Advertisement

އިންތިހާބުގެ ފަހުގެ ތައްޔާރީތައް ތަރުތީބުން ކުރިއަށް, އީސީން އެދެނީ އަމާން އިންތިހާބަކަށް!

21 އޭޕްރީލް 2024 - 06:59 0

ނިމާ ހަސަން

ނިމާ ހަސަން

މިއަދުގެ އިންތިހާބުގައި ބޭނުންކުރާނެ ބައެއް ވޯޓުފޮށިތައް ވޯޓުލާ މަރުކަޒުތަކަށް ގެންދަނީ -- ފޮޓޯ: އަދަދު


އިންތިހާބުގެ ފަހުގެ ތައްޔާރީތައް ތަރުތީބުން ކުރިއަށް, އީސީން އެދެނީ އަމާން އިންތިހާބަކަށް!

21 އޭޕްރީލް 2024 - 06:59 0

މިއަދު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފަހުގެ ތައްޔާރީތައް ތާވަލާ އެއްގޮތަށް, ތަރުތީބުން ކުރިޔަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ 'އަދަދު' ނޫހަށް ވިދާޅުވީ ރާވާފައިވާ ގޮތަށް ހެނދުނު 8:00 ގައި ވޯޓުލުން ފެށޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާއިރު، ރޭ ދަންވަރު ގިނަ މަރުކަޒުތަކަށް ވަނީ ވޯޓު ފޮށިތައް ގެންގޮސް ތައްޔާރުކޮށްފަ އެވެ. ނަމަވެސް، ވިލިމާލެ އާއި ޖަލާއި، މާލޭ ބައެއް ސަރަހައްދުތަކުގައި ބަހައްޓާ ވިއްސަކަށް ވޯޓު ފޮށި، ކަނޑައަޅާފައިވާ މަރުކަޒުތަކަށް ގެންދިޔައީ މިއަދު ހެނދުނު އެވެ.

ރަށްރަށް ވޯޓު ފޮއްޓާއި ކަރުދާހާއި ކުރިން ވަނީ ފޮނުވައިފަ އެވެ.

މިއަދުގެ އިންތިހާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހަސަން އެދިވަޑައިގަތެވެ.

އިންތިހާބާބެހޭ މައިމަރުކަޒު، ދަރުބާރުގޭގައި މިއަދު ހެނދުނު އިލެކްޝަންސް އޮފިޝަލުން. -- ފޮޓޯ: އަދަދު


"މިއަދުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމުގައި އަމާން އޮމާން, ސުލްހަވެރި މާހައުލެއް ގާއިމްކޮށްދިނުން އެއީ ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން އިލެކްޝަން ކޮމިޝަނުން އެދޭ ވަރަށް ބޮޑު އިލްތިމާސެއް," އޭނާ ވިދާޅުވި އެވެ.

ހުރިހާ ރައްޔިތުން ވެސް އަވަހަށް ނިކުމެ, ވޯޓުލުމުގެ ހައްގު އަދާ ކުރުމަށް ވެސް ހަސަން އެދިވަޑައިގަތެވެ.

މިއަދު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

ރާއްޖޭގައި ވޯޓުލާން ފަށާނީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ނިންމާނީ ހަވީރު 5:30 ގަ އެވެ.