Advertisement

އީސީގެ މެމްބަރުން ބޮޑެތި އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި

އީސީގެ މެމްބަރުން -- ފޮޓޯ: ކޮމިޝަން


އީސީގެ މެމްބަރުން ބޮޑެތި އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރުކަމުގެ މުއްދަތު ގުނައި، އިނާޔަތް ދޭން ނިންމި ގަވާއިދު އެ ކޮމިޝަނުން އުވާލައިފި އެވެ.

މިިދިޔަ ފެބްރުއަރީ 28، ގައި އީސީން ނެރެ، އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ހިމަނާފަ އެވެ.

އިީސީ އިން ތައާރަފްކުރި އުސޫލުގައި ބުނާ ގޮތުން މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާކޮށް، އިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ވަޒީފާ އިން ރިޓަޔާކޮށް އިނާޔަތް ދޭންޖެހެ އެވެ. އަދި އުމުރުން 55 އަހަރު ވުމުން މުވައްޒަފަކު ރިޓަޔާވުމަށް އެންގުމުގެ ބާރުވެސް ގަވައިދުގައި ކޮމިޝަނަށް ދީފައިވެ އެވެ.

ރިޓަޔާ ކުރުމުގައި ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 15 އަހަރު ދުވަހު މުވައްޒަފެއްގެ ގޮތުގައި ކޮމިޝަނަށް ހިދުމަތް ކޮށްފައިވާ މީހުންނަށް ކަމަށްވެސް ގަވައިދުގައިވެ އެވެ.

އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ މިއަދު "އަދަދު" އަށް ވިދާޅުވީ، އެ ގަވާއިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން ކަމަށެވެ.

އީސީން އުވާލާފައިވާ ރިޓަޔާމެންޓް ގަވާއިދު

  • ރިޓަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަކަށް ލިބޭނެ.
  • އެ މީހަކު ހިދުމަތް ކުރި އަހަރު 15 އަހަރު ދުވަހަށް ވުރެ އިތުރުވާނަމަ އެއް ފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލަނީ 15 އަހަރުގެ ހިދުމަތަށް.
  • ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދެވޭނެ.
  • ހިދުމަތް ކުރާ 30 އަހަރު ވެފައިވާނަމަ އެ އިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވެސް ޖެހޭ.
  • އުމުރު ހަމަނުވި ނަމަވެސް އީސީގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ އެ މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭނެ.

އީސީން ފެބްރުއަރީ މަހު މި ބަދަލު ގެނައި އިރު، އެ ކޮމިޝަންގައި އޭރު ތިބި ފަސް މެމްބަރުން ކަމުގަވާ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު އަލީ ނަޝާތު ވެސް އެ ގަވާއިދުގެ ދަށުން ރިޓަޔާކުރެވޭނެ އެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އަލީ ނަޝާތު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު ހަސަން ޒަކަރިއްޔާ އެވެ.