Advertisement

އިތުރު ދެ އަހަރަށް ޖަރުމަނުގައި މަޑުކުރަން ނާގަލްސްމަން ނިންމައިފި

19 އޭޕްރީލް 2024 - 15:38 0


އިތުރު ދެ އަހަރަށް ޖަރުމަނުގައި މަޑުކުރަން ނާގަލްސްމަން ނިންމައިފި

19 އޭޕްރީލް 2024 - 15:38 0

ބާލިން (އޭޕްރީލް 19) - ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިތުރު ދެ އަހަރު ހުންނަން ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކުރުމަށް ފަހު، ނާގަލްސްމަން، 36، އާ ޖަރުމަނު ޓީމު ހަވާލުކުރީ، މި އަންނަ ޖޫން/ޖުލައި ގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެެވެ.

ނާގަލްސްމަން ކޯޗަކަށް ގެންދަން ބަޔާން މިއުނިކާއި ބާސެލޯނާ އިން މަޝްވަރާ ކުރަމުން އަންނަނިކޮށް، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން މި ވަނީ ނާގަލްސްމަންއާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެއީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ.

"މިއީ ވަރަށް ބޮޑަށް ހިތާއި ގުޅިފައި އޮތް ޖަޒުބާތީ ނިންމުމެއް. ގައުމީ ޓީމަށް ހިދުމަތްކޮށްދިނުމަކީ ވަރަށް ފަހުރުވެރިކަމެއްގެ ގޮތުގައި ދެކެނީ،" ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން ބޮޑު މުބާރާތެއްގެ ގަދަ 16 ބުރު ފަހަނައަޅައިދިޔައީ އެންމެ ފަހުން، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓިއިރު، އެންމެ ފަހުން ކުޅުނު ޔޫރޯގެ ގަދަ 16 އިން އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ބާން ނެއުންޑޯފް ވިދާޅުވީ، ގިނަ ކްލަބްތަކެއް ނާގަލްސްމަން އަށް ފާރަލަމުން އަންނާތީވެ، ފެޑެރޭޝަނުން އަވަހަށް ނިންމީ ނާގަލްސްމަންއާ އެކު ކުރިއަށްދިއުމުގެ އިތުބާރު އޮތް ކަން ދައްކައި، އޭނާގެ މަސައްކަތުގައި ކުރިއަށްދާން ހިތްވަރު ދިނުމަށް ކަމަށެވެ.

ޖަރުމަނުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވަނީ ފްރާންސާއި ނެދަލެންޑްސް ބަލިކޮށްފަ އެވެ. ޔޫރޯގެ ކުރިން ޖަރުމަނު ކުޅޭ ދެ މެޗުގައި ބައްދަލުކުރާނީ ޔޫކްރެއިނާއި ގްރީސްއާ އެވެ.