10 މާރިޗު 2025 - 09:52 1
އަހުމަދު އާއިދު
ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު އިންޓަވިއުއެއް ދެއްވަނީ: ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ލިޔުމެއް ފާހަގަނުކުރެވޭ ކަމަށް --- ފޮޓޯ: އަދަދު
10 މާރިޗު 2025 - 09:52 1
މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނަވާ ސިޓީ ކައުންސިލުން މާލޭގެ ދިރިއުޅުނުކަމުގެ ލިޔުން ދޫނުކުރާ ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި އެވެ.
މި މައުލޫމާތު އޮޅުވާލީ ޕޯސްޓުކުރީ ކޮންސްޓްރަކްޝަން އެންޑް ހައުންސިން މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުންނެވެ. އެ ޕޯސްޓުގައި ބުނީ ކައުންސިލްތަކުން ދީފައިވާ ލިޔުންތަކު ތެރޭގައި ފާހަގަ ކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށެވެ.
"ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައެއް،" މިނިސްޓްރީން ބުނެފައިވެ އެވެ.
މިކަން ދޮގުކޮށް ޕޯސްޓުކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލަރު ސައިފު ފާތިހު އެވެ. އޭރު ދޫކޮށްފައިވާ ލިޔުމެއް ހިއްސާކޮށް ސައިފު ވިދާޅުވީ، ރައީސް މުއިއްޒު މޭޔަރު ކަމުގައި އެތައް ބަޔަކަށް ލިޔުން ދީފައިވާ ކަމަށެވެ.
"އެ ލިޔުން ގަބޫލުނުކޮށް، ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ކިތަންމެ ބަޔަކާ ބައްދަލުވެއްޖެ. މިނިސްޓަރު މުއްތަލިބަށް ކުޑަކޮށްވެސް ވާނުވާ އެނގިވަޑައިނުގަންނަވާ ކަން މާބޮޑަށް ސާފު" ސައިފު ލިޔުއްވާފައިވެ އެވެ.
ސައިފު ހިއްސާކުރައްވާފައި ވަނީ އޮގަސްޓު 20، 2023 ގަ އެވެ. އޭރު ރައީސް މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނަވާ ގެންދެވީ ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ.
އެ ލިޔުމުގައި ބުނެފައިވަނީ، ފުލެޓަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދަރިން ސްކޫލުތަކުގައި ކިޔެވިކަން ލިޔުމުންނާއި ދެ ހެކިވެރިއެއްގެ ބަޔާނުން އެނގޭ ކަމަށެވެ. އެ މީހާ މާލޭގައި 2002 އިން ފެށިގެން ދިރިއުޅުނުކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ. މި ލިޔުންތައް ބަލައިނުގަންނަން ނިންމީ މި ސަރުކާރުންނެވެ.
ނޮވެމްބަރު 2023، ގައި އިއުލާނުކުރި ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން، 3،119 މީހަކު ބާކީކުރަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމީ ސަރުކާރުން އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަސައްކަތަށް ފަހު ފެބްރުއަރީ 27، ގަ އެވެ.
އިދިކޮޅުން ބުނާ ގޮތުގައި ސަރުކާރުން ވަނީ ފްލެޓު ލިސްޓު ވަރަށް ބޮޑަށް އޮޅުވާލާފަ އެވެ. އެގޮތުން، ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ލިސްޓުން ބޭރުން 577 މީހަކަށް މި ސަރުކާރުން އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ދޭން ނިންމާފައިވާ ކަމަށް އެމްޑީޕީން އިއްޔެ ތުހުމަތުކުރި އެވެ.
0.00%
0.00%
50.00%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަކީ
about 1 month ago
މުއިއްޒުއަށް ދަންނަވާލަން ބޭނުމީ ވިދާލުވި ގޮތައް ވަޢުދު ފުއްދާށޭ! ކުރީގެ ލިސްޓްގައިވާ ގޮތަށް ފްލެޓްތައް ދޭށޭ! ދެން ތިބި އެންމެންނަށްވެސް ވީ އެންމެ އަވަހަކަށް ފްލެޓް އަޅައިދޭށޭ! ދެން ދެވަނަ ދައުރު ކަށަވަރު ކުރާށޭ! އިދިކޮޅުގެ މަޅީގައި ޖެހި ފިތި ބާރު ނުބާށޭ! ކުރީގެ ސަރުކާރުގެ ނިންމުމަށް އިޙުތިރާމު ކުރުމަކުން މަނިކުފާނާއި މަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް ލިބެން އޮތް ރިޒްގެއް އުނި ނުވާނޭ!
Comment