Advertisement

ވިލާ ކޮލެޖުން މުޅިން އާ ހަތް ކޯހެއް ތައާރަފުކޮށްފި

25 އޭޕްރީލް 2024 - 11:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުން މުޅިން އާ ހަތް ކޯހެއް ތައާރަފްކުރުން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުން މުޅިން އާ ހަތް ކޯހެއް ތައާރަފުކޮށްފި

25 އޭޕްރީލް 2024 - 11:52 0

ރާއްޖޭގެ މަތީ ތައުލީމުގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުންދާ ވިލާ ކޮލެޖުން އާ ހަތް ކޯހެއް ތައާރަފު ކޮށްފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސްތައް ލޯންޗު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ.

ވިލާއިން އަލަށް ތައާރަފްކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް 3 ކަލިނަރީ އާޓްސް، މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ، ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން (އޮނާސް)، މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރިކަލް)، މާސްޓާ އޮފް އިންޖިނިއަރިން (މެކޭނިކަލް) ގެ އިތުރުން މާސްޓާ އޮފް އިންޖިނިއަރިން (މެކަޓްރޮނިކްސް) އަދި މާސްޓާ އޮފް އިންޖިނިއަރިން (ކޮމްޕިއުޓިންގް) އެވެ.

ވިލާ ކޮލެޖުގެ މާސްޓާ އޮފް އިންޖިނިއަރިން ކޯސް ތަކަކީ ރާއްޖޭގައި ތައާރަފުކުރި އެންމެ ފުރަތަމަ އިންޖިނިއަރިންގެ މާސްޓާ ލެވެލްގެ ކޯސްތަކެެވެ.

ވިލާ ކޮލެޖުން ބުނީ މި ކޯސްތަކަކީ ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އިދުމާ އަބްދުލް ލަތީފް ވިދާޅުވީ، މި ޕޮރްގްރާމްތަކަކީ އިންޖިނިއަރިންގެ އެކި ކޮންޕްލެކްސް މައްސަލަތަކަށް އައު ހައްލު ހޯދުމަށް އިންޖިނިއަރިން އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާވަރު އިނގުމާއި، އަތް މަތީ ހުނަރުތައް ދައްކާލެވޭ ޕްރޮފެޝަނަލް ޕޯސްޓް ގުރެޖުއެޓުން ތަކެއް އުފައްދާނެ ޕޮރްގްރާމެއް ކަމަށެވެ.

އެގޮތުން އިންޖިނިއަރިންގެ ރޮނގުން ގައުމުގައި އިލްމީ އަދި ހުނަރުވެރި ޕޮރޮފެޝެނަލުން ތަކެއް އުފެއްދުމަށް ވިލާ ކޮލެޖުން ކުރަމުން އަންނަ މިންނެތް މަސައްކަތައް އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖުން މުޅިން އާ ހަތް ކޯހެއް ތައާރަފްކުރުން -- ފޮޓޯ: ވިލާ ކޮލެޖު


ސެޓްފިކެޓް ލެވަލް 3 ގެ ކަލްނަރީ އާޓްސް ޕްރޮގްރާމްގެ ތައާރަފުގައި، ވިލާ ކޮލެޖުގެ ސެންޓަރ ފޮ ފޮއުންޑޭށަން ސްޓަޑީޒްގެ ޑެޕުޓީ ޑީން އައިމިނަތް ސުހޭ ވިދާޅުވީ އެ ކޯހުގެ ތެރެއިން ދަސްވެގެންދާނެ މުހިންމު ކަންތައްތަކަށް ބަލާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން އެނގިގެންދާނެ ކަމާއި، ރައްކާތެރިކަމާ ތާޒާކަމާއެކު ކާބޯތަކެތި ތައްޔާރުކުރާނެގޮތް ދަސްވެގެންދާނެވާހަ ވިދާޅުވިއެވެ.

އޭގެއިތުރުން ޕްރޮގްރާމުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް ފައިދާ ކުރުމުގެ އިތިރުުން ދާއިރާއިން އިތުރު ދިވެހީންނަށް ވަޒީފާތަކެއް ލިބުމަށް މަގުފަހިވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީގެ ތައާރަފެއް ދެއްވަމުން، ސްކޫލް އޮފް ސައިކޮލަޖީގެ ހެޑް ޑރ. އައިޝަތް ނަޝީދާ އެ ކޯހުގައި ކިޔަވަދޭން ތިއްބާވާ މުދައްރިސުން ވާނީ ޕީއެޗްޑީ އޮންނަ ސައިކޮލަޖީ ދާއިރާގައި އުޅުއްވާ ގާބިލް ބެފުޅުންކަން ފާހަގަ ކުރައްވާފަ އެވެ.

ޑރ. ނަޝީދާގެ ވިދާޅުވީ އެ ކޯހުން ގުރެޖުއޭޓް ވާ ދަރިވަރުން ނަފްސާނީ ސިއްހަތުގެ ޗެމްޕިއަންތަކަކަށް ވެ، ސައިކޮލޮޖިސްޓެއްގެ ހައިސިއްޔަތުން މުޖުތަމައުގައި ފައިދާހުރި ގޮތެއްގައި ހިއްސާކޮށް، އެ ޕްރޮފެޝަންގެ އަހްލާގީ މިންގަނޑުތަކާއި ގައިޑްލައިންތައް ދަމަހައްޓައި ކްލިނިކަލް ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންވާ ފަރަގު ހައްލުކުރުމުގައި އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިކޯސް ތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތް ތަކަށް ވިލާ ކޮލެޖުގެ 2024 މޭއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކަށް މެއި، 4 ވަނީ ކަނޑައަޅާފަ އެވެ.