Advertisement

ރާއްޖެއަށް ލިބޭ ކޯޓާ ހަމަކުރަަން ލޭނު މަސްވެރިކަން ކުރަން ހުޅުވާލުމަށް ވިސްނަން ޖެހޭ: ޝިޔާމް

8 މޭ 2024 - 11:46 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

"އަދަދު" ގެ އެތެރެފުށް ޕްރޮގްރާމްގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ. ގައުމަށް ލިބޭ އާމްދަނީ ލޭނު މަސްވެރިކަމާ އެކު އިތުރުކުރެވޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ރާއްޖެއަށް ލިބޭ ކޯޓާ ހަމަކުރަަން ލޭނު މަސްވެރިކަން ކުރަން ހުޅުވާލުމަށް ވިސްނަން ޖެހޭ: ޝިޔާމް

8 މޭ 2024 - 11:46 0

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ކޯޓާ ހަމަކުރުމަށް އުޅަނދުތަކަށް ރާއްޖެ ސަރަހައްދުގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ވިސްނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭނޭނެ އަދަދު ކަނޑައަޅަނީ ސައިންޓިފިކް ދިރާސާތަކަށް ފަހު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިންނެވެ. އެއީ 2021 އިން ފެށިގެން އެ ޖަމިއްޔާއިން އަމަލުކުރަން ފެށި ގަރާރެއްގެ ދަށުން ކަނޑައަޅާ ކޯޓާއެކެވެ.

"އަޅުގަނޑުމެންނަށް ލިބިފައި އޮތް ކޯޓާއަށް ބަލާއިރު އަދިވެސް އަޅުގަނޑުމެން ފްލީޓް އިތުރުކޮށްގެން ވިޔަސް ގިނަ މަސްވެރިން ނެރެގެން ވެސް ރަނގަޅު ޔެލޯފިން ޓޫނާ އިތުރަށް ބާނަން. ނުބާނާ ކަމަށްވަންޏާ އަޅުގަނޑުމެންގެ ކޯޓާ ވާނީ ދަށް," ޝިޔާމް, "އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމްގައި ވިދާޅުވި އެވެ.

އެގޮތުން, 2022 ގައި ރީނދޫ އުރަހަ ކަންނެލީގެ 47,195 މެޓްރިކް ޓަނުގެ ކޯޓާއެއް ރާއްޖެއަށް އޮތީ ކަނޑައަޅާފަ އެވެ. ޔޫރަޕިއަން ޔޫނިއަންއަށް ފަހު އެންމެ ބޮޑު ކޯޓާއެއް ކަނޑައަޅާފައި އޮތީ އެ އަހަރު ރާއްޖެއަށެވެ. އައިއޯޓީސީން 2023 އަދި 2024 އަށް ކަނޑައެޅި ކޯޓާގެ މައުލޫމާތު އާންމުކޮށް ލިބެން ނެތެވެ.

ރާއްޖޭން ބޭރުކުރި ރީނދޫ އުރަހަ ކަންނެލީގެ ބަރުދަން (މެޓްރިކް ޓަނުން)

  • 2013 - 45,626 ޓަން
  • 2014 - 49,101 ޓަން
  • 2015 - 51,472 ޓަން
  • 2016 - 53,705 ޓަން
  • 2017 - 49,377 ޓަން
  • 2018 - 47,217 ޓަން
  • 2019 - 44,424 ޓަން
  • 2020 - 42,705 ޓަން
  • 2021 - 24,548 ޓަން

"އަޅުގަނޑުމެން އެބަޖެހޭ މިހާރު ވެސް އަޅުގަނޑުމެންނަށް އެވެއިލަބަލް ކޯޓާއަށްވުރެ އިތުރަށް ބޭނޭނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ. އަޅުގަނޑަކަށް ގަބޫލު ކުރެވެނީ އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް އެބަ ޖެހޭ ވިސްނާލަން ލޭނު މަސްވެރިކަން ހުޅުވާލުމަށް," ޝިޔާމް ވިދާޅުވި އެވެ.

