Advertisement

ގާނޫނު ހަދާ މަޖިލީހަށް ގާނޫނީ ވަކީލެއް!

19 އޭޕްރީލް 2024 - 10:24 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ސައްޔާހު ހަލީލު


ގާނޫނު ހަދާ މަޖިލީހަށް ގާނޫނީ ވަކީލެއް!

19 އޭޕްރީލް 2024 - 10:24 0

ކުރަން އުޅޭ މަސައްކަތާއި، ޒިންމާއަށް އެއީ އާ މީހެއް ނޫނެވެ. ތޫނުފިލި، އިލްމާއި ތަޖުރިބާ އެބަ ހުއްޓެވެ. ނަޒާހަތްތެރިކަމާއި އިތުބާރުގައި ކޫރުމެއް، ލައްގަނޑެއް ނެތެވެ. ރައްޔިތުންނަށް ހިދުމަތް ކުރާން ވާދަކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މި ސިފަތައް، އާދީއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށީ ދާއިރާ އަށް، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ސައްޔާހު ހަލީލުގެ ކިބައިގައި އެބަ ހުއްޓެވެ.

ގއ. ކޮލަމާފުއްޓަށް އުފަން ސައްޔާހު ސާނަވީ ތައުލީމު ހާސިލްކުރީ ގއ. އަތޮޅު މަދަރުސާއިންނެވެ. މަދަރުސީ ދައުރުން ފެށިގެންވެސް، ސައްޔާހު އަކީ އިޖްތިމާއީ އެކި އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ، ކަންކަމުގައި އިސްނަގައި، އެކުގައި އުޅޭ މީހުން ގޮވައިގެން މަސައްކަތްކުރަން ފަރިތަ މީހެއް ކަމަށް، ޅަފަތުގެ ދައުރުގައި އެކުގައި އުޅުނު ރައްޓެހިން އޭނާ ސިފަކުރެ އެވެ.

މާލެއަށް 2007 ވަނަ އަހަރު ދިރިއުޅުން ބަދަލުކޮށް، މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައި ވަނީ ސީއެޗްއެސްސީއިންނެވެ. ސީއެޗްއެސްސީގެ ދަރިވަރެއްގެ ގޮތުގައި، އޭނާ ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ހިންގުނު ހަރަކާތްތަކުގައި އިސް ދައުރެއް އަދާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސުކޫލް ފެންވަރުގައި ވަކާލާތުތަކެއްކޮށްފަ އެވެ.

ސިޔާސީ ކަންކަމަށް ޝައުގުވެރިކަން އުފެދުނީ، މިހާރު އަމަލުކުރަމުންމިދާ ފެހި ގާނޫނުއަސާސީގެ ދަށުން ޑިމޮކްރަޓިކް އުސޫލުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބާ ހަމައިންނެވެ. އެއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފެށިގެންދިޔަ ހިސާބެވެ. އޭރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ.

އެއީ، ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ ޅަފަތުގެ ދުވަސްވަރުގަ އެވެ. ރާއްޖެއަށް ޑިމޮކްރަޓިކް ވެރިކަމެއް ތައާރަފުކުރުމުގެ މުލުގައި އޮތް އެމްޑީޕީގެ ފަރާތުން ސިޔާސީ ކަންކަމާއި ޑިމޮކްރެޓިކް ޕްރޮސެސް އަށް ރައްޔިތުން އަހުލުވެރިކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ހިންގި ދުވަސްވަރެވެ.

އެ ދުވަސްވަރު، ޒުވާނުންގެ ހިތްވަރުގެ ނަމުގައި ޕާޓީގެ ވަކި ގުނަނެއް އުފައްދައި، އެ ހަރަކާތުގެ ތެރެއިން، ޒުވާނުން ސިޔާސީ ދާއިރާއަށް އަހުލުވެރިކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްތަކެއް ހިންގިއެވެ. ސިޔާސީ ދާއިރާގައި ސައްޔާހު އަމަލީ ގޮތުން ހަރަކާތްތެރިވާން ފެށީ އެހާހިސާބުންނެވެ. ހުދު އޭނާއަކީ ވެސް އެ ހަރަކާތުގެ ތެރެއިން، ސިޔާސީ ދާއިރާއަށް ތައާރަފުވެގެންދިޔަ ޒުވާނެކެވެ.

