Advertisement

ސަމްހާ، 5000 މީޓަރު ދުުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

18 އޭޕްރީލް 2024 - 11:55 0


ސަމްހާ، 5000 މީޓަރު ދުުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

18 އޭޕްރީލް 2024 - 11:55 0

އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، ތަޖުރިބާކާރު ދުވުންތެރިޔާ، ސަމްހާ އަހުމަދު މުގުރާލައިފި އެވެ.

ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ސަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ.

ކުރިން މި ރެކޯޑް އޮތީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިމިނަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. އެ ގޮތުން، ޖާއިޝާ ރެކޯޑް ހެދީ، 2022 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 19 މިނިޓް، 43.09 ސިކުންތުން ދުވެގެންނެވެ.

ކުރިން ސްޕްރިންޓު ރޭސްތަކުން ފެނިގެންދިޔަ ސަމްހާ މިހާރު ހާއްސަވެފައިވަނީ، ދިގު ރާސްތާ ދުވުމަށެވެ.

އެ ގޮތުން، ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާ އަންނަނީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދާ އެއްގޮތަށް ޓްރެއިނިންތައް ގެންދަމުންނެވެ. ސަމްހާ ވަނީ، މެރަތަން އާއި ހާފް މެރަތަންގެ ގައުމީ ރެކޯޑް ވެސް މިދިޔަ އަހަރުތަކުގައި މުގުރާލައިފަ އެވެ.

މި މަހު އަށް ވަނަ ދުވަހު، 42 އަހަރު ފުރުނު ސަމްހާ ވަނީ މިދިޔަ އަހަރު، 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

މީގެ ކުރިން، އޮލިމްޕިކްސްގައި ވެސް ވާދަކުރުމުގެ ޝަރަފް ހޯދި ސަމްހާ އަތުގައި، 21 އަހަރު ވަންދެން ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް އޮތެވެ. އެ ގޮތުން، ކެނަޑާގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ސަމްހާ ރޭސް ނިންމާފައިވަނީ 12.27 ސިކުންތުންނެވެ. އެ ރެކޯޑް، 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި، ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން ވަނީ މުގުރާލައިފަ އެވެ. ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