Advertisement

ހޮސްޕިޓަލަށް އެނދު އިތުރުކުރަން ކަމަށް ބުނެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ދަރުމަވަންތައިން ނެރެނީ!

25 އޭޕްރީލް 2024 - 12:06 14

އަހުމަދު އާއިދު

އަހުމަދު އާއިދު

ދަރުމަވަންތަ ހޮސްޕިޓަލް : އެނދު އިތުރުކުރުމަށް ކަމަށް ބުނެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ދަރުމަވަންތައިން ނެރެނީ! - ފޮޓޯ: އަދަދު


ހޮސްޕިޓަލަށް އެނދު އިތުރުކުރަން ކަމަށް ބުނެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ދަރުމަވަންތައިން ނެރެނީ!

25 އޭޕްރީލް 2024 - 12:06 14

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ 200 އަށްވުރެ ގިނަ ދަރިވަރުން ކިޔެވުމަށް ބޭނުންކުރަމުންދާ ދަރުވަމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާއިން ނުކުންނަން އަންގައިފި އެވެ.

އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުން ބޭނުންކުރަމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ އަށެއް އަދި 14 ވަނަ ފަންގިފިލާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ ފަންގިފިލާ ހުސްކުރަން އައިޖީއެމްއެޗުން އަންގާފައިވަނީ އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ.

"އަންނަ ހަފްތާއިން ފެށިގެން ވެސް ތަން ހުސްކުރުމުގެ މަސައްކަތް ފަށަން ޖެހިދާނެ ކަމަށް ވަނީ ބުނެފަ. ކުއްލިއަކަށް މިކަންވީއިރު ދަރިވަރުންނާ މެދު ކުރިއަށް އޮތްތަނުގައި ކަންކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ޔުނިވާސިޓީއަކަށް ކިޔައެއް ނުދެވޭ،" މައްސަލައިގެ ބާވަތުން ނޫހުގައި ނަން ނުޖެހުމަށް އެދި ދަރިވަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ދެ ފަންގިފިލާގައި ކިޔަވައިދޭއިރު ވެސް ޖާގައިގެ ދަތިކަން ދިމާވެ އެވެ. އަދި، މިކަމުގެ ހައްލެއްގެ ގޮތުން އެމްއެންޔޫއިން އެ ދަރިވަރުންގެ ކިޔެވުން ބަދަލުކުރަން ނިންމާފައިވަނީ، މިހާރު ވެސް ޖާގައިގެ ދަތިކަން ދިމާވެ ބޮއްސުންލާފައިވާ އެ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ދަރިވަރުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ގުޅުމުން ބުނީ ކޮމެންޓެއް ދޭން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

މީގެއިތުރުން، ކްލާސްތަކާއި ތަމްރީނުތަކަށް ދަރިވަރުން އައިޖީއެމްއެޗުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭއިރު، މަޑުކޮށްލާނެ ތަނެއް ނެތުމާއި ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ ވެސް މި ނޫހާ ވާހަކަ ދެއްކި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މި ނިންމުމަކީ ކިޔަވާދެއްވާ ޑޮކްޓަރުންނާއި ދަރިވަރުންނަށް ވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާނެ ނިންމުމެއް ކަމުގައި އަޅުގަނޑުމެން ދެކެން. މިއީ މި ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.

ސްކޫލް އޮފް މެޑިސިން 2018 ވަނަ އަހަރު ގާއިމުކޮށް، ދަރުމަވަންތަ ހަސްފަތާލުގެ ދެ ފަންގިފިލާއެއް އެމްއެންޔޫއަށް އަށް ދޫކޮށްފައިވަނީ ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އިމާރާތްކޮށް ނިމެންދެކަށެވެ.

ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ އެ ހޮސްޕިޓަލު އެޅުމަށް މި އަހަރުގެ ފެބްރުއަރީ 8، ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދިނުމަށް މިހާރު ބޭނުން ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާއިން ވެސް ނުފުދޭ ކަމަށާއި މިކަން ހައްލުކުރުމަށް މެޑިކަލް ސުކޫލެއް އެޅުން މުހިންމު ކަމަށެވެ.

ނަމަވެސް ހުޅުމާލޭގައި ހިންގާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.