ގާނޫނު ހަދާ މަޖިލީހަށް ގާނޫނީ ވަކީލެއް!

ގާނޫނީ އަދި ޝަރުއީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށްފަހު މިވޭތުވެދިޔަ މުއްދަތުގައި އޭނާ މަސައްކަތްކޮށްފައިވަނީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ތަފާތު ބާވަތުގެ މައްސަލަތަކުގައި ވަކާލާތުކުރުމުގެ އިތުރުން، ގާނޫނު ޑްރާފްޓުކުރުމުގެ މަސައްކަތުގައިއާއި، އުފެދޭ ދުސްތޫރީ ހިލާފުތަކުގައި އެކިފަރާތްތަކަށް ގާނޫނީ ލަފާދިނުމުގެ މަސައްކަތުގައި ޝާމިލުވުމުގެ ފުރުސަތުވެސް އޭނާއަށް ލިބިފައިވެއެވެ.

ސައްޔާހު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ގާނޫނުއަސާސީއިން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނީ، އެ މަސައްކަތްތަކަށް އަހުލުވެރި އަދި އެ މަސައްކަތުގެ ތަޖުރިބާ ހުރި ބަޔަކު އެ މަސައްކަތާ ހަވާލުވެގެންނެވެ. ގާނޫނީ މަސައްކަތުން އޭނާއަށް ލިބިފައިވާ ތަޖުރިބާއަކީ ރައްޔިތުންގެ މަޖިލީހުގައި ކޮލަމާފުށި ދާއިރާ ތަމްސީލުކޮށް، ދާއިރާގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެވޭނޭކަމަށް އޭނާއަށް އޮތް އެންމެ ބޮޑު ޔަގީން ކަމެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ ރައްޔިތުންގެ ވިސްނުން އޭގެން ފެންނަ އަދި ޒުވާން އާބާދީގެ އީޖާދީ ވިސްނުން އެކުލެވިގެން ފަރުމާކުރެވޭ ގާނޫނުތަކެއްކަން ކަށަވަރުކުރުމެވެ.

މާމެންދޫގައި ބޭއްވި ކެމްޕޭނު އިވެންޓުގައި ސައްޔާހު ވާހަކަ ދައްކަނީ.


މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ތަސައްވުރު

ސައްޔާހު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމީ، ކޮލަމާފުށި ދާއިރާގެ ރައްޔިތުން ތަމްސީލުކުރާ މެމްބަރަކީ، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް މަސައްކަތްކުރާނެ، އަދި ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ދަނެގެން، އެމީހުންގެ ވިސްނުމާ އެއްގޮތަށް އެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންވެގެންދާނެ ގޮތަކަށް މަސައްކަތްކުރާނެ މީހަކު އެ މަގާމުގައި ހުންނަންޖެހޭ ކަމަށް ގާބޫލުކުރެވޭތީ އެވެ.

އޭނާ ދެކޭ ގޮތުގައި، ކޮލަމާފުށީ ދާއިރާގައި ހިމެނޭ ކޮލަމާފުށްޓާއި މާމެންދޫގެ ރައްޔިތުންނަކީ، ހީވާގީ، ކެރޭ، މަސައްކަތްތެރި ބައެކެވެ. އެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވަނީ ރަނގަޅު މިސްރާބާއި މަގު ދައްކައިދޭނެ އަދި ވަސީލަތްތައް ލިބިގެންދާނެ މަގެކެވެ. ރައްޔިތުންނަށް ބޭނުންވަނީ، ވަކި މީހަކަށް ބަރޯސާވެގެން ނޫން ގޮތަކަށް ކަންކަން ފަހިވެގެންދިޔުމެވެ. ރައްޔިތުން ތަމްސީލުކުރާ މެމްބަރެއްގެ ހައިސިއްޔަތުން، ގާނޫނީ އޮނިގަނޑުގެ ތެރެއިން، ރައްޔިތުން އެދޭ މިސްރާބާއި، ވަސީލަތްތަކާއި ތަރައްގީއަށް މަގުފަހިވާނެ މާހައުލު ބިނާކޮށްދޭން އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އޭނާ އެހުރީ އަޒުމުކަނޑައަޅައިގެންނެވެ.

