Advertisement

މާތާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

26 އޭޕްރީލް 2024 - 18:00 0


މާތާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

26 އޭޕްރީލް 2024 - 18:00 0

ރިއޯ ޑި ޖެނެއިރޯ (26 އޭޕްރީލް) - ބްރެޒިލްގެ އަންހެން ފުޓްބޯޅައިގެ ލެޖެންޑް މާތާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑް އޮތް މާތާ ،38، ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރާށެވެ.

މި އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ބްރެޒިލްގެ ޓީމުގެ ސްކޮޑަށް މާތާ ނަގައިފި ނަމަ، ހަ ވަނަ ފަހަރަށް އޮލިމްޕިކް ގޭމްސްގައި މާތާ ކުޅޭނެ އެވެ.

މާތާ ބުނީ އޮލިމްޕިކްސްގެ ކުޅުނަސް، މި އަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށެވެ.

"އޮލިމްޕިކް ގޭމްސްގައި އަހަރެން ކުޅުނަސް ނުކުޅުނަސް، މި އަހަރު އަހަރެން ގައުމީ ޓީމުން ރިޓާޔާކުރާނަން. މާތާ 2025 އިން ފެށިގެން މާތާ ގައުމީ ޓީމަކުން ނުފެންނާނެ،" މާތާ ބުންޏެވެ.

މާތާ ވަނީ އޮލިމްޕިކްސްގެ ރިހި މެޑަލް 2004 އަދި 2008 ވަނަ އަހަރު ހޯދައިފައެވެ. އެ ދެ ފަހަރު ވެސް ފައިނަލްގައި ބްރެޒިލް ބަލިވީ އެމެރިކާ އަތުންނެވެ.

މާތާއަކީ ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޖުމްލަ ހަ ވޯލްޑް ކަޕްގައި 23 މެޗު ކުޅެ، 17 ލަނޑު ޖަހައިފަ އެވެ.

މާތާ އަށް ބްރެޒިލްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕެއް ކާމިޔާބެއް ނުކުރެވެ އެވެ. ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2007 ވަނަ އަހަރު ރަނަރަޕްގެ މަގާމު ހޯދުމެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ނުގޮސް ބްރެޒިލް ކެޓުމާއެކު، ދެން ވޯލްޑް ކަޕެއްގައި ނުފެންނާނެ ކަމަށް މާތާ ވަނީ ބުނެފަ އެވެ. -- އޭއެފްޕީ