Advertisement

ފުރަތަމަ ލެގުގައި ބަޔާން އާއި ރެއާލް އެއްވަރު

1 މޭ 2024 - 01:59 0


ފުރަތަމަ ލެގުގައި ބަޔާން އާއި ރެއާލް އެއްވަރު

1 މޭ 2024 - 01:59 0

މިއުނިކް (މެއި 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑް 2-2 އިން އެއްވަރުވެއްޖެ އެވެ.

ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސެމީ ފައިނަލްގައި ކުޅޭ ބަޔާނުން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ރެއާލް ކައިރީގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. އެކަމަކު، އެ ވަގުތުތަކުގައި ރެއާލްގެ ކީޕަރު، އަންޑްރީ ލުނިން ހާސްކޮށްލެވޭ ވަރުގެ މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

ބަޔާނުން ރަނގަޅަށް ކުޅެމުން ދަނިކޮށް، މަންޒަރު އެއްކޮށް ބަދަލުވެގެންދިޔައީ، 24 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ، ރެއާލަށް ލީޑުނަގައިިދިނުމުންނެވެ. މިއީ، ރެއާލްގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ދިން ހިތްގައިމު ބޯޅައަކަށް އަރައި، އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ވިނީޝިއުސް ޖެހި ގޯލެކެވެ.

ރެއާލުން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. އެކަމަކު، ދެ ވަނަ ހާފުގެ 12 މިނިޓް ތެރޭ ބަޔާނުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ.

ބަޔާނުން އެއްވަރުކުރީ މެޗުގެ 53 ވަނަ މިނިޓްގައި، ލެރޯއި ސާނޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުންނެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ސާނޭ ވަނީ ބާރު ބޯޅައެއް ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ބަޔާނުން ލީޑުނެގީ ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. މިއީ، ބަޔާނުގެ ޖަމާލް މުސިއާލާ އަށް އޭރިއާތެރެއިން ރެއާލްގެ ލޫކަސް ވަޒްކޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން، ބަޔާނަށް ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓަށް ރެއާލުން ވަނީ ކްރޫސް އާއި ޖޫޑް ބެލިންހަމްގެ ބަދަލުގައި ލޫކަ މޮޑްރިޗް އާއި ބްރަހިމް ޑިއާޒް ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން، ރެއާލްގެ އެޓޭކްތައް އަވަސްވެ، މޮޑްރިޗް ހުސްކޮށްލާފައި ދިން ބޯޅައަކުން ވިނީޝިއުސް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން ވިނީޝިއުސް ޖެހި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

ރެއާލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ވެސް ވިނީޝިއުސް އެވެ. މިއީ، 83 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ، ބަޔާންގެ އޭރިއާތެރެއިން އެ ޓީމުގެ ދެކުނު ކޮރެއާ ޑިފެންޑަރު، ކިމް މިން ޖޭއި، ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށެވެ.

އަންނަ ހަފްތާގައި ރެއާލް ދަނޑުގައި ބަޔާނާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލަށް ދަތުރުކުރެވޭނެ އެވެ.