Advertisement

ފަނޑިޔާރު ނިޔާޒުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

29 އޭޕްރީލް 2024 - 14:22 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރު ނިޔާޒު: ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި - ފޮޓޯ: ރައީސް އޮފިސް


ފަނޑިޔާރު ނިޔާޒުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

29 އޭޕްރީލް 2024 - 14:22 1

ހައި ކޯޓުގެ ފަނޑިޔާރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް މުހައްމަދު ނިޔާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ނިޔާޒުއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބަލަމުންދާ ކަން "އަދަދު" ނޫހަށް ވަނީ އިތުބާރު ހުރި އެކި މަސްދަރުތަކުން ކަށަވަރު ކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ބަލަނީ ޝަރީއަތުގެ އަޑުއެހުމެއްގައި ޕަބްލިކް ޕްރޮސެކިއުޓަރުންނާ ފަނޑިޔާރު މުހާތަބު ކުރި ގޮތުގެ މައްސަލައަކާއި ބައެއް ޝަރީއަތްތަކުގައި ހާޒިރުވާ ވަކީލުންނާ މުހާތަބުކުރި ގޮތުގެ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 15 ވަނަ ނަންބަރުގައި އޮންނަނީ އެއްވެސް މައްސަލައެއްގައި ހާޒިރުކުރެވޭ މީހަކަށް، ނުވަތަ ގާނޫނީ ވަކީލަކަށް އަމާޒުވާގޮތަށް ކުށްވެރިކުރުމުގެ ނުވަތަ ކުށް ދެއްކުމުގެ ބަސްތައް، ނުވަތަ މަލާމާތުގެގޮތަށް ބަސްމޮށުންތެރިކަން ބެހެއްޓުމަކީ ފަނޑިޔާރުން ކޮށްގެންވާނޭ ކަމެއް ނޫން ކަމުގަ އެވެ.

ޖޭއެސްސީން މިހާރު ގެންގުޅޭ ސިޔާސަތަކީ، އެ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ހާމަކުރާނީ މައްސަލައެއް ބެލުމަށް ފަހު ސާބިތުވެގެން ވަކިކުރަން ނިންމާ މައްސަލަތައް އެކަންޏެވެ. މައްސަލައެއް ބަލަން ނިންމުމަށް ފަހު މިހާރު އެ ކޮމިޝަނުން އެ ކަމެއް އާންމެއް ނުކުރެ އެވެ.

އެހެންވެ ކޮމިޝަނުގެ ބަހެއް މި ކަމުގައި ނުލިބެ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ ނިޔާޒުގެ އިތުރުން ކޮމިޝަންގެ ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ބަންޑާރަ ނައިބު އަހުމަދު އުޝާމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެންބަރު މުހައްމަދު ސަމީރު ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ވަކީލު އަލީ އަބްދުއްލަތީފް، އަދި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައެޅި މެންބަރުގެ ގޮތުގައި ޑރ. އާމިނަތު އުލްމުކުލްސާމް ވެސް އެ ކޮމިޝަނުގައި އިންނަވަ އެވެ.