އޭނާގެ ދާއިރާއާ މެދު ގެންގުޅޭ ތަސައްވުރަކީ، އަމިއްލަ މަސައްކަތުން ދިރިއުޅޭ ފަހުރުވެރި ރައްޔިތުންތަކެއް ވެގެން އެ ދާއިރާ ތަރައްގީ އާއި ތަމައްދުނުގެ ރޮނގުން ކުރިއަރައިދިޔުމެވެ. ވަކި މީހަކު ބުނީމާ ބުނާ ގޮތް ހަދައިގެން ނޫން ގޮތަކަށް ކުރިއަށް ނުދެވޭނެ ގޮތަށް ރޭވި ހަމަޖެހިފައިވާ އެންމެހައި އިންތިޒާމުތަކެއް ނައްތާލުމަކީ އޭނާ އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމެވެ.

ޒުވާނުންނަކީ، ސަރުކަރުން ދޭ ވަޒީފާތަކުގެ އަޅުންނައް ވަމުންދާ ދިޔުން ނިމުމަކަށްގެނެސް، ރަށުގައި ތިބެގެން އަމިއްލަ ވިޔަފާރު ކުރާ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. ޒުވާނެއްގެ ހައިސިއްޔަތުން، މާލެ އަށް ދިރިއުޅުން ބަދަލުކޮށްގެން އޭނާއަށް ލިބުނު ފަދަ ފުރުސަތުތައް، މާލެ އަށް ދިރިއުޅުން ބަދަލުނުކޮށް ރަށުގައި ތިބެގެން ދާއިރާގެ ޒުވާން ޖީލަށް ލިބިގެން ދިޔުމެވެ. މަތީ ތައުލީމު ހާސިލްކުރަން އަމިއްލަ ރަށް ދޫކޮށް ދިޔުމުގެ ބަދަލުގައި، އާއިލާއާއި ރައްޓެހިގެން މެދުގައި ދިރިއުޅެމުން ދުނިޔޭގެ ފެންވަރުގެ ތައުލީމު ހާސިލްކުރުމުގެ މަގު ފަހިވެގެންދިޔުމެވެ. ވަޒީފާތައް އުފައްދާ، ރަށަށް ލިބޭ އާމްދަނީ އިތުރުކުރާނެ ޒުވާނުންތަކެއް އުފެއްދުމެވެ.

މި ކަންކަން އޭނާ ކުރާނީ، ގާނޫނުތަކުގެ ޒަރިއްޔާއިންނެވެ. ގާނޫނުގެ ރައްކާތެރިކަން ލިބިގެންދާނެ ގޮތަކަށެވެ. ކޮންމެ 5 އަހަރަކުން ސަރުކާރުތައް ބަދަލުވީމާ، ވަޒީފާތައް ގެއްލި، ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުން ނުތަނަވަސްކަމަށް ވެއްޓިގެންދާނެ ޖާގަ ލިބިގެންނުދާނެ ގޮތަކަށެވެ.

