Advertisement

ފޯޅަވައްސަށް ކުރި ދަތުރާއި މެރިޓައިމް ދާއިރާގެ ވާހަކަ ޑީޑީއާއެކު

25 އޭޕްރީލް 2024 - 11:55 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑީޑީ އަދަދު ނޫހަށް އިންޓަވިއު ދެނީ. އޭނާ މެރިޓައިމް ދާއިރާގައި ކުރި ތަޖުރިބާތަކާއި ވަކިން ހާއްސަކޮށް ފޯޅަވައްސަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފޯޅަވައްސަށް ކުރި ދަތުރާއި މެރިޓައިމް ދާއިރާގެ ވާހަކަ ޑީޑީއާއެކު

25 އޭޕްރީލް 2024 - 11:55 0

އައްޑޫ އަތޮޅަށް އުފަން އިބްރާހިމް ޑީޑީއަކީ ދުނިޔޭގެ ކަނޑުތަކުގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ކުޅަދާނަ ސީމަނެކެވެ. އޭގެ ކުރިން އޭނާއަކީ ފަޔާމަނަކެވެ. ރިސެޕްޝަނިސްޓެކެވެ. އަދި މާލީ ހިސާބުތައް ބެލެހެއްޓި މީހެކެވެ. ޓޫރިޒަމުން ފެށި ދަތުރު ދުނިޔޭގެ ހަތް ކަނޑުގައި އޭނާ ކުރި އެވެ.

އެކި ކަންކޮޅުތަކަށް ނިސްބަތްވާ މީހުންނާ އެކު އާއިލާއާ ދުރުގައި ބައެއް ފަހަރު އަހަރެއް, ބައެއް ފަހަރު އެތައް މަހެއް އަދި ބައެއް ފަހަރު އެތައް ދުވަހެއް އޭނާ ބޯޓުފަހަރުގައި ހޭދަކުރި އެވެ. ފާއިތުވި ދަހަރުތަކުގައި ސައިންސާއި ޓެކްނޮލޮޖީއަށް އައި ބަދަލުތަކާ ގުޅިގެން މެރިޓައިމް ދާއިރާ ތަރައްގީވެ ކުރިއަރައިގެން ދިޔަ ގޮތް އޭނާއަށް ވަރަށް ގާތުން ފެނުނެވެ.

ދިވެހިންގެ ތެރެއިން ވެސް މަދު ބަޔަކު ނޫނީ ކޮށްފައިވާ ނުވާ ތަޖުރިބާތައް އޭނާ ކުރި އެވެ. ފަހުގެ ތާރީހެއްގައި އެންމެ ދިވެއްސަކު ވެސް ނުދާ ތަންތަނަށް ވަޒީފާގެ ގޮތުން އޭނާ ދަތުރުކުރި އެވެ. "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޑީޑީ ވަނީ އޭނާގެ ކެރިއަރާ ބެހޭ މުހިންމު ވާހަކަތަކެއް ކިޔައިދީފަ އެވެ. މި ކަންކަމުގެ ތެރެއިން ވެސް ފޯޅަވައްސަށް އޭނާ ކުރި ދަތުރު ހާއްސަވެފައި ހަނދާނީ އެވެ.

ހުޅުލޭ އެއާޕޯޓުން ޓޫރިޒަމް އިންޑަސްޓްރީއަށް

ޑިސެމްބަރު, 1969, ގައި ޑީޑީ ވެސް އައްޑޫ ދޫކޮށް މާލެއަށް އައީ ތައުލީމް ހާސިލު ކުރުމަށެވެ. އެއީ ބެންގަލޫރުގައި ހުރި އޭނާގެ ބޮޑުބޭބެއެއްގެ އެދުމުގެ މަތިންނެވެ. ނަމަވެސް, ބޭރަށް ކިޔަވަން ދެވޭ ގޮތް ނުވުމުން އޭނާ މާލޭގައި އޭނާ މަޑުކުރީ ތައުލީމު ހާސިލު ކުރުމަށެވެ.

