Advertisement

އެންޑްރިކް ތަފާތު، ބެލިންހަމް އިންްގްލެންޑް ސަލާމަތްކޮށްދީފި

27 މާރިޗު 2024 - 13:21 0

ސްޕެއިންގެ ލެ ނޯމަންޑް (ވ) އާއި ރޮޑްރީ ކައިރިން ބްރެޒިލްގެ އެންޑްރިކް (މ) ބޯޅަ ހިފައިގެންދަނީ.


އެންޑްރިކް ތަފާތު، ބެލިންހަމް އިންްގްލެންޑް ސަލާމަތްކޮށްދީފި

27 މާރިޗު 2024 - 13:21 0

މެޑްރިޑް (މާޗް 27) - ބެންޗުން އަރައި 17 އަހަރުގެ ފޯވާޑް އެންޑްރިކް ދެއްކި ތަފާތާ އެކު، ބްރެޒިލުން 3-3 އިން ސްޕެއިނާ އެއްވަރުކުރިއިރު، އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ޖެހި ގޯލުން ބެލްޖިއަމާ 2-2 އިން އެއްވަރުކޮށް، އިންގްލެންޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ރޭ ކުޅެވުނުއިރު، އަމިއްލަ ދަނޑުގައި ކުޅުނު ސްޕެއިނުން ވަނީ ދެ ގޯލުގެ ލީޑެއްނަގައިފަ އެވެ. އެ ގޮތުން، 12 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮޑްރީ ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހިއިރު، 36 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ސްޕެއިނުން ދެ ގޯލުގެ ލީޑެއް ނެގިތާ ހަތަރު މިނިޓް ފަހުން، މެޗުގެ 40 ވަަނަ މިނިޓްގައި ރޮޑްރީގޯ ވަނީ ބްރެޒިލް އަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ. ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދިން ބްރެޒިލުން ވަނީ ދެ ވަނަ ހާފުގައި 17 އަހަރުގެ އެންޑްރިކް ކުޅެން އަރުވައިފަ އެވެ. އެންޑްރިކް ވަނީ މިދިޔަ ހަފްތާގައި ބެންޗުން އަރައި، އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ. މި މެޗުގައި، އެންޑްރިކް ވަނީ ބެންޗުން އަރައި، ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިފަ އެވެ.

ސްޕެއިނުން އަނެއްކާ ވެސް ލީޑުނެގީ މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ރޮޑްރީ ޖެހި ލަނޑުންނެވެ. ބްރެޒިލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލޫކަސް ޕަކޭޓާ އެވެ.

އިންގްލެންޑްގެ ބެލިންހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--


ބްރެޒިލްގެ އާ ކޯޗު ޑޮރިވާލް ޖޫނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ނިންމާލާފައިމިވަނީ މެޗަކުން ބަލިނުވެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު އިންގްލެންޑަށް ބެލްޖިއަމް ކައިރީގައި އެންމެ އެކަށޭނެ ވަރަށް ނުކުޅެވުނެވެ. ޔޫރީ ޓިއެލަމަންސްގެ ގޯލުން ބެލްޖިއަމް 11 ވަނަ މިނިޓްގައި ލީޑުނެގިއިރު، އޭގެ ހަ މިނިޓް ފަހުން، އައިވާން ޓޯނީ ވަނީ ޕެނަލްޓީ އަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެ ވަނަ ފަހަރަށް ބެލްޖިއަމް އިން ލީޑުނެގީ ވެސް ޓިއެލަމަންސް ޖެހި ގޯލަކުންނެވެ.

އިންގްލެންޑް ބަލިނުވެ ސަލާމަތްވީ، އިތުރު ވަގުތުގެ ފަހު މިިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ބެލިންހަމް ޖެހި ގޯލުންނެވެ. މި ފަަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އިންގްލެންޑް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ.

ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފްރާންސުން ވަނީ 3-2 އިން ޗިލީ ބަލިކޮށްފަ އެެވެ. ޖަރުމަނުން 2-1 އިން ނެދަލެންޑްސްގެ މައްޗަށް ކުރިހޯދިއިރު، ސްލޮވީނިއާ އަތުން 2-0 އިން ޕޯޗުގަލް ވަނީ ބަލިވެފަ އެވެ.