Advertisement

ސިޓީން ޕާމާ ވިއްކާލި ސަބަބު ގާޑިއޯލާ އޮޅުންފިލުވައިދީފި

20 އޭޕްރީލް 2024 - 11:56 0


ސިޓީން ޕާމާ ވިއްކާލި ސަބަބު ގާޑިއޯލާ އޮޅުންފިލުވައިދީފި

20 އޭޕްރީލް 2024 - 11:56 0

ލަންޑަން (އޭޕްރީލް 20) - މެންޗެސްޓާ ސިޓީން އިނގިރޭސި ޒުވާން ވިންގް، ކޯލް ޕާމާ، ޗެލްސީ އަށް ވިއްކާލަން ނިންމި ސަބަބު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީޑިއާގައި ހާމަކޮށްފި އެވެ.

ސީޒަން ފެށުނު ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު، ސިޓީން ޗެލްސީ އަށް ޕާމާ، 21، ވިއްކާލީ 53 މިލިއަން ޑޮލަރަށެވެ. ޕާމާ ވަނީ ލީގުގައި 20 ގޯލު ޖަހައި، ރަން ބޫޓުގެ ރޭހުގައި، ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާ އެއްވަރުކޮށްފަ އެވެ.

"ޕްރީ ސީޒަނުގެ ތެރެއިން އަހަރެން ބުނިން، ރިޔާދު (މާރޭޒް) ގޮސްފިއޭ. އެހެންވީމަ މަޑުކުރަން ޖެހޭނެއޭ. އެކަމަކު، ޕާމާ ބުނީ އޭނަ ޓީމު ދޫކޮށްލަން ބޭނުންވާ ވާހަކަ. ދެ ސީޒަނުގައި އޭނަ އެހެން ބުނީމަ އަހަންނަށް މީގެ ކުރެވޭނެ އިތުރު ކަމެއް ނެތް،" އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި މީޑިއާ އިން އަންނަނީ ސިޓީން ޕާމާ ވިއްކާލުމަކީ ގޯސް ނިންމުމެއް ކަމަށް ބުނެ، ގާޑިއޯލާގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. ގާޑިއޯލާ ވަނީ އޭނާ އެ ނިންމުން ތަކުރާރުކޮށް ދިފާއުކޮށްފަ އެވެ.

"ޖެހިޖެހިގެން ދެ އަހަރު ކުޅުންތެރިއަކު ދާން ބޭނުންވެފައި ހުއްޓައި އަހަންނަށް ނުހުއްޓުވޭނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ އެކު، ޕާމާ ވަނީ 2021 ވަނަ އަހަރު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު، އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، ޗެލްސީ އަށް ބަދަލުވެފައި މި ވަނީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގަ އެވެ. ގާޑިއޯލާ ބުނީ، މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި ޕާމާ ހޯދަމުން އަންނަނީ އެކަށީގެންވާ ރަނގަޅު ކުރިއެރުންތަކެއް ކަމަށެވެ.

ޗެލްސީ އާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ 21:15 ގަ އެވެ.