Advertisement

ގްރީންވުޑް އަށް ފާރަލާ ކްލަބްތައް ގިނަވަނީ

9 މޭ 2024 - 11:41 0


ގްރީންވުޑް އަށް ފާރަލާ ކްލަބްތައް ގިނަވަނީ

9 މޭ 2024 - 11:41 0

ލަންޑަން (މެއި 9) - މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ގެޓަފޭ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މޭސަން ގްރީންވުޑްގެ ސޮއި ހޯދަން މަސައްކަތް ކުރާ ކްލަބްތައް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގްރީންވުޑް، 22، މީގެ ނުވަ މަސް ކުރިން ގެޓަފޭ އަށް ލޯނެއްގެ ދަށުން ބަދަލުވީ ޔުނައިޓެޑްގައި އޭނާ އަށް ފުރުސަތެއް ދެވެން ނެތުމުންނެވެ.

ހުނަރުވެރި ފޯވާޑް، ގްރީންވުޑަށް ޔުނައިޓެޑުން ފުރުސަތު ގެއްލުނީ، ގެވެށި އަނިޔާ މައްސަލައެއްގައި އޭނާ ތާށިވި ހިސާބުންނެވެ. އެ މައްސަލަ މިހާރު ކޯޓުން ބޭރުކޮށްލާފައިވާއިރު، ޔުނައިޓެޑުން ވަކިން އެ މައްސަލަ ބަލައި، ގްރީންވުޑަށް އެޅި ފިޔަވަޅަކީ، އެ ކްލަބުން ޖާގަ ނުދިނުމެވެ.

އަންނަ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރި ގްރީންވުޑްގެ އެއްބަސްވުން އާ ނުކޮށް، މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން ޔުނައިޓެޑުން އޮތީ ނިންމައިފަ އެވެ.

ގެޓަފޭ އިން ގްރީންވުޑްގެ އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރާއިރު، 45 މިލިއަން ޑޮލަރު ދޭން ޖެހޭތީ އަންނަނީ ދެ ވަނަ ވިސްނުމަކުން އެ ޑީލާ މެދު ގޮތެއް ކަނޑައަޅަން މަޝްވަރާކުރަމުންނެވެ.

ގްރީންވުޑް ހޯދުމުގެ ރޭހަށް، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވަނީ ވަދެފަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ރޭހަށް، އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބަކާއި ޖަރުމަނުގެ ކްލަބެއް ވެސް މިހާރު ވަނީ ވަދެފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު 32 މެޗުން ގްރީންވުޑް ވަނީ 10 ލަނޑު ޖަހައިފަ އެވެ.