Advertisement

ރެއާލަށް ފިޓް ވިޔަސް، ކޯޓުއާ އަށް ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް؟

1 މޭ 2024 - 11:10 0


ރެއާލަށް ފިޓް ވިޔަސް، ކޯޓުއާ އަށް ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް؟

1 މޭ 2024 - 11:10 0

ބްރުސެލްސް، ބެލްޖިއަމް (މެއި 1) - އަނިޔާއިން ރަނގަޅުވެ، ރެއާލް މެޑްރިޑްގެ މެޗުތަކުގައި ކުޅެން ތައްޔާރުވަމުން އަންނަ ގޯލްކީޕަރު ތިބައު ކޯޓުއާ އަށް އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމް ސްކޮޑުން ފުރުސަތު ނުލިބޭނެ ކަމަށް ބެލެވިއްޖެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން، ކޯޓުއާގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދިގެން، އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަނަށް ފަހު، މަޑުމަޑުން ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަހު، ފެބްރުއަރީ މަހު، ޕިޗް ޓްރެއިނިންތަކަށް ނުކުތެވެ. އިންޑިވިޖުއަލް ޓްރެއިނިން ނިންމުމަށް ފަހު ޓީމު ޓްރެއިނިން އަށެވެ. ކޯޓުއާ، އެނބުރި ދަނޑަށް އަންނަން ފިޓްނަސް ލެވަލް މައްޗަށް ޖައްސަމުން ދަނިކޮށް، ކަނާތު ކަކުލުގެ މެނިސްކަސް އަށް އަނިޔާވީ، މިދިޔަ މާޗް މަހު މެދުތެރެެއިން ބޭއްވި ރެއާލުގެ ޓްރެއިނިންގަ އެވެ.

އެ އަނިޔާއިން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު، ކޯޓުއާ، 31، މިހާރު އަންނަނީ ރެއާލް ޓްރެއިނިންތަކުގައި ބައިވެރިވެ، މެޗު ސްކޮޑުތަކުގައި ވެސް ހިމެނެމުންނެވެ.

އެ ގޮތުން، މި ހަފްތާގައި ކަޑިޒްއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި ކޯޓުއާ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ބެލްޖިއަމްގެ ކޯޗު، ޑޮމެނީކޯ ޓެޑެސްކޯ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކޯޓުއާއާ ބެހޭ މައުލޫގައި ދައްކަން އޮތީ އެއް ވާހަކައެއް ކަމަށާއި އެއްކޮށް ފިޓްނުވާ ކުޅުންތެރިއަކު ޔޫރޯ ސްކޮޑަށް ނާރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިން އިންޓަވިއުއެއްގައި ކޯޓުއާ ވެސް ވަނީ، އޭނާ އަށް ޔޫރޯ ފެށެންވާއިރަށް އެއްކޮށް ފިޓްނުވެވޭނެ ކަމަށެވެ. އެކަމަކު، އޭރުގެ ހާލަތާއި މިހާރު އޭނާ ހުރި ފިޓްނަސް ތަފާތެވެ.

ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައިވާ ކޯޓުއާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 102 މެޗު ކުޅެދީފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ބެލްޖިއަމް ހިމެނެނީ ސްލޮވާކިއާ އާއި ރުމޭނިއާ އަދި ޔޫކްރެއިންއާ އެއް ގްރޫޕެއްގަ އެވެ.