Advertisement

"އަވަހަށް ޓްރާންސްފާ ކޮށްލާ, މިއޮތީ އައިޑީ ކާޑު"

21 އޭޕްރީލް 2024 - 11:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ މަރުކަޒެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް ހަރުކުރަނީ. ވޯޓު ގަނެ ވިއްކުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ރާއްޖޭގައި އާންމުވެފައި --- ފޮޓޯ: އަދަދު ފައިލް


"އަވަހަށް ޓްރާންސްފާ ކޮށްލާ, މިއޮތީ އައިޑީ ކާޑު"

21 އޭޕްރީލް 2024 - 11:50 0

މިއަދަކީ އަނެއްކާ ވެސް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މުހިންމު ދުވަހެކެވެ. ކުރިއަށް މިއޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާ ދުވަހެވެ. ވޯޓުލުމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށްވާއިރު ވާދަކުރާ ކެންޑިޑޭޓުންނަށް ވުރެ އެ ކަމުގައި ޒިންމާ ބޮޑީ ވޯޓު ދޭ މީހުންގެ އެވެ.

އަންނަ ފަސް އަހަރު ނިސްބަތްވާ ދާއިރާގެ ކަންކަމާ ވަކާލާތު ކުރާނީ މިއަދުގެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓެވެ. ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ވަކާލާތު ކުރާން ޖެހޭނީ މިއަދުގެ ވޯޓު ކާމިޔާބުކުރާ ކެންޑިޑޭޓެކެވެ.

މިއަދު ހެނދުނު ވޯޓުލުމަށް ހެންވޭރު ދަނޑާ ދިމާލަށް މިސްރާބު ޖެހީ މިއީ ގިނަ ރައްޔިތުން ވެސް މި އިންތިހާބާ މެދު ދެކޭނެ ގޮތް ކަމަށް ދެކިގެންނެވެ. ވާދަކުރާ މީހުންނަށް ވުރެ ވޯޓު ދޭ މީހުންގެ ބާރާއި ޒިންމާ ބޮޑު ކަމަށް ގިނަ ބަޔަކު ދެކޭނެ ކަމަށް ހީކޮށްގެންނެވެ. ފެހި ގާނޫނު އަސާސީއަށް ފަހު ބާއްވަ ހަތަރުވަނަ މަޖިލިސް އިންހާބަކީ ކުރީ ފަހަރުތަކަށް ވުރެ ތަފާތުވާނެ އިންތިހާބެއް ކަމަށް އުންމީދު ކުރަމުންނެވެ.

އެހެން ނަމަވެސް, އަބަދަށް ފެހި މަގުގައި ސައިކަލު ޕާކުކޮށްފައި ހެންވޭރު ދަނޑަށް ވޯޓުލުމަށް ވަންނަން އެ ދަނޑު ގޭޓާ ހަމައަށް ނުދެވެނީސް އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އިވުނީ ޑިމޮކްރަސީގެ ހިޔާލާ ދުރު އަޑުތަކެކެވެ.

"ކޮބާ އައިޑީ ކާޑު ކިހާވަރަކަށް."

"އެކައުންޓު ނަންބަރު ފޮނުވާ, މި ފޮނުވާލަނީ."

"އަވަހަށް ޓްރާންސްފާކޮށްލާ, މިއޮތީ އައިޑީ ކާޑު."

އެތައް އަތޮޅެއްގެ ރައްޔިތުން ވޯޓުލާން ފޮށި ބަހައްޓާފައި ހުރި އެ ސަރަހައްދުގައި ވޯޓު ގަނެ ވިއްކުމުގެ ހުތުރު ވާހަކަތައް ފާޅުގައި ދައްކަމުންދިޔައީ އެއްވެސް ލަދެއް ނެތި އެވެ. އެކައުންޓު ނަންބަރުތައް ބެހުމާއި, އައިޑީ ކާޑުގެ ވާހަކަ އާއި ނަގުތު ފައިސާގެ ވާހަކަ ވެސް އިވުނެވެ.

ވަށައިގެން އެތައް ބަޔަކު ތިބިއިރު އެއްވެސް މީހަކަށް އެކަމާ ދެކޮޅަށް ބަހެއް ނުބުނުމުން އެއީ "ނޯމަލް" ކަމެއްގެ ގޮތުގައި ބެލެވުނެވެ. މީގެ ފަސް އަހަރު ކުރި, 10 އަހަރު ކުރި އަދި 15 އަހަރު ކުރިން ވެސް ކަން ހިނގަމުންދިޔަ ގޮތަށް ބަދަލެއް ނާންނަކަން ވޯޓު ފޮއްޓަށް ވޯޓު ކަރުދާސް ވައްޓާލި ވަގުތު ޔަގީން ކުރެވުނެވެ. އެކަމަކު އެއީ, އަހަރެންނަށް "ނޯމަލް" ކަމެއް ނޫނެވެ.