ބޮޑުފެންވަޅުގޭގައި ފެށި އީޕީއެސް ސްކޫލުގައި އޭނާ ތައުލީމު ހާސިލުކުރަމުންދިޔަ ދަނޑިވަޅަކީ ހުޅުލޭ އެއާޕޯޓު ތަރައްގީކޮށް އެތަނަށް މުވައްޒަފުން ނަގަމުންދިޔަ ދުވަސްވަރެވެ. އޭރު މާލޭގައި ހުރި މަޖީދިއްޔާ އަދި އަމީނިއްޔާ ސްކޫލާއި އީޕީއެސްއިން ޒުވާނުން އެތަނުގެ މަސައްކަތްތަކަށް ނެގި އެވެ.

"އަޅުގަނޑަށް ލައްވައިލީ ރެސްކިއު އެންޑް ފަޔާ ސާވިސަސް. އޭގެ އިތުރަށް ވެސް އަމިއްލައަށް ކިޔަވަމުން ދިޔައީ. އިތުރު ކަންތައްތަކުގައި. ސިންގަޕޫރުގައި ފުރަތަމަ ޓްރެއިނިން ހެދީ ރާއްޖޭން ބޭރުގައި. ފަސް އަހަރު ވަންދެން އެއާޕޯޓުގައި މަސައްކަތް ކޮށްފައި އަމިއްލައަށް ވަކިވީ," އޭނާ ކިޔައިދިނެވެ.

އެއީ ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރު ކަމަށްވާތީ ޑީޑީގެ އަމާޒު ވެސް ދެން ބެހެއްޓީ އެ ދާއިރާއަށެވެ. އޮސްޓްރޭލިއާގެ ޓްރެޝާ އައިލެންޑް ރިސޯޓްސްއިން އޭރު ހިންގަމުންދިޔަ މިހާރުގެ ޝެރަޓަންއަށް އޭނާ ގުޅުނީ ރިސެޕްޝަނިސްޓެއްގެ ގޮތުގަ އެވެ. އެއަށްފަހު އެ ތަނުގެ ފައިނޭންސާއި ފްރޮންޓް އޮފީހުގައި ވެސް މަސައްކަތްކުރި އެވެ.

އިންޑިއާއިން ހޮޓެލް މެނޭޖުމަންޓު ޑިޕްލޮމާ ނިންމުމަށް ފަހު އަރިއަތޮޅުގައި ހިންގަމުންދިޔަ މާޔާފުއްޓާއި ބަތަލާ އަދި ހަލަވެލީގައި އެސިސްޓަންޓު މެނޭޖަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. އޭރު މަސައްކަތް ކުރަން ޖެހެނީ ކޮންމެ ރިސޯޓެއްގައި ވެސް ހަ މަސް ދުވަހަށް ކަމަށް ޑީޑީ ކިޔައި ދިނެވެ.

ޓޫރިޒަމާ ދުރަށް ޖެހި ކަނޑު މައްޗަށް

"އޭރު ޓޫރިޒަމްގައި އުޅުނުއިރު ވެސް މަސައްކަތް ކުރީ މެރިޓައިމް ދާއިރާއިން ކިޔަވަން ދާން. ރާއްޖެއަކު ނެތް އެއްވެސް ކަމެއް ކުރެވެން އޭރަކު. ފުރަތަމަ ވެސް ދިޔައީ އެއްވެސް ޓްރެއިނިންއެއް ނެތި ދިޔައީ ބޯޓަކަށް," އޮސްޓްރޭލިއާ ކުންފުނިން ވިޔަފާރި ހުއްޓާލުމާ އެކު ކަން ކުރި ގޮތް ޑީޑީ ވިދާޅުވެ ދެއްވި އެވެ.

