Advertisement

އެވަޓަން އަތުން ބަލިވެ ލިވަޕޫލްގެ އުންމީދުތަކަށް އިތުރު ހުރަހެއް

25 އޭޕްރީލް 2024 - 14:16 0


އެވަޓަން އަތުން ބަލިވެ ލިވަޕޫލްގެ އުންމީދުތަކަށް އިތުރު ހުރަހެއް

25 އޭޕްރީލް 2024 - 14:16 0

ލިވަޕޫލް (އޭޕްރީލް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލުން ކުރަމުންދާ އުންމީދުތަކަށް އިތުރު ހުރަހެއް ކުރިމަތިވެއްޖެއެވެ.

ލިވަޕޫލްއާ ވާދަވެރި އެވަޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން މޮޅުވެގެން، ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. އެކަމަކު މުޅި މެޗުގައިވެސް މޮޅެއް ހައްގުވާފަދަ ކުޅުމެއް ދެއްކީ އެވަޓަންއެވެ.

އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް އަތުން އެވަޓަން މޮޅުވީ ޖެރަޑް ބްރަންތުވެއިޓް އަދި ޑޮމިނިކް ކެލްވާޓް ލުވިން ޖެހި ލަނޑުތަކުންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން އެވަޓަން މޮޅުވި ފުރަތަމަ ފަހަރެވެ.

ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، ލިވަޕޫލް ތާވަލްގެ ދެވަނައިގައި އޮތީ ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލް އަށްވުރެ ތިން ޕޮއިންޓް ފަހަތުގައެވެ. އަދި ލިވަޕޫލަށް އެއް ޕޮއިންޓް ފަހަތުން ތާވަލްގެ ތިން ވަނައިގައި އޮތް ސިޓީ އަށްވުރެ ލިވަޕޫލް ވަނީ އިތުރަށް ދެ މެޗު ކުޅެފައެވެ. އެހެންކަމުން ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ، ލިވަޕޫލަށްވުރެ ކުރިއަށް އެ ޓީމު ޖެހިލާނެއެވެ.

އެހެންކަމުން، މި މެޗުން ބަލިވުމާއެކު، ލިވަޕޫލަށް ވަނީ މި ސީޒަންގައި ލީގު ކާމިޔާބުކުރުމުގެ އުންމީދުތައް ގާތްގަނޑަކަށް ގެއްލިފައެވެ. ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ ކްލަބުގައި ހޭދަކުރާ ފަހު ސީޒަންގައި، ލީގު ކާމިޔާބުކުރުމަށް ދެކެމުންއައި ހުވަފެންތަކުގައި ކުލަ ޖެހުމުގެ މާބޮޑު ފުރުސަތެއް މިހާރު ނެތެވެ.

ރެލިގޭޝަނުން ސަލާމަތްވުމަށް އެވަޓަން އިން ކުރަމުންދާ މަސައްކަތުގައި އެ ޓީމަށް ރޭ ލިބުނީ މުހިންމު މޮޅެެކެވެ. އެވަޓަން މިހާރު އޮތީ 33 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

އިނގިރޭސި ލީގުގައި ރޭ ޝެފީލްޑް ޔުނައިޓަޑް އަތުން މެންޗެސްޓާ ޔުނައިޓަޑް މޮޅުވީ 4-2 އިންނެވެ. ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގެ 35 ވަނަ މިނިޓުގައި ޝެފީލްޑުން ލީޑު ނެގީ ޖޭޑަން ބޮގަލް ޖެހި ލަނޑުންނެވެ.

އެކަމަކު ފުރަތަމަ ހާފު ނިމެނިކޮށް، ޔުނައިޓަޑް އިން ނަތީޖާ ހަމަހަމަކުރީ ޑިފެންޑަރު ހެރީ މެގުއަޔާ ޖެހި ލަނޑުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޝެފީލްޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ބްރެރޭޓަން ޑިއާޒް ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ 61 ވަނަ މިިނިޓުގައި ޔުނައިޓަޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 81 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލީޑު ހޯދައިދިނީ ފެނާންޑޭޒްއެވެ. އަދި 85 ވަނަ މިނިޓުގައި ރަސްމަސް ހޮއިލުންޑް ވަނީ ޔުނައިޓަޑްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.