Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރަން "އޮޕަރޭޝަން ކުރަނގި" ހިންމަފުށީގައި ފަށައިފި

ކ. ހިންމަފުށީގައި "އޮޕަރޭޝަން ކުރަނގި" ފެށުން -- ފޮޓޯ؛ މިހާރު


ބިދޭސީންގެ މައްސަލަ ހައްލުކުރަން "އޮޕަރޭޝަން ކުރަނގި" ހިންމަފުށީގައި ފަށައިފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ނަމުގައި ހާއްސަ މަސައްކަތެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއިން ކ. ހިންމަފުށީގައި މިއަދު ފަށައިފި އެވެ.

މި އޮޕަރޭޝަންގެ ދަށުން ހިންމަފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތައް ހޯދައި އެމީހުންގެ އިނގިލީގެ ނިޝާން ހޯދައި، ފޮޓޯ ނަގައި ނިޒާމުގެ ތެރެއަށް ވައްދާނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުޅި ރާއްޖޭގައި ފަށާ މި މަސައްކަތުގެ އަމަލީ މަސައްކަތުގެ ފުރަތަމަ ބައި މިއަދު ފެށިފައިވާއިރު، މުޅި މަސައްކަތް ނިންމަން އަމާޒު ކަނޑައަޅާފައި ވަނީ ތިން އަހަރު ދުވަހުން ކަމަށެވެ.

އެގޮތުން, ފުރަތަމަ ބައިގެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ވަނީ އެއް އަހަރު ދުވަހުން ކަމަށާއި، އެ މުއްދަތުގައި މަސައްކަތްކުރާނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ވެއްދުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

ކ. ހިންމަފުށީގައި "އޮޕަރޭޝަން ކުރަނގި" ފެށުން -- ފޮޓޯ؛ މިހާރު


"އޮޕަރޭޝަން ކުރަނގިއަކީ ރާއްޖޭގައި އެތައް އަހަރުތަކެއް ވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފެށޭ މުހިންމު މަސައްކަތެއް އަޅުގަނޑުމެން މި މައްސަލަ މި ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިއުރިޓީ ކޮންސާނެއްގެ ގޮތުގައި އެގޮތަށް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ވެސް މި މަސައްކަތްކުރަނީ،" އިހުސާން ބުންޏެވެ.

މި މަސައްކަތުގެ ދަށުން ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅެނީ ކޮން ގައުމެއްގެ ކިތައް ބިދޭސީންކަން އެނގޭނެ ކަމަށާއި، އެމީހުން މަސައްކަތްކުރާ ތަނާއި ހަވާލުވެގެން ތިބި މީހުން ވެސް އެނގޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އަދި މައްސަލައިގެ އަސްލު ދެނެގަނެވި ހައްލުކުރާނެ ޕްލޭނެއް ހެދިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަށް ބޭނުންކުރަނީ ބިދޭސީންގެ ރަޖިސްޓްރީ ކުރަން މިހާރު ވެސް ބޭނުންކުރާ ސިސްޓަމެކެވެ. ނަމަވެސް އޭގެ ތެރެއިން ވަކި ޕޯޓަލްއެއް ވަނީ ހަދާފަ އެވެ.