ބޯޓުތަކުގައި އުޅުނު ދުވަސްތަކުގައި ބޮމްބޭ އާއި ސިންގަޕޫރާއި ދުނިޔޭގެ އެކި ގައުމުތަކުން ކޯސްތައް ފުރިހަމަ ކުރުމަށް ފަހު ބޮޑެތި އާގުބޯޓުތަކުގެ ހުންގާނުގައި ހިފަން އޭނާއަށް ފުރުސަތު ލިބުނެވެ. ޑެކު މަތިން ފެށި ދަތުރު ވީލްހައުސްގައި ހުންނަ ހުންގާނާ ހަމައަށް އޭނާ ގެންދިޔަ އެވެ.

"ކެޕްޓަނަކަށް ގާތްގަނޑަކަށް 25 އަހަރު އުޅެފައި މެނޭޖުމަންޓު ދާއިރާއަށް މަސައްކަތް ފެށީ. އެހެން އުޅެނިކޮށް ގަތަރުގެ ކުންފުންޏަކުން ލިބުނީ ޑައިނަމިކް ޕޮޒިޝަން ކިޔަވަން. އެއީ ބޮޑެތި ބޯޓުފަހަރު އެއްވެސް ކަހަލަ ނަގިއްޔެއް ނުވަތަ އެއްވެސް ތަނެއްގައި ނުއައްސައި އެ އޮންނަ ޕޮޒިޝަން މެއިންޓެއިން ކޮށްގެން މަސައްކަތް ކުރާ ބޯޓުތަކެއް," އޭނާ ކިޔައި ދިނެވެ.

"މަސައްކަތް ކުރަނީ ސާވޭ ކުރުމުގައި އާއި ކަނޑު އަޑީގެ ކަންކަން ކުރުމުގައި އާއި ތެޔޮ ހޯދަން ނުވަތަ ގޭސް ހޯދަން ތޮރުފުމުގައާ އެކަހަލަ މަސައްކަތްތައް ކުރާއިރުގައި ބޭނުންކުރާ ސިސްޓަމެއް އެއީ."

އެފަދަ ބޯޓެއްގެ ހުންގާނުގައި ހިފަން ލިބެނީ ގިނަ ތަމްރީނުތަކެއް ފުރިހަަމަކޮށް އަމަލީ ތަޖުރިބާގެ ގަޑިތައް ހަމަކޮށް ލަންޑަނުގައި ހުންނަ އިނގިރޭސިވިލާތުގެ ނޯޓިކަލް އިންސްޓިޓިއުޓް އަށް ހުށަހެޅުމުންނެވެ. އެ މަގާމުގެ މުސާރައަކީ ދުވާލަކު 700 ވަރަކަށް ޑޮލަރެވެ. އެއީ މަހެއްގެ މައްޗަށް 21000 ޑޮލަރެވެ.

"އަޅުގަނޑަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންލިމިޓެޑް ޑައިނަމިކް ޕޮޒިޝަން މާސްޓާ. އެކަމުގައި ފަސް އަހަރު ވަންދެން މަސައްކަތް ކުރިން. ބައެއް ފަހަރު ކޮންޓްރެކްޓް އިނދެ ދާނެ 45 ދުވަސް ބޯޓުގައި 45 ދުވަސް ގޭގައި. ނުވަތަ ދެ މަސް ބޯޓުގައި އެއް މަސް ޗުއްޓީގައި," އޭނާ "އަދަދު" ނޫހާ ވާހަކަ ދައްކަމުން ވިދާޅުވެދެއްވި އެވެ.

ފޯޅަވައްސަށް ކުރި ދަތުރު

ޑައިނަމިކް ޕޮޒިޝަނިން މާސްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވިއިރު ޑީޑީ ދަތުރުކުރި އެންމެ ސަޅި އެއް ލޮކޭޝަނަކީ ފޯޅަވައްސެވެ. އެއީ ދިވެހިންގެ ތެރެއިން މަދު ބަޔަކަށް ނޫނީ ހަމަ ލޮލުން ފެނިފައި ނުވާ ތަނެކެވެ. މިފަހުން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލުވެގެންދިޔަ ތަނެކެވެ.

