Advertisement

ޑިސްކައުންޓު ދިނުމުގެ ކުރިން ފައިސާ ދެއްކި މީހުންނަށް ސްޓެލްކޯއިން ކުޑަ ބިލެއް ފޮނުވަނީ

4 މޭ 2024 - 19:03 0


ޑިސްކައުންޓު ދިނުމުގެ ކުރިން ފައިސާ ދެއްކި މީހުންނަށް ސްޓެލްކޯއިން ކުޑަ ބިލެއް ފޮނުވަނީ

4 މޭ 2024 - 19:03 0

ރޯދަ މަހު ބޭނުން ކުރާ ކަރަންޓާއި ފެނަށް ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަހުން ޑިސްކައުންޓު ނުދީ ފޮނުވި ބޮޑެތި ބިލުތަކަށް ފައިސާ ދެއްކި މީހުންނަށް ދެން އަންނަ މަހަކު ކުޑަ ބިލެއް ފޮނުވަން ސްޓެލްކޯއިން ނިންމައިފި އެވެ.

ރޯދަ މަހު ފޮނުވި ބިލަށް ޑިސްކައުންޓެއް ދިނުމަށްފަހު ރޯދަ މަހު ބޭނުން ކުރި ކަރަންޓާއި ފެނަށް ޑިސްކައުންޓެއް ނުދޭން ޔުޓިލިޓީ ކުންފުނިތަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވެސް މަޝްވަރާ ކުރުމަށްފަހެވެ. ނަމަވެސް ރައްޔިތުންގެ ފާޑުކިޔުން ގިނަވި ފަހުން ރޯދަ މަހު ބޭނުން ކުރި ކަރަންޓާއި ފެނަށް ވެސް ޑިސްކައުންޓު ދޭން ސަރުކާރުން ނިންމި އެވެ.

ނަމަވެސް ބިލުތަކުން ޑިސްކައުންޓު ދޭން ނިންމީ ބޮޑު ބިލަށް ބައެއް މީހުން ފައިސާ ދެއްކި ފަހުންނެވެ. ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ ބޮޑު ބިލަށް ފައިސާ ދެއްކި މީހުންނަށް ދެން ލިބޭ ބިލަކުން އެބައި ހަމަޖައްސާނެ ކަމަށެވެ.

"ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފަ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވި އެވެ.

ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުދީ ބޮޑުކޮށް ފޮނުވި ބިލުތައް ސްޓެލްކޯއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ފަހުމީ މިއަދު ވިދާޅުވީ، ބިލުތައް އިސްލާހުކޮށް، ޑިސްކައުންޓު ހިމެނުމަށްފަހު މިރޭގެ ނިޔަލަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓު ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން،" އޭނާ ވިދާޅުވެފައިވެ އެވެ.

ރޯދަ މަހު ބޭނުން ކުރާ ކަރަންޓަށް ޑިސްކައުންޓެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

"މި އަންނަ ރަމަޟާން މަސް، ދެތިން ދުވަސް މިއޮތީ ބާކީ. ރަމަޟާން މަހު އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ވަރަށް ބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ،" މާޗް 3، ގައި ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.