Advertisement

މޫސުން ގޯސްވިޔަސް ވޯޓުލާ ވަގުތު އިތުރެއް ނުކުރާނެ: އީސީ

20 އޭޕްރީލް 2024 - 23:10 0

ނިމާ ހަސަން

ނިމާ ހަސަން

އީސީގެ ރައީސް ފުއާދު ތައުފީގު; ވަގުތު އޮއްވާ ވޯޓުލާން ދިއުމަށް އިލްތިމާސްކުރެއްވި -- ފޮޓޯ: މިރާޝް/ އަދަދު


މޫސުން ގޯސްވިޔަސް ވޯޓުލާ ވަގުތު އިތުރެއް ނުކުރާނެ: އީސީ

20 އޭޕްރީލް 2024 - 23:10 0

މާދަމާ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު, މޫސުން ގޯސްވި ނަމަވެސް އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބާ ބެހޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ, ވޯޓުލާ ގަޑިއެއްގެ ގޮތުގައި އީސީން ނިންމާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކަމަށެވެ. އަދި އެއަށްވުރެ އެއް މިނެޓު ލަސްވިޔަސް ވޯޓުލުމުގެ ފުރުސަތު ނުލިބޭނެތީ ގަޑިތައް ހަމަ ކުރުމަށް ފުވާދު އިލްތިމާސް ކުރެއްވި އެވެ.

"ވާރޭ ވެހުނަސް އަދި ހޫނު ގަދަވިޔަސް 5:30 އަށްވުރެ ފަހަށް ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ނެތް. 5:30ގެ ކުރިން ކިއުއަށް ޖޮއިން ކުރައްވާ ބޭފުޅުންނަށް އެ ކިއުގައި ތިއްބެވި ބޭފުޅުން ވޯޓުލާ ނިމެންދެން އެ ފުރުސަތު އޮންނާނެ," ފުއާދު ވިދާޅުވި އެވެ.

ހެނދުނު 8:00 ޖަހާއިރު ވޯޓުލުން ފެށުމާއެކު, ވީހާވެސް އަވަހަކަށް ވޯޓުލާން ނުކުތުމަށް ފުއާދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަވަހަށް ނުކުމެ ވޯޓުލުމުން ކިއުގައި ނުޖެހި ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ހަވީރު ވަންދެން މަޑުކުރާ ވަރަކަށް މީހުންގެ ތޮއްޖެހުން ބޮޑުވާނީ, އެހެން ވެއްޖިއްޔާ ކިއުގައި ހުންނަވަން ޖެހޭ ވަގުތު ގިނަވެގެންދާނެ," ފުވާދު ވިދާޅުވި އެވެ.

އީސީ އާއި ފުލުހުން ގުޅިގެން ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން ވަނީ, މާދަމާ މަގުމަތީގެ ޓްރެފިކް ހަމަޖެއްސުމުގައި އާންމުންގެ އެއްބާރުލުމަށް އެދިފަ އެވެ. މާދަމާ މަގުމަތީގައި މީހުން ގިނަވާނެތީ ފުލުހުން ވަނީ މާދަމާ ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފަ އެވެ.