"އަޅުގަނޑު މަސައްކަތް ކުރަމުން ދިޔަ ބޯޓަކަށް ލިބުނީ އިނގިރޭސި ފޮރިން އޮފީހުގެ ކޮންޓްރެކްޓެއް ލިބުނީ އެތަނުގައި [ފޯޅަވަހީގައި] ސާވޭ ކުރަން. އެއީ ތިމާވެށީގެ ސާވޭއެކޭ ބުނެވިދާނެ. ފަރުންނާއި ކަނޑުންނާއި ސާމްޕަލް ނަގައި އެއްގަމުން ތޮރުފައިގެން ސާމްޕަލް ނަގައިގެން," ފޯޅަވަހީގައި ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޑީޑީ ވިދާޅުވި އެވެ.

"އެއީ މީހުން އުޅެން ކަމުދާ ތަނެއްތޯ ބަލަން އިނގިރޭސި ސަރުކާރުން ކުރި ސާވޭއެއް އެއީ. އެ ސާވޭގެ މަސައްކަތުގައި ދޮޅު މަސް ވަންދެން ޑިއޭގޯ ގާސިއާ ނޫން ހުރިހާ ރަށްތަކެއްގައި މަސައްކަތް ކުރިން،" ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ ސިއްރު އަސްކަރީ މަރުކަޒެކެވެ. އެ ތަނަށް އެރުމުގެ ހުއްދައެއް އާންމުންނަށް ނޯވެ އެވެ.

އެ ރަށްރަށުން މީހުންނާ ދިމާ ނުވާ ކަމަށާއި އެހެން ނަމަވެސް ވަރަށް ގިނަ އާސާރުތައް ހުރި ކަމަށް ޑީޑީއަށް ފެނުނު ތަންތަން ސިފަކޮށްދެމުން އޭނާ ކިޔައިދިނެވެ. ފައްޅިތަކާއި ގަބުރުސްތާނުތަކާއި ފެނުނު ކަމަށާއި ނަމަވެސް އިސްލާމީ ހަޟޯރާތެއްގެ އަސަރު ފެންނަން ނެތް ކަމަށް ޑީޑީ ކިޔައިދިނެވެ.

"ރާއްޖެއާ އެއް ލެވެލެއްގައި ހަމަ, އެއްވެސް ކަހަލަ ތަފާތުކަމެއް ނެތި ދެކުނުގަ އިންނަ ރަށްތަކެއް. ހަމަ ރާއްޖޭގެ ރަށްތަކާ އެއްވެސް ތަފާތެއް ނެތް, ގޮނޑުދޮށްތަކާއި ގަސްގަހާގެއްސާއި ދޫނިތައް ވެސް. ދޮންދީނި އުޅުނު ޗާގޯސް ރަށްތަކުގައި ވަރަށް ބައިވަރު," ތަޖުރިބާ ހިއްސާ ކުރަމުން ޑީޑީ ވިދާޅުވެދެއްވި އެވެ.

އައްޑޫ އަތޮޅުގެ މީހުން ޗާގޯސްގައި އުޅުނު ކަމަށް ބައެއް ތާރީހީ ފަތްފުށްތަކުން ފެންނާން ހުރި ކަމަށާއި ނަމަވެސް އިސްތިއުމާރީ ބާރުތައް ދުނިޔެއަށް އަތްގަދަ ކުރަމުންދިޔުމާ އެކު ރާއްޖެއަށް "އެހާ ބޮޑަށް އަޅައިނުލެވި" އޮތް ތަނަކަށް ޗާގޯސް ވެދާނެ ކަމަށް ބެލެވޭ ކަމަށް ޑީޑީ ދެކެ އެވެ.

