Advertisement

ޗެލްސީ އަތުން އާސެނަލް އަށް ބޮޑު މޮޅެއް

24 އޭޕްރީލް 2024 - 10:12 0


ޗެލްސީ އަތުން އާސެނަލް އަށް ބޮޑު މޮޅެއް

24 އޭޕްރީލް 2024 - 10:12 0

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 5-0 އިން އާސެނަލް މޮޅުވެ، ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.

އާސެނަލް ތާވަލްގެ އެއް ވަނައިގައި މިހާރު އޮތީ 77 ޕޮއިންޓާ އެކު އެވެ. އެކަމަކު, އެއީ ދެ ވަނައިގައި 74 ޕޮއިންޓާ އެކު އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އަދި ތިން ވަނައިގައި 74 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ.

ޗެލްސީ ކޮޅަށް ޖެހި ލަނޑުތަކާއެކު، އާސެނަލްގެ ފައިދާ ގޯލުގެ އަަދަދަށް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފައެވެ. އާސެނަލް މިހާރު އޮތީ ފައިދާ 56 ގޯލާއެކުއެވެ. ލީގު ހޯދުމުގެ ރޭސް ވާދަވެރިކޮށް ދާއިރު، ގޯލުގެ މުުހިންމުކަންވެސް ބޮޑުވެދާނެ ހާލަތެއް ކުރިމަތިވެދާނެއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ބެލްޖިއަމްގެ ފޯވަޑް ލިއަންދުރޯ ޓްރޮސާޑެވެ.

މެޗުގައި އާސެނަލް އިން ދެން ޖެހި ހަތަރު ލަނޑުވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި އާސެނަލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޗެލްސީގެ ކުރީގެ ފޯވަޑް ކައި ހަވާޓްޒް އަދި ޑިފެންޑަރު ބެން ވައިޓް އެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އާސެނަލް އަށް މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ، މިއަށްވުރެ ނަތީޖާގެ ފަރަގު ބޮޑުވާނެ އެވެ.

އެކަމަކު މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކުޅުންތެރިން ގޯސްކުރާކަށް އޭނާ ބޭނުންނުވާ ކަމަށެވެ.

"އަހަރަމެންނަށް މި މެޗުގައި (އާސެނަލްއާ) ވާދައެއް ނުކުރެވުނު. ބަހަނާއެއް ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު މުޅި ސީޒަންގައިވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ނަތީޖާތައް ނުހިފެއްޓުން،" ޕޮޗެޓީނޯ ބުންޏެވެ.

އަނިޔާގެ ސަބަބުން ޗެލްސީގެ ތަރި ކޯލް ޕާމާ .މި މެޗުގައި ނުކުޅެ އެވެ. އެކަމަކު، އެއީ ބަލިވި ސަބަބެއް ކަމަށް ބުނަން ޕޮޗެޓީނޯ ބޭނުމެއްނުވި އެވެ.