ސަރުކާރު ޖަވާބުދާރީކުރުވޭނީ، ސަރުކާރާ ބަނދެވިފައިނުވާ މީހަކަށް

ސަރުކާރު ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އެއް މަސްއޫލިއްޔަތު ކަމަށްވާއިރު، ސައްޔާހް ދެކޭގޮތުގައި، އެކަން ކުރެވޭނީ، ސަރުކާރާ ބަނދެވިފައިނުވާ މީހަކަށެވެ. ސައްޔާހަކީ އެމީހާއެވެ. ސަރުކާރުން ދާއިރާއަށް ކޮށްދިނުމަށް ވައުދުވެފައިވާ ކަންކަން ލަސްވާނަމަ، ސަރުކާރު ޖަވާބުދާރީކުރުމަށް ރައްޔިތުންގެ މަޖިލިސް މެމްބަރަކާ މަތިކޮށްފައިވާ ޒިންމާގެ ތެރެއިން ވަޒީރުންނާ ސުވާލުކުރުމަށް އޭނާ ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އޭނާއަކީ، ސަރުކާރުން ކުރިމަތިކުރުވާނެ ހުރަހަކަށް ނުވަތަ ސަރުކާރުގެ ނުފޫޒަކަށް ދީލާލާނެ މީހެއް ނޫނެވެ.

އެކަން އޭނާ ވާނީ ސާބިތުކޮށްދީފައެވެ. އޭނާއަކީ، ކޮންމެ ސަރުކާރެއް އޮތަސް، ހައްގު މަގުން ވަކާލާތުކުރުމަށް ފަސްޖެހޭނެ މީހެއް ނޫނެވެ. އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، އިދިކޮޅު ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން މެނުވީ ސަރުކާރު ޖަވާބުދާރީނުކުރުވޭނެއެވެ. ސަރުކާރުގެ އިހްމާލުތަކަށް ލޯ މަރަލާ، އެ އިހުމާލުތައް ސިއްރުކުރާނެ މީހަކަށް ހަމަ ގައިމުވެސް އޭނާ ނުވާނެކަމުގެ ކަށަވަރުކަން އޭނާ ދެއެވެ.

މަޝްވަރާގެ އުސޫލު އިސްކުރާނެ، ފަސްބައި ސާފުވާނެ

ސައްޔާހުއާއެކުގައި މަސައްކަތްކޮށްފައިވާ މީހުން އޭނާ ސިފަކުރަނީ، ހިޔާލު ތަފާތުވުން ތަކުގެ ތެރެއިން ހައްލު ހޯދަން ބާރުއަޅާ، މަޝްވަރާގެ އުސޫލު އިސްކުރާ މީހެއްގެ ގޮތުގައެވެ. މިއީ، ތަފާތު ސިޔާސީ ފިކުރުތަކުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާތަކަށް ޖާގަދީ، އަދި މަޖިލީހުގެ ތަޅުމުގައިވެސް ތަފާތު ވިސްނުންތަކުގެ މީހުންނާ އެކުގައި މަސައްކަތްކުރުމަށް ލިބޭނެ ބާރަކަށް ވާނެ ކަމަށް އޭނާ ދެކެ އެވެ.

ފެށުނީއްސުރެވެސް ވަކާލާތުކުރަމުންދިޔައީ، ރައްޔިތުންގެ ހާލަތު ރަނގަޅުވާނެ މަގަކަށް ކަންކަން ތަރުތީބުވެގެންދިޔުމަށެވެ. އަސާސީ ހިދުމަތްތައް ލިބިގަތުމަށް ނުވަތަ ތަރައްގީގެ ކަންކަން ބާރު ދުވެލީގެ ކުރިއަށް ގެންދިޔުމުގެ ހަމައެކަނި މަގަކީ، ކޮންމެވެސް ބާރުވެރި މީހެއްގެ ގާތުގައި ބުނެގެން، އެމީހަކު ހުށަހަޅާ ކަންކަމުގެ ބަދަލު ދީގެން ނޫން ގޮތަކަށް އޮތް ސަގާފަތަކީ އޭނާ ނުރުހޭ ކަމެކެވެ.

