Advertisement

ޔުނައިޓެޑާއި ލިވަޕޫލަަށް ވެސް މޮޅެއް ނުވެވުނު

28 އޭޕްރީލް 2024 - 06:26 0


ޔުނައިޓެޑާއި ލިވަޕޫލަަށް ވެސް މޮޅެއް ނުވެވުނު

28 އޭޕްރީލް 2024 - 06:26 0

ލަންޑަން (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗުތަަކުން ލީޑުނެގި ނަމަވެސް މޮޅެއް ނުލިބި އެއްވަރުވެއްޖެ އެވެ.

ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ލިވަޕޫލް އެއްވަރުވީ 2-2 އިންނެވެ. އަމިއްލަ ދަނޑުގައި ރެލިގޭޝަނުގައި އޮތް ބާންލީއާ ޔުނައިޓެޑް އެއްވަރުވީ 1-1 އިންނެވެ.

ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ބޮލުން ޖެހި ގޯލުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން އަރައި، އެންޑީ ރޮބަޓްސަން އާއި ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް އަތުން ބައިކޮޅަށް ވަން ގޯލުން ލިވަޕޫލުން ލީޑު އަނބުރާލި އެވެ. ވެސްޓް ހޭމް އިން އެއްވަރުކުރީ، ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް، ބޮވެން ނެގި ހުރަހަކުން މިކޭލް އެންޓޯނިއޯ ބޮލުން ޖެހި ލަނޑުންނެވެ.

އަލުން ލިވަޕޫލަށް ލީޑުނަަގައިދޭން އޭރިއާބޭރުން ހާވީ އެލިއަޓް ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މި މެޗުގައި ބަދަލަކަށް ކުޅެން އެރި މުހައްމަދު ސަލާހު އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ މެދު ޒުވާބެއް ވަނީ ހިނގައިފަ އެވެ. އެއީ ސަލާހު ބަދަލަކަށް އަރަން އުޅެނިކޮށެވެ. އެ ކަމާ ގުޅޭގޮތުން ސަލާހު އާއި ކްލޮޕް މީޑިއާގައި ވާހަކަ ނުދައްކަ އެވެ.

މި މެޗުން އެއްވަރުވުމުން، ލިވަޕޫލަށް ލީގު ލިބުމުގެ ފުރުސަތު އިތުރަށް ހަނިވީ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 34 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 33 މެޗުން ވަނީ 76 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑުން ލީޑުނެގީ 79 ވަނަ މިނިޓްގައި ބާންލީގެ ފަހަތުން ހެދި ގޯހަކުން އެންތަނީ ޖެހި ލަނޑުންނެވެ. މިއީ މި ފަަހަރު ލީގުގައި އެންތަނީ ޖެހި ފުރަތަމަ ގޯލެވެ. ބާންލީން އެއްވަރުކުރީ ޕެނަލްޓީ އަކުން ޒެކީ އަމްދޫނީ ޖެހި ލަނޑުންނެވެ. މިއީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ބޯޅަ އަކަށް އަރައި، ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ޔުނައިޓެޑަށް 34 މެޗުން ލިބުނު 54 ޕޮއިންޓާ އެކު، ލީގުގެ ހަ ވަނައިގައި އޮތްއިރު، ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 5-1 އިން މޮޅުވި، ނިއުކާސަލް ޔުނައިޓެޑުން ވަނީ 34 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ. މި ނަތީޖާއާ އެކު ޝެފީލްޑް ވަނީ ލީގުން ރެލިގޭޓްވެފަ އެވެ.

އެސްޓަން ވިލާ އިން ދެ ގޯލު ޖަހާފައި ވަނިކޮށް ޗެލްސީން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ވިލާ އަށް މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑަށް ގަދަ ހަތަރެއް ނުލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ވިލާ އަށް ވަނީ 35 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.

ޗެލްސީގެ މާކް ކުކުރޭއާ އަތުން ބައިކޮޅަށް ވަން ގޯލާއި މޯގަން ރޮޖާސް ޖެހި ލަނޑާ އެކު ވިލާ އިން ފުރަަތަމަ ހާފު ނިންމާލީ ރަނގަޅު ލީޑެއްގަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ނޯނީ މަޑުއޭކޭ ލަނޑެއް ޖަހައި، ކޮނާ ގެލަގާ އަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އިތުރު ވަގުތުގައި ޗެލްސީގެ އެކްސަލް ޑިސާސީ ވަނީ ލަނޑެއް ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި ނިންމީ ގޯލެއް ނޫން ކަމަށެވެ.