22 އޭޕްރީލް 2024 - 16:55 1
ހަސަން މުހައްމަދު
22 އޭޕްރީލް 2024 - 16:55 1
އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތުކޮށް ނުހިއްތަވާނެ ކަމުގެ ވައުދާއެކު ހުރިހާ ސިޔާސީ ލީޑަރުން އެކުވެރިވެ، ގައުމައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބު ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް ސިޔާސީ ފިކުރެއްގެ ސަބަބުން އެމަނިކުފާނު އެއްވެސް ރައްޔިތަކާމެދު ތަފާތު ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކު ވެސް ހަމަހަމަ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އަޅުގަނޑަށް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކާމެދު އަޅުގަނޑުގެ ހިތުގަ އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުންނެއް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާސީ ލީޑަރުންނަށް ރައީސް މުއިއްޒު ގޮވާލެއްވީ ގައުމާއި ގައުމުގެ ތަރައްގީގެ މަސައްކަތައިގެން ކުރިއަށް ދިޔުމަށެވެ.
"އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުން ދޫކޮށްލަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި، އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހިންގަވާށޭ ކުރިއަށްދާން މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެ ވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެނަށް ލިބޭނެއޭ އެ އުފާވެރިކަން،" ރައީސް އިލްތިމާސް ކުރެއްވި އެވެ.
އޭގެ އިތުރުން، ރައީސް ވަނީ ވެއެތުވެދިޔަ ފަސް މަހަށްވުރެ ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަށް ވެސް ގޮވާލެއްވީ ބުރަކޮށް މަސައްކަތް ކުރުމަށެވެ.
"މި ވެއެތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫން. ތިޔަ ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވި ގޮތަށް ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން،" ކެބިނެޓާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީއަށް މަދުވެގެން 70 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ 12 ގޮނޑި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment