:45 0

މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި ހާއްސަކޮށް މަސައްކަތު މާހައުލުގައި ހަޅުތާލު ކުރުމަށް ގާނޫނެއް ހަދައިގެން ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން މަސައްކަތްތެރިންގެ ޔޫނިއަންތަކުގައި އިސްވެ މަސައްކަތް ކުރެއްވި މައުރޫފު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ މިފަދައިން ވާހަކަދެއްކެވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުން އަދި ހަޅުތާލު ކުރުމާއި ދެކޮޅަށް މިއަދުގެ މަޖިލީހުގައި ބައެއް މެންބަރުން ވާހަކަދެއްކެވުމާއި ގުޅިގެންނެވެ.

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެކަމާއި ދެކޮޅަށް މައުރޫފުގެ ކުރިން ވާހަކަދެއްކެވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

އެގޮތުން، ޓޫރިސްޓު ރިޒޯޓުތަކުގައި މުޒާހަރާކޮށް ހަޅުތާލުކުރުމުގެ ފުރުސަތު ދެން ދެވިގެން ނުވާނެ ކަމަށާއި ލަދު ހަޔާތް ހުންނަން ޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ މައުރޫފު ވިދާޅުވީ ފެހި ގާނޫނުއަސާސީ އަކީ މުޒާހަރާ އާއި ހަޅުތާލު ކުރުމުގެ ގާނޫނޫއަސާސީއެއް ކަމަށެވެ. އެކަމާއި ދެކޮޅަށް ވާހަކަ ދައްކަނީ ޖަންގަލީގެ އުސޫލުން ވިސްނާ ބޯދާ ބައެއްގެ ގޮތުގައި މައުރޫފު ސިފަކުރެއްވި އެވެ.

"ދިވެހި ރާއްޖޭގެ މަސައްކަތްތެރިންނަށް ހަޅުތާލު ކުރެވޭ ވާހަކަ މި ގާނޫނުއަސާސީގަ ލިޔެފަ މިތިބީ މި ލިޔުނު މީހުންނަށް އެކަން ނޭނގިގެންނެއް ނޫން. އެއީ ދުނިޔޭގަ އެކަން އޮންނަ ގޮތް. ތަހުޒީބު ގައުމުތަކުގައި އެކަން އޮންނަ ގޮތް،" ނުރުހުންވެ ހުންނަވާ މައުރޫފު ވިދާޅުވި އެވެ.

މަސައްކަތްތެރިޔަކު ރިސޯޓެއްގައި އޭނާގެ މަސައްކަތު މާހައުލުގައި ހަޅުތާލުކުރާނަމަ އެކަން ގާނޫނެއް ހަދައިގެން ނުހުއްޓުވޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް ނުކޮށް މިއަދު ހުންނާނަމޭ. ހުއްޓާލައިގެންނޭ މިހުރީ ބުނީމާ. އޭނާ ލައްވާ އައްބާސް އަށް އައިސް މަސައްކަތް ކުރެވޭނެތޯ ގަދަކަމުން. ނުކުރެވޭނެ މަސައްކަތެއް ގަދަކަމަކުންނެއް. އިއްޒަތްތެރި ރައީސް. ނުކުރެވޭނެ އެހެންނެއް ގަދަކަމަކުންނެއް،" މައުރޫފު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާއި ހިލާފަށް، ހައްގުތައް ދިނުމާއި ދެކޮޅަށް މަޖިލީހުގައި ވާހަކަދެއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަން ވެސް މައުރޫފު ވަނީ ފާހަގަކުރައްވާފަ އެވެ.

"މިއީ އިނގުރައިދޫ ދާއިރާގެ މެންބަރަކަށް ހިފެހެއްޓޭނެ ހައްގެއް ނޫނޭ. އެހެން ވެއްޖިއްޔާ މި ގާނޫނުއަސާސީ އުވާލަން ވީ ނޫންތޯ. މި ގާނޫނުއަސާސީގަ މިހިރަ މާއްދާތައް ބާތިލުކޮށް އުވާލަން ވީތޯ،" މައުރޫފު ވިދާޅުވި އެވެ.

މަޖިލީހުގައި 100 ޕަސެންޓު ޕީއެންސީގެ މެންބަރުން ތިއްބަސް އަސާސީ ހައްގުތަކާއި ހިލާފަށް ގާނޫނުތައް ހަދައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.