Advertisement

އެމްއެންޔޫ އިން ބުނަނީ ދަރުމަވަންތަ ހޮސްޕިޓަލުން ނެރުނަސް މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ކަމަށް

25 އޭޕްރީލް 2024 - 19:22 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މައި ކެމްޕަސް. މެޑިކަލް ސްކޫލް ދެން ހިންގާނީ މިތަނުގައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


އެމްއެންޔޫ އިން ބުނަނީ ދަރުމަވަންތަ ހޮސްޕިޓަލުން ނެރުނަސް މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ކަމަށް

25 އޭޕްރީލް 2024 - 19:22 0

މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައިކެމްޕަހަށް ބަދަލުކުރިޔަސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ މެޑިކަލް ސްކޫލްގެ ގޮތުގައި އެމްއެންޔޫގެ މެޑިކަލް ސްކޫލް 2018 ވަނަ އަހަރު އުފެއްދީއްސުރެ އެ ސްކޫލްގެ ކެމްޕަސް ގާއިމްކޮށްފައި ހުރީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އެހޮސްޕިޓަލްގެ ދެ ފަންފިލައެއް 10 އަހަރު ދުވަހަށް މެޑިކަލް ސްކޫލަށް ދިނީ މެޑިކަލް ސްކޫލްގެ އިމާރާތްކޮށް ނިމެންދެން ހިންގުމަށެވެ.

އެހެން ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާ ކުރަން ބޭނުންވާތީ މެޑިކަލް ސްކޫލް، އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމުުމުން މެޑިކަލް ސްކޫލްގެ ދަރިވަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ އެމްއެންޔޫގެ މައި ކެމްޕަހަކީ މިހާރު ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަނަނަށް ވާތީ އެވެ.

އެކަންބޮޑުވުންތައް ބައެއް ދަރިވަރުން މީޑިއާއާ ހިއްސާކުރުމުން، އެމްއެންޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުން ދޭ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ގޮތަށް އެ ޔުނިވާސިޓީގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"...މީގެ އިތުރުން ދަރިވަރުންނަށް ހޮސްޕިޓަލުން ލިބިދޭން ޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ވާހަކަ ވެސް ދަންނަވަން،" އެމްއެންޔޫގެ ބަޔާނުގައި ބުންޏެވެ.

މެޑިކަލް ސްކޫލްގެ އިމާރާތް ހުޅުމާލޭގައި އަޅަން ޔުނިވާސިޓީއާ އެކު ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.