Advertisement

ސީޒަން ނިމުމުން ނަޗޯ ރެއާލް ދޫކޮށްލަނީ

20 އޭޕްރީލް 2024 - 16:41 0

އަތޫފް އާތިފް

އަތޫފް އާތިފް


ސީޒަން ނިމުމުން ނަޗޯ ރެއާލް ދޫކޮށްލަނީ

20 އޭޕްރީލް 2024 - 16:41 0

މެޑްރިޑް (20 އޭޕްރީލް) - މި ސީޒަން ނިމުމުން ރެއާލް މެޑްރިޑްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް، އެ ޓީމު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ނިންމައިފި އެވެ.

ނަޗޯ އަކީ ރެއާލްގެ އެކަޑަމީ އިން ތަމްރީނުވެ ސީނިއާ ޓީމާ ގުޅުނު ކުޅުންތެރިއެކެވެ. ނަޗޯ، ރެއާލްގެ އެކަޑަމީއާ ގުޅުނީ އުމުރުން 11 އަހަރުގަ އެވެ.

ރެއާލްގައި ހޭދަކުރި ދިގު 23 އަހަރަށްފަހު ނަޗޯ، އެ ކްލަބް ދޫކޮށްލަން ނިންމިއިރު, ރެއާލް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި ސްޕެނިޝް ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ރެއާލަށް ކުރިއަށް ހުރި މެޗުތަކަކީ މުހިންމު މެޗުތަކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަޗޯގެ އިތުރުން ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ވެސް ސީޒަން ނިމުމުން ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ވަނީ ނިންމައިފަ އެވެ.

އެކަމަކު، މޮޑްރިޗް އަދިވެސް ހުރީ ރެއާލުން އައު ކޮންޓްރެކްޓެއް ދޭނެ ކަމުގެ އުންމީދުގަ އެވެ.

ރެއާލް ދޫކޮށް ނަޗޯ އެހެން ކުލަބަކަށް ބަދަލުވާނަމަ ބަދަލުވުން އެންމެ ގާތީ އިޓަލީގެ އިންޓަ މިލާން އަށެވެ. އިންޓަ މިލާނުން މީގެ ކުރިން ވެސް ވަނީ ނަޗޯ ހޯދަން މަސައްކަތް ކޮށްފަ އެވެ. އަދި ނަޗޯ ބަދަލުވާން އުޅޭކަމުގެ އަޑުތައް އެރުމާ އެކު އިންޓަ އިން ވަނީ ނަޗޯ ހޯދަން ޝައުގުވެރިވާކަން ފާޅުކޮށްފަ އެވެ.

ނަޗޯ ވަނީ ރެއާލާ އެކު ފަސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. އަދި މި އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލުން ކާމިޔާބުކޮށްފިނަމަ ނަޗޯ ވެގެންދާނީ މި ތަށި އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ އަށެވެ.