ތެދެކެވެ. ސިޔާސީ ކަންކަމަށް އޮތް ފޯރި ކުޑަވެއްޖެ އެވެ. ރައްޔިތުންގެ މެދުގައި ސިޔާސީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ އެވެ. ޕާޓީތަކާއި ވާދަކުރާ ކެންޑިޑޭޓުންނާ މެދު ދެކެމުން އައި ގޮތް ބަދަލުވެއްޖެ އެވެ.

ވޯޓު ގަންނަ މީހުންނަކީ އެ ނޫން ގޮތަކަށް ރައްޔިތުންގެ ތާއީދު ހޯދަން އެނގޭ ބައެއް ނޫނެވެ. ރައްޔިތުންނަށް ފައިދާ ކުރާ ސިޔާސަތެއް އެ މީހުންނަކަށް ހުށަނޭޅެ އެވެ. ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިން ރިވެތި ކެމްޕޭނެއް ކުރުމަކީ އެ މީހުން ދަންނަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިސްކުރަނީ ރަތް ނޫޓެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސަތަށް ވޯޓު ދިނުމުގެ ބަދަލުގައި ވަޒީފާ އާއި ފައިސާ އާއި ރިޝްވަތާއި ނުފޫޒާއި ބާރަށް ދީލައިލައި ވޯޓު ދިނުމުގެ ސަގާފަތެއް ރާއްޖޭގައި އޮތީ އަށަގެންފަ އެވެ.

މިކަން ހުއްޓުވެން އޮތީ ވޯޓު ވިއްކާލުމުގެ ވިސްނުން އެކީއެކަށް ދޫކޮށްލައިގެންނެވެ. މިއަދު ލިބޭ 5,000ރ. އަށް ކުރިއަށް އޮތް ފަސް އަހަރު ވިއްކާލުމަކީ މޮޔަ ކަމެކެވެ. އަހަރަކަށް 1,000ރ. ރޭޓުން ބަލާނަމަ ފަސް އަހަރުގެ ދައުރަށް ވޯޓު ތި ވިއްކާލަނީ ދުވާލެއްގެ މައްޗަށް ތިން ރުފިޔާ ވެސް ނުޖެހޭ ގޮތަށެވެ.

މަޖިލީހަށް ހޮވާ މެމްބަރަކު މިލިއަނުން ވިކުމަކީ ތިމާ އެ ދަށު ދަރަޖައަށް ވެއްޓެން ޖެހޭ ސަބަބެއް ނޫނެވެ. ދެތިން ސުޕާރީ ވެސް ނުގަނެވޭހާ އަގުހެޔޮކޮށް ހެސްކިޔާފައި ދިގު ކިއުއެއްގައި ހުރެ ގޮސް ވޯޓު އެޅުމުގެ ބޭނުމެއް ނެތެވެ. ތިމާގެ އަގު އެއަށްވުރެ މަތިވާން ޖެހެ އެވެ. ވޯޓަކީ އަމާނާތެކެވެ.

ވިހިވަނަ މަޖިލީހަކީ ވެސް ރާއްޖޭގެ ކުރިމަގާ އިންތިހާއަށް ގުޅިފައިވާ ތަނެކެވެ. މި ގައުމުގެ ބަޖެޓާއި މި ގައުމުގެ ގާނޫނުތައް ކުރިއަށް އޮތް ފަސް އަހަރު ފާސްކުރަނީ އެތަނުންނެވެ. އެތަނަށް މީހުން ހޮވުމުގައި ފައިސާ އިސްކުރުން ވެގެންދާނީ އެ ތަނަށް ހޮވާ މީހުން ވެސް އެހެން އަމަލުކުރުމަށް ދެވޭ ހިތްވަރަކަށެވެ.

ފައިސާއިން ވޯޓަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް ނިމުމަކަށް ގެނެވޭނީ ވޯޓަރުންނަށެވެ. އިސްވެ ފައިސާ ހޯދުމަށް ކެންޑިޑޭޓުން ކައިރިން އެދޭނެ ކަމެއް ނެތެވެ. ފައިސާއަށް ކެރިގެން ނޫނެކޭ ބުނާށެވެ. ވޯޓުގެ ކުރިން ބަލަންވީ ސިޔާސަތުތަކަށެވެ. ޓްރެކް ރެކޯޑަށެވެ. މެމްބަރުން އިންތިހާބުކުރަނީ ރައްޔިތުން ތަމްސީލުކުރަން ކަން ހަނދާން ނައްތާނުލާށެވެ.