އޭނާގެ ފަސްފަހަތަށް ބަލާއިރު، އޭނާއަކީ އަމިއްލަ މަސައްކަތުން ޒުވާނުން އުމުރެއްގައި ދިރިއުޅުމެއް އާރަސްތުކުރި މީހެކެވެ. ފަސްބައިގައި ކިލަނބުކަމެއް ނެތް، ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކުން ބަރީއަވެފައިވާ މީހެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަވެސް، އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރާނީ، ނަޒާހަތްތެރިކަމުގެ މައްޗަށް ކަމަށް ސައްޔާހު ބުނެ އެވެ.

"ނިންމުންތައް ނިންމުމުގައި، އިންތިހާބުވާ ސިޔާސީ ހައިސިއްޔަތަށް ލެނބުމުގެ ބަދަލުގައި، ބުރަވާނީ ހަމަހަމަކަމުގެ އަސާސްގެ މައްޗަށެވެ. ސިޔާސީ ވިސްނުމަށް ބަލައި އެއްވެސް ފަރަގެއް ގެންގުޅުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫނެވެ."

ގާނޫނުއަސާސީ ނިޔާކުރާ ގޮތުން އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައެވެ. ރައްޔިތުންގެ ފަރާތުން ގާނޫނުތައް ހަދައި، ސަރުކާރު ޖަވާބުދާރީކުރުމަށް، ރައްޔިތުން ހިޔާރުކުރާ މަންދޫބުންތަކެއް އިންތިހާބު ކުރަނީ، ރައްޔިތުންގެ އެ މުގައްދަސް ބާރުގެ ބޭނުން ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށެވެ.

ސައްޔާހު ދެކޭ ގޮތުގައި، އެމީހާގެ މަސައްކަތްތައް ބައްޓަންވާންޖެހޭނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން، ރައްޔިތުންގެ ވިސްނުންތައް ހިމެނިގެންނެވެ. ވަޒީފާއެއްގެ ކަސްތޮޅުގައި މީހާ އަޅުވާފައި ބެހެއްޓުމުގެ ބަދަލުގައި، ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ލޯނު ލިބޭނެ ފުރުސަތު މަޖިލީހުގެ ތެރެއިން ފަހިކޮށްދީގެން، ވަޒީފާތައް އުފައްދާނެ ޒުވާނުންތަކެއް ތަރައްގީކޮށްގެންނެވެ. މިނިވަންކަމާއެކު ދިރިއުޅުން ވޭތުކުރާނެ ރައްޔިތުންނަކީ އެއީ އެވެ.

އޭނާގެ މި ވިސްނުމާއި ތަސައްވުރަށް އިތުބާރުކޮށް، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި އިންތިހާބުކޮށްދީފި ނަމަ، ރައްޔިތުން ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތެވެ. އޭނާ ބުނި ގޮތުގައި، އޭނާ އަކީ ރައްޔިތުންގެ ވެރިޔަކަށް ހެދިގެން އުޅޭނެ މީހަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާ ވާނީ، ރައްޔިތުންގެ މިތުރަކަށް އަދި ހާދިމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ ކުރިމަތިލައިގެން އެހުރީ. ރައްޔިތުން މަތިކުރީ މުހިންމު ޒިންމާ އެއް ކަމަށް ދެކިގެން، ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައެވެ. އެނޫންގޮތަކަށް ކަންކުރުމަކީ އޭނާގެ މިޒާޖާ ވެސް ނުބައްދަލު ކަމެކެވެ.

އޭނާގެ އެދެނީ، ދާއިރާގެ އެންމެހައި ރައްޔިތުންގެ އިތުބާރާއި ތާއީދެވެ. ރައްޔިތުންގެ މަޖިލީހަށް ގެއްލިފައިވާ އިތުބާރާއި ގަދަރު އަލުން އެ މަޖިލީހަށް ލިބި، އެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރެވޭ ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެންދިއުމެވެ. މަގުސަދު ހާސިލުކުރުމަށް ރައްޔިތުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ދެއްވުމަށެވެ.