ކަސްޓަމުން ހާމަކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި 2022 ގައި ރާއްޖޭން ބޭރުކުރީ 28,803 ޓަނުގެ ރީނދޫ އުރަހަ ކަންނެއްޏެވެ. އެއީ, އެ އަހަރު ރާއްޖެއަށް ކަނޑައެޅި ކޯޓާގެ 61 ޕަސެންޓެވެ. ބާކީ 18,392 ޓަނުގެ މަސް ބޭނުމުގެ ފުރުސަތު ރާއްޖެއަށް އެ އަހަރު އޮތެވެ. އެ ކޯޓާއަށް ރާއްޖެއަށް ވާސިލު ނުވެވުނީ ރާއްޖޭގައި އެ ވަރަށް މަސްވެރިން ނެތުމުން ކަމަށް ބެލެވެ އެވެ.

ލޭނުގެ މަސްވެރިކަމުން ގައުމަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ޝިޔާމް ވިދާޅުވުމުން އެ ފުރުސަތު ބޭރުގެ އުޅަދަނދުތަކަށް ވެސް ހުޅުވާލާނެތޯ "އަދަދު" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ "ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކުރެވޭ ކަމަށްވަންޏާ އެއީ ހަމަ މަސްވެރިކަމުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމެއް," އޭނާ ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކާ މެދު ކަންބޮޑުވުން ހުރި ނަމަވެސް، އައިއޯޓީސީގެ މެމްބަރު ފަސް ގައުމަކުން މަސް ބާނާ އަދަދު ލިމިޓު ކުރަން ދެކޮޅު ހެދި އެވެ. އެއީ އޮމާނާއި، އިރާނާއި، އިންޑިއާގެ އިތުރުން މަޑަގަސްކަރާއި އިންޑޮނޭޝިއާ އެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ތާރީހު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލަން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާޗު 2010, ގަ އެވެ. އެ ހުއްދަ ދޭން އެކަމަކު ފެށީ 2012 ގަ އެވެ.

ލޭނު އަޅައިގެން ރާއްޖޭގެ އީއީޒެޑުން 100 މޭލާއި 200 މޭލާ ދެމެދު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށީ ނޮވެމްބަރު 2014, ގަ އެވެ. އެ ގަވާއިދުގެ ދަށުން ލައިސެންސް ދިވެހި ކުންފުނިތަކަށެވެ.

ނަމަވެސް, އެފަދަ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 ޕަސެންޓަކީ ބިދޭސީ ފަޅުވެރިންނަށް ވުމުގެ ފުރުސަތު ގަވާއިދުން އޮތީ ފަހިކޮށްދީފަ އެވެ. އެހެންވެ, ގިނަ ދޯނިފަހަރުގައި ހަރަކާތްތެރިވީ އެންމެ ދިވެއްސެކެވެ. އޭގެ ސަބަބުން ގަވާއިދާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގި ކަމަށް އެކި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓަވަން ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.

އެ ގަވާއިދުގެ ދަށުން މަސް ބޭނޭނެ ކޯޓާ ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ފިޝަރީޒް މިނިސްޓަރަށެވެ. އެގޮތުން, ލޭނު މަސްވެރިކަން ހުއްދަ ދިން 28 އުޅަނދުފަހަރުން 2017 ގައި ލިބުނީ 310 މިލިއަން ރުފިޔާ ކަމަށާއި ލައިސެންސް ވިއްކައިގެން ލިބުނީ 1.9 މިލިއަން ރުފިޔާކަން އެނގެ އެވެ.

ލޭނު މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުން ގަވާއިދާއި ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާތީވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކޮމިޝަން އޮން މެރިޓައިމް އެފެއާސް އެންޑް ފިޝަރީޒްއިން ވެސް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުން މަނާކުރާނެ ކަމަށް ވެސް ދިވެހި ސަރުކާރުގައި ކުރިން ބުނެފައިވެ އެވެ. އެހެންވެ, ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލީ ޖުލައި 2019, ގަ އެވެ.

ލޭނު މަސްވެރިކަމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އެކި ސަރުކާރުތަކުން ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދިޔަ ނަމަވެސް އެކަމުގައި ހަރަކާތްތެރިވީ ވަރަށް މަދު ދިވެހިންނެވެ.