Advertisement

އުމުރުން 58 އަހަރުގައި ރޮމާރިއޯ ކުޅެން ނުކުންނަނީ؟

18 އޭޕްރީލް 2024 - 10:35 0


އުމުރުން 58 އަހަރުގައި ރޮމާރިއޯ ކުޅެން ނުކުންނަނީ؟

18 އޭޕްރީލް 2024 - 10:35 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޭޕްރީލް 18) - ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގެ ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެމެރިކާ ފުޓްބޯލް ކްލަބުގެ ސްކޮޑުގައި ކުޅުންތެރިއެއްގެ ބްރެޒިލްގެ ލެޖެންޑް ރޮމާރިއޯ ހިމަނައިފި އެވެ.

އުމުރުން 58 އަހަރުގެ ރޮމާރިއޯ އަކީ އެ ކްލަބުގެ ރައީސް އެވެ.

އެމެރިކާ ފުޓްބޯލް ކްލަބުގެ ސްކޮޑުގައި ރޮމާރިއޯ ރަޖިސްޓްރީކުރުމާ އެކު، ރިއޯ ޑި ޖެނެއިރޯގެ ސްޓޭޓް ލީގުގެ ދެ ވަނަ ޑިވިޝަންގައި އޭނާ އަށް މިހާރު ކުޅެވޭނެ އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ބްރެޒިލްއާ އެކު 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮމާރިއޯ އެމެރިކާ ފުޓްބޯލް ކްލަބަށް ކުޅޭ ދުވަހެއް ސީދާ ނުބުނެ އެވެ. ރޮމާރިއޯ ބުނީ ލީގު މެޗުތަކުގައި ނުކުޅޭނެ ކަމަށެވެ. އެކަަމަކު، ދާދި ފަހުން އެމެރިކާ ފުޓްބޯލް ކްލަބަށް ސޮއިކުރި އޭނާގެ ދަރިފުޅު ރޮމަރީނިއޯއާ އެކު ކުޅެން ބޭނުންވާ ކަމަށް ރޮމާރިއޯ ބުންޏެވެ.

"އަހަރެން ލީގުގައި ނުކުޅޭނަން. އެކަމަކު އަހަރެން ދަރިފުޅާއެކު އެއް ޓީމަކަށް ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހަދައި، އެންމެ ލޯބިވާ ކްލަބަށް މެޗުތަކެއް ކުޅެލަން ބޭނުން،" ރޮމާރިއޯ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.

ރޮމާރިއޯ 2009 ވަނަ އަހަރު ކުޅުން ހުއްޓާލީ އެމެރިކާ ފުޓްބޯލް ކްލަބަށް ކުޅުމަށްފަހުއެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަކީ އެ ކްލަބުގެ ރައީސް އެވެ.

ޕީއެސްވީ އާއި ބާސެލޯނާ އަށް ކުރިން ކުޅުނު ރޮމާރިއޯ ވަނީ 1994 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.