Advertisement

ޕްރިމިއާ ލީގުގެ ތަށި ނޫން ވިސްނުމެއް އާޓެޓާގެ ސިކުނޑިއަކު ނެތް

11 މޭ 2024 - 09:36 0


ޕްރިމިއާ ލީގުގެ ތަށި ނޫން ވިސްނުމެއް އާޓެޓާގެ ސިކުނޑިއަކު ނެތް

11 މޭ 2024 - 09:36 0

ލަންޑަން (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ނޫން ވިސްނުމެއް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ސިކުނޑީގައި ނެތް ކަމަށް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި އާސެނަލް އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އާސެނަލަށް 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 35 މެޗުން ވަނީ 82 ޕޮއިންޓް ލިބިފަ އެވެ. އަމިއްލަ ބާރަށް ބަލާއިރު، ސިޓީ އަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ ތިން މެޗުން މޮޅުވެގެންނެވެ. އާސެނަލަށް ފުރުސަތު އޮތީ އެ ޓީމުން ބާކީ އޮތް ދެ މެޗުން މޮޅުވާއިރު، ސިޓީ އަށް އެއް މެޗުން ޕޮއިންޓް ގެއްލިގެންނެވެ.

އާސެނަލުން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން، ލީގު ހޯދިފައިނުވާއިރު، މި ސީޒަނުގައި އެކަން ހާސިލްކުރަން އާޓެޓާ ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.

"އަހަރެންގެ ވިސްނުމާއި ކަންކަން ހުރި ގޮތަށް ބަލާއިރު، އަަހަރެންގެ ސިކުނޑީގައި އޮތް ކަމަކީ، އަހަރެމެން ޕްރިމިއާ ލީގުގެ ތަށި ހޯދުން،" އާޓެޓާ ބުންޏެވެ.

ބާކީ އޮތް މެޗުތަކުގައި ވާން ޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އަމިއްލަ އަތުގައި ކޮންޓްރޯލް އޮތް ކަންކަން ފުރިހަމަ އަށް ކުރުމަށް ކަމަށެވެ.

އާސެނަލުން ލީގުގައި ދެން ކުޅޭ މެޗުގައި މާދަމާރޭ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާނެ އެވެ. އެ މެޗަށް ނުކުންނައިރު، އާސެނަލަށް އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލީގުގައި މިއަދު މެންޗެސްޓާ ސިޓީން ފުލަމް ބަލިކޮށްފިނަމަ އެވެ.

އާޓެޓާ ބުނީ މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ސިޓީން ވަނީ ތަށި ހޯދުން އެއީ އާދަޔަކަށް ހަދާފައި ކަމަށާއި އެ ލެވަލްގައި އޮތް ޓީމަކާ ވާދަކޮށް އާސެނަލަށް ކާމިޔާބެއް ލިބޭނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ކަމަށާއި އެ ޓީމު އޮތީ އެ މިސްރާބުގައި ކަމަށެވެ.