Advertisement

ފީފާގެ ޓީމެއް ރާއްޖެ އަށް، މުހިންމު ބައްދަލުވުންތަކެއް ތާވަލުކޮށްފި

20 އޭޕްރީލް 2024 - 19:15 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް.-- ފޮޓޯ: އަދަދު


ފީފާގެ ޓީމެއް ރާއްޖެ އަށް، މުހިންމު ބައްދަލުވުންތަކެއް ތާވަލުކޮށްފި

20 އޭޕްރީލް 2024 - 19:15 0

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއެފްސީގެ މެމްބަރުން ހިމެނޭ ޓީމެއް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން، މާދަމާ ރާއްޖެ ވަޑައިގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މުހިންމު ބައްދަލުވުންތަކެއް ބާއްވަން ތާވަލުކޮށްފި އެވެ.

ތިން މަހެއްހާ ދުވަސްތެރޭ ދެ ފަހަރެއްގެ މަތިން އެފްއޭއެމް އިން ބާއްވަން އުޅުނު އެ އިދާރާގެ އިންތިހާބު، ދެ ފަހަރު ވެސް ނުބޭއްވުނީ ފީފާ/އޭއެފްސީގެ އެންގުމަކާ އެކު އެވެ. އެ ގޮތުން، ދެ ވަނަ ފަހަރަށް އިންތިހާބު ތާވަލުުކުރީ މިއަދު ބާއްވާގޮތަށެވެ.

އެކަމަކު، އޭއެފްސީ އާއި ފީފާ އިން ވަނީ އިންތިހާބު ނުބާއްވައި މަޑުކުރަން އަންގައިފަ އެވެ. އެއީ، މައްސަލަތައް ފުނިޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތު ދެނެގަތުމަށެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފީފާ/އޭއެފްސީގެ ޓީމު މާދަމާ މާލެ އަށް ވަޑައިގަތުމަށް ފަހު، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދިވެހި ފުޓްބޯޅައާ ގުޅޭ އެކިއެކި ފަރާތްތަކާ ބައްދަލުކުރާނެ އެވެ.

ފީފާ/އޭއެފްސީގެ ޓީމު މާދަމާ، ރާއްޖެ ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާކަން، އެފްއޭއެމް އިން ވެސް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

އެ ގޮތުން، އެފްއޭއެމް އިން އެންމެ ފަހުން، ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ބައިވެރިވުމުގެ ފުރުސަތު ނުލިބުނު، ކްލަބްތަކާ ފީފާ/އޭއެފްސީ ޓީމުން ބައްދަލުކުރާނެ އެވެ. މީގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން، 2019 ވަނަ އަހަރު ފީފާގެ ޓީމެއް ރާއްޖެ ޒިޔާރާތްކޮށްފައިވެ އެވެ. އެއީ، އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދަން މަސައްކަތްކުރި ދަނޑިވަޅެއްގަ އެވެ. އެ ފަހަރު، ފީފާގެ ޓީމުން އައިސް ބެލީ، އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދަނީ އުސޫލުތަކާ އެއްގޮތަށް ތޯ އެވެ. އެކަމަކު، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ކްލަބްތަކުން ގަރާރުގައި ސޮއިނުކުރާ ކަމަށް ބުނުމުން، ފީފާ އިން ނިންމީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދެވޭ ވަރަށް ކްލަބްތަކުގެ ތާއީދު ނެތް ކަމަށެވެ.

އޭރުގެ އެފްއޭއެމްގެ ހާލަތާއި މިހާރު އޮތް ހާލަތު ތަފާތެވެ. އެފްއޭއެމް އަށް ފީފާ އިން ކަންކަމުގައި ދޭ އެއްބާރުލުން ވެސް އަންނަނީ ކުޑަވަމުންނެވެ. އެ ގޮތުން، ފީފާ އިން ގައުމުތަކަށް ދޭ ޑިވެލޮޕްމަންޓް ފަންޑް ވެސް އެފްއޭއެމަށް ދިނުން ވަނީ ހުއްޓާލައިފަ އެވެ.

އެފްއޭއެމްގެ މާލީ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނާތީ ކަމަށް އެނގިފައިވެ އެވެ. އެފްއޭއެެމްގެ ރައީސް، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އެފްއޭއެމް އަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، 2018ގެ ޖެނުއަރީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ލިބުނު 12 މިލިއަން ޑޮލަރު (191 މިިލިއަން ރުފިޔާ)ގެ ބޮޑުބައެއް، އެފްއޭއެމްގެ ރައީސް ބައްސާމްގެ އަމިއްލަ ބޭނުމެއް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.