ފުރުސަތު އޮތް އާމްދަނީ ރަނގަޅު ދާއިރާއެއް

ޑީޑީގެ މުޅި އުމުރުހެން ހޭދަކުރަމުންދަނީ މެރިޓައިމް ދާއިރާގަ އެވެ. މިއީ ދުނިޔެ އެ ދާއިރާއެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދާއިރާއެކެވެ. ހަތް ކަނޑުގައި ބޯޓުފަހަރު ދަތުރު ނުކުރާނަމަ މުޅި ދުނިޔެ ހުއްޓުމަކަށް އަންނާނެ އެވެ. ވިޔަފާރީގެ މައިބަދައަކީ ކަނޑު ދަތުރުގެ ވިއުގަ އެވެ.

"މިހާރަކަށް އައިސް މި ދާއިރާގައި މި ދަނީ މަސައްކަތް ކުރާ މީހުން ނެތެމުން. އިންޓްރެސްޓް ވެސް މަދުވަމުން. ކިތަންމެ ކަނޑުމަތީގައި އުޅެން ޖެހުނު ނަމަވެސް ބޯޓުދަތުރުފަތުރު ކުރުމުގެ މީހުން ވަރަށް ބޮޑަށް މަދުވެއްޖެ," އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުން ޑީޑީ ވިދާޅުވި އެވެ.

އެ ދާއިރާއިން ތައުލީމު ހާސިލުކޮށްފިނަމަ އެއީ ވަރަށް ދަތިރަނގަޅު އާމްދަނީއެއް ހޯދޭނެ ދާއިރާއެއް ކަމަށް ޑީޑީ ކިޔައިދިނެވެ. އޭނާ ދެކޭ ގޮތުގައި މިޒަމާނުގެ ކުދިން އެ ދާއިރާއަށް ނުނުކުންނަނީ "ފަސޭހަ ގޮތް އިހުތިޔާރު ކުރާތީ" އެވެ.

ޑީޑީ ގެންދަނީ އެސޯސިއޭޝަން އޮފް މެރިޓައިކް އިންޑަސްޓްރީ (އަމާރީ) ގެ ނަމުގައި އޮންނަ ޖަމިއްޔާގެ އެކްސްކޯ މެމްބަރެކެވެ. ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް ނުކުންނަން ތިބި ޒުވާނުންގެ އިންޓްރެސްޓް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސްކޫލުތަކުގައި ހިންގާ އެވެއާނެސް ޕްރޮގްރާމްތަތަކުގެ ނަތީޖާތަކަށް ބެލުމުން އެނގޭ ކަމެކެވެ.

"މެރިޓައިމް ދާއިރާގައި އުޅޭ ކަމަށްވާނަމަ ފުދޭވަރަކަށް ގިނަ ދުވަހު އާއިލާއާ ދުރުގައި ވެސް އުޅެން އެބަޖެހޭ. އާއިލާއާ ދުރުގައި އެހާ ގިނަ ދުވަހު އުޅުމަކީ މީހުންނަށް ބައެއް ފަހަރު ދަތި ކަމަކަށް ވެދާނެ. ޕްރޮފެޝަނަލީ ކިޔަވައިގެން ވަރަށް ރަނގަޅު އާމްދަނީ ލިބެން އެބަހުރޭ," ޑީޑީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު މެރިޓައިމް ދާއިރާއަކީ ވަރަށް ޕްރޮފެޝަނަލް ދާއިރާއެއް. ރާއްޖޭން ވެސް ކިޔެވެން އެބަ ހުރި ވަކި ލެވެލްއެއްގައި. ކިޔަވައިގެން, ލަންކާ އިން މާސްޓާސް ހެދެން އެބަހުރި. ކުރިއަށްދެވެން އެބަ އޮތް ފުރުސަތުގެ ބޭނުން ހިފާށޭ ޒުވާނުން."