Advertisement

އާސެނަލުން ހޯދި މޮޅަށް ސިޓީން ޖަވާބު ދިނީ ހާލަންޑް

5 މޭ 2024 - 00:03 0


އާސެނަލުން ހޯދި މޮޅަށް ސިޓީން ޖަވާބު ދިނީ ހާލަންޑް

5 މޭ 2024 - 00:03 0

ލަންޑަން (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އާސެނަލުން ވަނީ 3-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ސިޓީން 5-1 އިން ވުލްވްސް ބަލިކުރި މެޗުގައި، އާލިން ބްރައުޓް ހާލަންޑް ހަތަރު ލަނޑު ޖެހި އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި 36 މެޗުން 83 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ދެ ވަނައިގައި 35 މެޗުން 82 ޕޮއިންޓް ހޯދައިގެން އޮތީ ސިޓީ އެވެ. މެޗު ހަމަކުރާއިރު، ސިޓީ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން މިރޭ ލީޑުނެގީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެެވެ. އާސެނަލްގެ ކައި ހަވާޓްޒް އަށް އޭރިއާތެރެއިން ބޯންމައުތުގެ ކީޕަރު، މާކް ޓްރެވާސް ކުރި ފައުލަށް ދިން ޕެނަލްޓީ ބުކާޔޯ ސަކާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، ސަކާ މި ފަހަރު ސީޒަނުގައި ޖެހި 20 ވަނަ ގޯލެވެ. އަދި ލީގުގައި ޖެހި 16 ވަނަ ގޯލެވެ.

ދެ ވަނަ ހާފުގައި އާސެނަލްގެ ލީޑުފުޅާކޮށްދިނީ .70 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ، ޑެކްލަން ރައިސް ދިން ބޯޅައަކުން ޓްރޮސާޑް ޖެހި ގޯލެކެވެ. އާސެނަލްގެ ފަހު ލަނޑު ޖެހީ، ރައިސް އެވެ. މެޗުގައި ބޯންމައުތުގެ، އެންޓޮއިން ސެމޭންޔޯ ޖެހި ގޯލެއް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ކެންސަލްކޮށްފަ އެވެ. އެއީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އަށް ބޯންމައުތުގެ ފޯވާޑް، ޑޮމިނިކް ސޮލާންކޭ ފައުލު ކުރުމުންނެވެ.

ސިޓީން ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގިއިރު، އެ ތިން ލަނޑު ޖަހައި، ހާލަންޑް ހެޓްރިކް ފުރިހަމަކުރި އެވެ. މިއީ، ދެ ސީޒަނު ތެރޭ ސިޓީ އަށް ހާލަންޑް ހަދައިދިން ނުވަ ވަނަ ހެޓްރިކް އެވެ. ހާލަންޑް، ހެޓްރިކް ހެދި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ.

ވުލްވްސް އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ހްވާން ހީ ޗާންގެ ގޯލުން އުންމީދެއް ހޯދިތާ އިރުކޮޅެއް ނުވަނިސް ހާލަންޑް ވަނީ ސިޓީ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ. މިއީ، ލީގުގެ މެޗެއްގައި ހާލަންޑް ސިޓީ އަށް ހަތަރު ގޯލު ޖަހައިދިން ފުރަތަމަ ފަހަރެވެ. ސިޓީގެ ފަހު ލަނޑު ޖެހީ، ރޮޑްރީ ދިން ބޯޅައަކުން، ހޫލިއަން އަލްވަރޭޒް އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލަމް އާއި ބްރެންޓްފޯޑް ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވިއިރު، ބާންލީ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 4-1 އިން މޮޅުވެފަ އެެވެ. ޝެފީލްޑް ޔުނައިޓެޑް އަތުން ނޮޓިންހަމް ފޮރެސްޓް މޮޅުވީ ފަހަތުން އަރައި 3-1 އިންނެެވެ.