Advertisement

އިމްރާންގެ ކާރު އެކްސިޑެންޓުވި މައްސަލައިގެ ތެރެއަށް އިންމު ވަނުމުން ބޮޑު މައްސަލަގަނޑަކަށް

4 މޭ 2024 - 22:56 7

އިންމު ޕިކަޕު ޑްރައިވަރާއެކު ހުންނެވިއިރު ޝެއިހް އިމްރާން އެތަނުގެ ކައިރީގައި މަޑުކޮށްލައިގެން: އެ ވީޑިއޯ 65،000 އަށް ވުރެ ގިނަ ފަހަރު އެކްސްގައި ވަނީ ބަލައިފަ -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް


އިމްރާންގެ ކާރު އެކްސިޑެންޓުވި މައްސަލައިގެ ތެރެއަށް އިންމު ވަނުމުން ބޮޑު މައްސަލަގަނޑަކަށް

4 މޭ 2024 - 22:56 7

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރު އެކްސިޑެންޓުވި މައްސަލައިގައި ހެންވޭރު ދެކުނު ދާއިރާއަށް އަލަށް އިންތިހާބުވި އިމްރާން ލަތީފު (އިންމު) ބަސް ވިދާޅުވުމުން، އަދާލަތު ޕާޓީން ވެސް އެކަމުގެ ތެރެއަށް ވަދެ، ބޮޑު މައްސަލަގަނޑަކަށްވެއްޖެ އެވެ.

އިމްރާން ކާރު އެކްސިޑެންޓުވީ ފަހަތުން އައި ކުޑަ ޕިކަޕެއްގައި ޖެހިގެންނެވެ. އެތަނުގައި އިމްރާން މަޑުކޮށްގެން ހުންނެވިއިރު، ޕިކަޕު ޑްރައިވަރާއެކު އިންމު ވެސް ހުންނެވި އެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިންމު އެދިވަޑައިގަންނަވަނީ، ޕިކަޕު ޑްރައިވަރަށް މައާފު ކުރުމަށްފަހު ދޫކޮށްލުމަށެވެ.

ކާރު ހަދަން ބަދަލެއް ބޭނުންވެއްޖެ ނަމަ އިންމު އެ ފައިސާ ދައްކައިދެއްވާނެ ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ވިދާޅުވެ އެވެ. އިންމު ވާހަކަ ދައްކާއިރު ކައިރީގައި އިމްރާން އާއި އޭނާގެ އަނބިކަނބަލުން ބަހެއް ވިދާޅުނުވެ ހުންނެވި މަންޒަރު ވީޑިއޯއިން ފެނެ އެވެ.

"އަޅުގަނޑު ޝެއިހް އިމްރާން ކައިރި މި އެދެނީ މައާފުކޮށްދެއްވާށޭ. މައާފުކޮށްދެއްވަން ބޭނުން ނެތިއްޔާމު އަޅުގަނޑު ކާރު ހަދަން ދާ ހަރަދަށް ޒިންމާވާނަމޭ،" އިންމު ވިދާޅުވި އެވެ.

މި ހަބަރު ޕަބްލިޝް ކުރިއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ ވީޑިއޯ 65،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފަ އެވެ. އަދި އެ ވީޑިއޯގެ ސަބަބުން އިމްރާންއަށް ވަރަށް ބޮޑަށް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން އިންމުއަށް ވެސް ފާޑުކިޔާފައިވެ އެވެ.

އޭފެ ފަހުން އަދާލަތު ޕާޓީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންމުއަށް ފާޑުކިޔައި އޭނާ ދޮގު ހެއްދެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޕިކަޕު ޑްރައިވަރަށް ނިސްބަތްކޮށް "ނިކަމެތި ބަސް" އިންމު ވިދާޅުވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް އެތަނަށް [އެކްސިޑެންޓުވި ތަނަށް] ހާޒިރުވެ, ޝައިހް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިހް އިމްރާން ފަލީހަތްކުރުމަށް ކުރި މަސައްކަތް މި ޕާޓީއިން ކުށްވެރިކުރަން،" އަދާލަތުން ބުންޏެވެ.

އޭގެ އިތުރުން، އިންމު، އިމްރާނަށް ފުރައްސާރަކޮށް، އެ އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކުރުމުގެ ޒިންމާއަށް އިންމު ހުރަސް އެޅުއްވި ކަމަށް ވެސް އަދާލަތު ތުހުމަތު ކުރި އެވެ.

"އަމިއްލައަށް ގާނޫނު ތަންފީޒުކުރަން އުޅުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިން ވެސް އަދި ވަކިން ހާއްސަކޮށް ގާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫން،" އެ ޕާޓީން ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއިން ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު، އިންމުއަކީ އެ އިންތިހާބުން އެންމެ ތަނަވަސް ނަތީޖާއަކުން ކާމިޔާބު ހޯދި އެއް ކެންޑިޑޭޓެވެ. އެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވެސް ވާދަ ކުރެއްވި އެވެ. އިމްރާން ވަޑައިގެންނެވީ ދާއިރާއިން ދެ ވަނައަށެވެ.