Advertisement

ޔުނައިޓެޑުން ސައުތުގޭޓް ހޯދަން މަސައްކަތް ކުރަނީ

8 މޭ 2024 - 09:24 0


ޔުނައިޓެޑުން ސައުތުގޭޓް ހޯދަން މަސައްކަތް ކުރަނީ

8 މޭ 2024 - 09:24 0

މެންޗެސްޓާ (މެއި 8) - މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަން އަށް އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި މިހާރު ހުރި, އެރިކް ޓެން ހާގް މަގާމުން ވަކިކޮށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ޓެން ހާގް މަގާމުން ވަކިކުރުމަށް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު, ޓެން ހާގް ވަނީ އަންނަ ސީޒަނުގައިވެސް ޔުނައިޓެޑުގެ ކޯޗުކަމުގައި ހުންނާނީ އޭނާ ކަމަށް ބުނެފަ އެވެ. އަދި ޔުނައިޓެޑުން ހަވާލުކުރީ އަހަރުތަކަކަށް ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކުރާނެ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ. އަދި އެ މަގާމަށް ކޯޗަކު ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ވަނީ މިހާރު ފަށައިފަ އެވެ. އެ ޓީމުން މިވަގުތު ފާރަލަމުން އަންނަ ދެ ކޯޗުންގެ ތެރެއިން އެކަކީ އިންގްލަންޑްގެ ކޯޗު ސައުތުގޭޓް އެވެ. ސައުތުގޭޓުގެ އިތުރުން ކުރިން ރެއާލަށް ކޯޗުކަން ކޮށްދިން ޒިނެދިން ޒިދާން އަކީ ވެސް އެ ޓީމުން ޝޯޓްލިސްޓު ކޮށްފައިވާ ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ.

ޔުނައިޓެޑުން ހޯމަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 ގެ ނަތީޖާ އަކުން ބަލިވެ, ލީގު ތާވަލުގެ އަށް ވަނަ އަށް އެ ޓީމު ވަނީ ވެއްޓިފަ އެވެ. ޔުނައިޓެޑުން ލީގު ތާވަލުގެ އަށް ވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 54 ޕޮއިންޓާ އެކުގަ އެވެ. މި އަދަދަށް ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މި ސީޒަނުގައި ޔުނައިޓެޑް ކޮޅަށް 81 ގޯލު ވަނީ ވަދެފަ އެވެ. މިއީ 1976 ގެ ފަހުން އެ ޓީމު ކޮޅަށް މިހާ ބައިވަރު ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން ވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު 13 މެޗުން ބަލިވެފަ އެވެ. މިއީ ވެސް އެ ޓީމުގެ ތާރީހުގައި މުޅިން އަލަށް ވި ކަމެކެވެ.